މުނިފޫހިފިލުވުން / ދިގު ވާހަކަ

ލޯބި ހޯދަން ލޯތްބާ ދުރަށް

ބުދަ ދުވަހާ ގުޅޭ

"ހިނގާ ފޮއްޓަށް އެއްޗެހި އަޅަން. ހެނދުނު ކޯޓަށް ދާންޖެހޭނެ." ފެންކަޅިވި ނަމަވެސް ހިނިތުންވެފައި މިހާދު ބުންޏެވެ.

އަލަމާރީގެ ކޮނޑުތަކުގައި ހުރި ހެދުންތައް ނަގައިފައި ދިއްކުރީ މިހާދެވެ. ފޮށީގައި ތަރުތީބުކުރީ ރިފާއެވެ. އެތައް ވާހަކައެއް ދައްކަން ދެ މީހުން ވެސް ބޭނުމެވެ. އެކަމަކު އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ފޮއްޓަކަށް ފަހު ފޮއްޓެއް ފުރެމުން ގޮސް ބޮޑު ތިން ފޮށި ފުރުނެވެ. ފަހު ފޮށި ލެއްޕި އިރު ގަޑިން ދަންވަރު ބާރަގަޑި ބައި ވަނީއެވެ.

"ދެން ހިނގާ ނިދަމާ ދޯ!" ރިފާ ބުނެލިއެވެ.

"މިރެޔަކު ނިންޖެއް ނާންނާނެ،" މިހާދު ބުންޏެވެ. "ދިޔުމުގެ ކުރިން ހިތްފުރެންދެން ބަލަން ބޭނުން."

ރިފާގެ ހިތް ރޮއިގަތް އަޑު މިހާދަށް އިވިދާނެތީ ނިކަން ބާރަށް ރިފާ ހީނގަތެވެ. ހިނިތުންވުން ތުންފަތުގައި ކުރަހައިގެން ރިފާ ފޮރުވީ ކޯޗެއްކަން މިހާދަށް އެނގެއެވެ. އެހެންވެ މިހާދު ކަޅިޖަހައި ނުލައި ބަހަލައްޓައިގެން ހުރީއެވެ. ހީނހީނ ހުއްޓައި ރިފާ ފެންކަޅިވިއެވެ.

"ތި އުޅެނީ އަހަރެން ރޮއްވާލަންތަ؟" އެހެން އެހި އިރު ރިފާގެ އަޑު ހުރީ ބެދިފައެވެ. "އަހަންނާ ނުލާ އުޅެން ދަސްކޮށްބަލަ!"

"ހީވޭތަ ތި ކަން ވާނެހެން؟" މަޑުމަޑުން މިހާދު ބުންޏެވެ.

ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ރިފާ އެނދުގައި އޮށޯތެވެ. ލޯމަރައިލިއެވެ. މިހާދު އެނދުގައި އިށީންކަން ރިފާއަށް އިހުސާސްވިއެވެ. އެތައް އިރެއް ވީއިރު ވެސް މިހާދު ވާހަކައެއް ނުދައްކައެވެ. ހަރަކާތެއް ވެސް ނުކުރެއެވެ. ރިފާ ލޯ ހުޅުވައިލިއެވެ. މިހާދު އިނީ ބަލަހައްޓައިގެންނެވެ. ރިފާ ލޯމަރައިލިއެވެ. ދޭއްޖެހި އިރާއި، ތިންގަޑި ބައިވި އިރާއި، ހަޔެއް ޖެހި އިރު ވެސް ރިފާއަށް ހޭލެވުނެވެ. މިހާދު އިނީ ބަލަހައްޓައިގެންނެވެ. ދެން ރިފާޔަށް ހޭލެވުނީ ހަތެއް ޖެހި އިރެވެ. އޭރު މިހާދެއް ނެތެވެ. އެކަމަކު ނޯޓެއް ލިޔެފައި، ފިނިފެންމަލަކާ އެކުގައި ބާއްވައިފައި އޮތެވެ.

