"ވޮންޑަ ވުމަން 1984" މިހާރު ޑިސެމްބަރު 25 ގައި

ކޮވިޑް-19އާ ހެދި މި އަހަރު ފެށުނީއްސުރެ ރިލީޒްކުރާ ތާރީހަށް ބަދަލުތަކެއް ގެންނަމުންދާ ބަތަލާ ގަލް ގެޑޯގެ ސުޕަހީރޯ ފިލްމު "ވޮންޑަ ވުމަން 1984" އަނެއްކާ ވެސް ފަސްކޮށްފި އެވެ.


އެ ފިލްމު ގެނެސްދޭ ވޯނާ ބްރަދާޒުން ބުނީ ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް އެންމެ ފަހުން އިއުލާންކުރި އަންނަ މަހުގެ 2 ގެ ބަދަލުގައި "ވޮންޑަ ވުމަން 1984" މިހާރު ތާވަލުކޮށްފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 25 އަށް ކަމަށެވެ.

އެ ސްޓޫޑިއޯ އިން ބުނީ މި ފިލްމަކީ ޑައިރެކްޓަރު ޕެޓީ ޖެންކިންސްގެ ވަރަށް ފުރިހަމަ، މޮޅު މަސައްކަތެއް ފެނިގެންދާނެ ފިލްމަކަށްވާތީ އާއި ފިލްމަށް ބެލުންތެރިން ބޮޑު އުންމީދެއް ވެސް ކުރާކަން އެނގޭތީ ފިލްމު އަޅުވަން ބޭނުން ވަނީ ރަނގަޅު ދަނޑިވަޅަކާ ދިމާކޮށްފައި ކަމަށެވެ. އެގޮތުން ޑިސެމްބަރަށް ފިލްމު ފަސްކުރުމަކީ ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކުރާ އިރު، ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގައި ފިލްމު އަޅުވަން ފުރުސަތު ފަހިވާނެ ކަމަށް ބުންޏެވެ.

"ފިލްމާ ދޭތެރޭ އަހަރެމެން ވަރަށް ފަހުރުވެރިވަން. ހަމަ ޔަގީނުން ވެސް ބެލުންތެރިން އުންމީދުކުރާ ވަރުގެ އެއްޗަކަށް މީތި ވާނެ،" ވޯނާ ބްރޮސްފެ ޗެއާމަން ޓޮބީ އެމެރިޗް ބުންޏެވެ.

ޕެޓީ ވެސް ބުނީ "ވޮންޑަ ވުމަން 1984" ގެ ނޭޅުވި ލަސްވުމަކީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނި ގޮތުގައި އެންމެ މުހިއްމު ކަމަކީ އެ ފިލްމަށް އިންތިޒާރުކޮށްގެން ތިބި ގިނަ ބަޔަކަށް ފިލްމު ސިނަމާތަކުގައި ބެލޭނެ ގޮތްވުމެވެ. އެހެންވެ ޑިސެމްބަރުގައި ފާހަގަކުރާ ކްރިސްމަސް ބަންދުތެރޭގައި ފިލްމު އެޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ.

"ވޮންޑަ ވުމަން 1984" އަކީ ޕޭޓީ 2017 ގައި ގެނެސްދިން "ވޮންޑަ ވުމަން" ގެ ސީކްއެލް އެވެ. މީގެ ޓައިޓްލް ރޯލުން މި ފަހަރު ވެސް ގަލް ފެނިގެންދާ އިރު، އިތުރު ކާސްޓުންގެ ތެރޭގައި ކްރިސް ޕައިން، ކްރިސްޓެން ވިގް، ޕެޑްރޯ ޕާސްކަލް، ރޮބިން ރައިޓް އަދި ކޮނީ ނީލްސަން ހިމެނެ އެވެ.

"ވޮންޑަ ވުމަން 1984" އަކީ އެންމެ ފުރަތަމަ މި އަހަރުގެ ޖޫން 5 ގައި ސިނަމާތަކަށް ގެންނަން ތާވަލުކުރި ފިލްމެކެވެ.