"ނުވަޔެއް ޖަހާ އިރު އަންނާނަން ބަލާ!" ނޯޓުގައި އޮތެވެ.

ރިފާ އެނދުން ފޭބި އިރު ކޮޓަރީގެ ތަޅުންގަނޑެއް ނުފެނެއެވެ. ފިނިފެންމަލުގެ ފިޔަތަކުން ތަޅުންގަނޑު އޮތީ ފޮރުވިފައެވެ. އިރުކޮޅެއް ވަންދެން ރިފާ ހުއްޓުންއަރައިފައި އިނެވެ. މިހާދު ދޫކޮށް ނުލާން ރިފާގެ މުޅި ހަށިގަނޑު އާދޭސްކުރަމުން ގެންދިޔައެވެ.

"ހިތްހެޔޮކުރާތި!" ފާހާނައިގެ ދޮރު ހުޅުވައިލި އިރު ފާރުގައި ލިޔެފައި ފިނިފެންމަލެއް ތަތްކޮށްފައި ހުއްޓެވެ.

"ވަރަށް ލޯބިވޭ!" ފާހާނައިން ނުކުމެފައި އަލަމާރި ހުޅުވައިލި އިރު ދޮރުފަތުގެ އެތެރޭގައި ލިޔެފައި މަލެއް ތަތްކޮށްފައި ހުއްޓެވެ.

"ވަރަށް ހަނދާންވާނެ!" ލޯގަނޑުގައި ލިޔެފައި މަލެއް ތަތްކޮށްފައި ހުއްޓެވެ.

ރިފާއަކަށް މޫނު ރީއްޗެއް ނުކުރެވުނެވެ. ލޮލުން ކަރުނަ ނުހިކޭތީއެވެ. ފަހު ވަގުތު ވެސް މިހާދު ބިންވަޅުކަނޑައި ނެގީ، ފުހެލަން ދަތި ހަނދާންތަކެކެވެ. މާޒީގެ ރީތި ހަނދާންތަކުގައި ގެއްލިފައި ރިފާ ހުއްޓައި މިހާދު ގުޅިއެވެ. އަވަސްއަވަސް ކޮށްލައިގެން ރިފާ ނުކުތެވެ. ކާރަށް އެރި އިރު ސީޓު މަތީގައި ވެސް ނޯޓަކާއި މަލެއް އޮތެވެ.

"ފަހު ދަތުރަށް މަރުހަބާ!" ނޯޓުގައި އޮތެވެ.

ކަރުދާސްކޮޅާއި މާ ނަގައިފައި ރިފާ އިށީނެވެ. ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ރިފާއަކަށް ނޭނގެއެވެ.

"ނޫނޭ ކުޅަދާނަ އިނގޭ!" ސަމާސާ ރާގަކަށް ރިފާ ބުނެލިއެވެ.

"އުފާވިތަ؟" މިހާދު ސުވާލުކުރިއެވެ.

އިރުކޮޅެއް ވަންދެން މިހާދާ ދިމާއަށް ރިފާ ބަލަހައްޓައިގެން އިނެވެ.

"އުނދަގޫވެފަ މިއިނީ!" މަޑުމަޑުން ރިފާ ބުންޏެވެ. "ރޯލާހިތް ވަނީ!"

"އެހެން ނަހަދައްޗޭ!" މިހާދު އެދުނެވެ. "ހުރިހާ ކަރުނައެއް އަހަންނަށް ދީފަ ދޭ!"

ގަދަކަމުން ރިފާ ހިނިތުންވެލިއެވެ. މިހާދު ފުރަތަމަ ދިޔައީ ސައިބޯށެވެ. ރެސްޓޯރަންޓަށް ވަން އިރު މުޅި ތަން އޮތީ ހުހަށެވެ. އެއް މޭޒުގައި ސައި ތައްޔާރުކޮށްފައި ހުއްޓެވެ. ވަރަށް ބޮޑު މާބޮނޑިއެއް ވެސް އޮތެވެ.

"ހާދަހާ ހުސް ދުވަހެއް؟" ރިފާ ބުނެލިއެވެ.

"އަހަރެން ބޭނުން ރިފާ ދައްކާ ހުރިހާ ވާހަކައެއް އަޑުއިވެން،" ރިފާ އިށީންނަން ގޮނޑި ދަމައިލައިފައި މިހާދު ބުންޏެވެ. "މީހުން ގިނަ ވީމަ ރިފާ ދައްކާ ވާހަކަ ނީވިދާނެ."

ރިފާ އިށީނެވެ. ފަހު ފަހަރަށެވެ. ހަގީގަތުގައި އޭރު ވެސް ރިފާގެ ނިޔަތް ދިޔައީ ދެއަތަށް ކިރެމުންނެވެ. ޒާހިރާ އިނދެގެނެއް ރިފާޔަކަށް ދެނެއް އުފަލަކު ނޫޅެވޭނެއެވެ.

"ހާދަހާ މަލެކޭ!" ރިފާ ބުންޏެވެ.

"އަހަންނާ އެކީ ރިފާ އުޅުނު ކޮންމެ ދުވަހަކަށް މަލެއް،" މިހާދު ބުންޏެވެ. "ތި މާތައް ރިފާގެ ގެއަށް ގެންދަން އުނދަގުލިއްޔާ އަހަރުމެންގެ ކޮޓަރީގަ ބަހައްޓާ! ރިފާ ބެހެއްޓި ތަނެއްގަ، ބެހެއްޓި ގޮތަކަށް ހުންނާނެ. ރިފާ ހަނދާންވާ ވަރުން ހިތަށް ކެތްވާ ވަރު ނުވީމަ އަހަރެން ގޮސް އިންނާނަން އެ ތާ. އެހެންނޫނީ ގޮސް އިންނާނަން ތި ގެ ފެންނަ ހިސާބުގަ. ރިފާއަކަށް އުނދަގުލެއް ނުކުރާނަން."

"އަހަންނަށް އިންތިޒާރު ނުކުރައްޗޭ!" ރިފާ އެދުނެވެ. "އަހަންނަކަށް ނާދެވޭނެ! އިނގޭ!"

"މިއަދު ރިފާ ހާދަ ރީއްޗޭ!" މިހާދު ދެއްކީ މުޅިން އެހެން ވާހަކައެކެވެ.

އެ ދުވަހަކީ ރީތިވާން ރިފާއަށް ފުރުސަތު ނުލިބުނު ދުވަހެކެވެ. ރީތިކޮށް ފުނާ ވެސް ނޭޅުނެވެ. އެކަމަކު މިހާދު ދެކޭ ގޮތް ބަދަލެއް ނުވެއެވެ. ހަގީގީ ލޯތްބަކީ އެއީއެވެ. ކޯޓަށް ދިޔަތާ ކުޑަ އިރުކޮޅެއް ތެރޭގައި އެތެރެއަށް ވެއްދިއެވެ. ވަރިކުރަން މިހާދު ބޭނުމެވެ. އެކަމަކު އެ ލަފުޒު ދުލަށް ގެންނަން މިހާދަށް އިތުރު ވަގުތު ބޭނުންވިއެވެ. ހިތްވަރު ވެސް ބޭނުންވިއެވެ. އެ ހިތްވަރު މިހާދު ހޯދީ ހަމަ އެކަނި ރިފާއަށް ޓަކައެވެ. އަޅައަޅައިގަނެގެން، ކޮށަކޮށައިގެން ވިޔަސް ރިފާ ވަރިކުރިއެވެ. އެ "ހަދިޔާ" ރިފާއަށް ދިނެވެ. އެ ވަގުތު ވެސް މިހާދަށް ހީވިއެވެ. ހަށިގަނޑުން އެއްބައި ވަކިވެއްޖެއެވެ.

ކޯޓުން ނުކުމެގެން ދިޔައީ މިހާދުގެ ގެއަށެވެ. ފޮށިތައް ބަލައެވެ. ހިލޭ ދެ މީހުން ގޮތުގައެވެ. ރިފާޔަކަށް އެހެނެއް ހިޔެއް ނުވެއެވެ. މިހާދަކަށް ވެސް އެހެނެއް ހިޔެއް ނުވެއެވެ. އެހެނަސް ކޮންމެ މީހަކު ވެސް އަނެކަކަށް ހީކުރުވަން ބޭނުންވީ އެހެންނެވެ. ރިފާ މާތައް ބެހެއްޓީ އެނދުމަތީގައެވެ. ދާއިމީ ތަންމަތީގައެވެ. ފޮށިތައް ކޮޓަރިން ބޭރަށް ނެރެފައި މިހާދު ކޮޓަރިއަށް ވަނެވެ.

"ހުއްދައެއް ބޭނުން،" އިސްޖަހައިލައިގެން ހުރި މިހާދު ބުންޏެވެ. "ފުރަތަމަ އިންޑިޔާއަށް ދިޔަ ފަހަރު، ރިފާ ނިދާފަ އޮއްވައި އަހަރެން ފޮޓޯއެއް ނެގިން. ކުރީ ދުވަހަކު އެ ފޮޓޯ ފުހެލެވިއްޖެ! ހެޔޮތަ އަލުން ފޮޓޯއެއް ނެގިޔަސް؟"

"ނަގާ!" ހިނިތުންވެލައިފައި ރިފާ ބުންޏެވެ. "މިހާދު ބޭނުން ވަރަކަށް ނަގާ!"

މިހާދު ނެގީ އެންމެ ފޮޓޯއެކެވެ. ރިފާ ބަލަހައްޓައިގެން ހުއްޓައެއް ނޫނެވެ. އިސްޖަހައިލި ވަގުތުއެވެ. ދެ މީހުން ވެސް ދެ މީހުންނަށް ހިތް ހެޔޮކުރަން ބޭނުންވިއެވެ. އެކަކުއަނެކަކަށް ހިތްވަރުދޭން ބޭނުންވިއެވެ. އެހެނަސް ރިފާ ގެއަށް ލާން ދިޔަ ދަތުރަކީ އާދަޔާ ހިލާފަށް ހިމޭން ދަތުރެކެވެ. ރިފާ އިނީ ފަހަތު ސީޓުގައެވެ. އެކަމަކު ލޯގަނޑަށް ބަލައިލެވޭ ކޮންމެ ފަހަރަކު މިހާދު ވެސް އިންނަނީ ލޯގަނޑަށް ބަލާށެވެ.

"ކޮންމެވެސް ވާހަކައެއް ދައްކަބަލަ!" ރިފާ އެންމެ ފަހުން އެދުނު ވެސް މެއެވެ.

އެއްޗެއް ބުނަން މިހާދު އުޅުނެވެ. އެކަމަކު ނުބުނެއެވެ. ރިފާގެ ގެއަށް މަޑުކޮށްފައި، ފޮށިތައް ބާލައިދީފައި މިހާދު ކާރަށް އެރިއެވެ. އެއީ މިހާދަށް އެންމެ އުނދަގޫވި ވަގުތުކޮޅެވެ. އެހެނަސް އަތުގެ ހަރަކާތުން ރިފާއަށް ވަދާއުކިޔެވެ. ރިފާ ސަލާން ރައްދުކުރިއެވެ. މިހާދު ކާރު ދުއްވައިލިއެވެ. އެ ވަގުތުކޮޅު ވެސް މިހާދު އިނީ ކާރުގެ ލޯގަނޑުން ރިފާއަށް ބަލާށެވެ. ފަހަރެއްގައި ވެސް ރިފާގެ ހިޔާލު ބަދަލުވެގެން އިޝާރާތެއް ކޮށްލާތޯއެވެ. އެހެނެއް ނުވިއެވެ.

ރިފާ ގެއަށް އައުމުން ޒުލްފާ ވަރަށް ހިތްހަމަނުޖެހުނެވެ. އަލުން ރިފާ ކައިވެނި ކުރިޔަސް އަލުން އެ ދޭތެރެއަށް ވަންނަން ޒުލްފާ އަޒުމުކަނޑައެޅިއެވެ. އަޒީޒާއާއި ނަޝްފާ ވަރަށް އުފާވިއެވެ. ޒާހިރުގެ މޫނުމަތިން މާ ބޮޑު އުފާވެރިކަމެއް ނުފެނެއެވެ. އެކަމަކު އޭނަ ހުރީ ހިތްހަމަޖެހިފައެވެ. ރިފާ އައިމައެއް ނޫނެވެ. ޒާހިރު ބޭނުންވި ގޮތަށް ކަންތައް ވީމައެވެ.

ރޭގަނޑު އެގާރަޖަހަން އުޅެނިކޮށް ތުނިތުނިކޮށް ވާރޭ ވެހެން ފެށިއެވެ. މިހާދު އިނީ ކޮޓަރީގެ ތަޅުންގަނޑުމަތީގައި އިށީނދެލައިގެން އެނދުގައި ލެނގިލައިގެންނެވެ. ރިފާ އޮތީ ނަޝްފާ ކައިރީގައި އޮށޯވެލައިގެންނެވެ. ގެއްލުނު ތަން އަނބުރާ ހޯދުމުގެ ނިޔަތުގައެވެ. އެހެނަސް ކުޑަދޮރުން ފެންނަ ވާރޭތިކިތައް ރިފާ ގެންގޮސް ވާރޭ ތެރޭގައި ބެހެއްޓިއެވެ. މިހާދު ހުރީ ރިފާ އުރާލައިގެންނެވެ. އެ ހަނދާން ތޮރުފަމުން ދިޔައީ ރިފާގެ ހިތް އެކަންޏެއް ނޫނެވެ. މިހާދު ލޯ ކުރިމަތީގައި ވެސް ސިފަވަމުން ދިޔައީ ހަމަ އެ މަންޒަރެވެ. އެ ހަނދާނެވެ. މިހާދަށް ގުޅާލަން ރިފާއަށް ފޯނު ނެގުނު ވެސް މެއެވެ. މިހާދު އިނީ ފޯނުގައި ރައްކާކުރި ރިފާގެ ފޮޓޯއަށް ބަލާށެވެ. ދެ ހިތުގައި ވެސް ކުޅެވެމުން ދިޔައީ އެއް މިޔުޒިކެކެވެ. އުފެދެމުން ދިޔައީ އެއް ޖަޒުބާތެކެވެ. މިހާދުގެ ހިތް މަޑުމަޑުން ރޮމުންދިޔައެވެ. ބުނާ ކަހަލައެވެ. ރިފާއެވެ. އަހަރެން ހަނދާންނައްތައިނުލައްޗެވެ. ހިތްދަތިވެއްޖެއްޔާ އަހަރެން އެބަ ހުރިކަން ހަނދާން ބަހައްޓައްޗެވެ. ރޭގަނޑު ވާރޭވެހެންޏާ ހީކޮށްލާށެވެ. ވާރޭތިކިތަކަކީ އަހަންނެވެ. އަހަރެން އިންތިޒާރުގައި އެބަ ހުރީމެވެ. ގޮވައިލީމައި އަޑުއިވޭ ހިސާބުގައެވެ.

"މަންމާ!" ނަޝްފާ ގޮވައިލިއެވެ.

"އޭނ!" ސިހިފައި ރިފާއަށް ބުނެވުނެވެ. "ކީކޭ؟"

"ކީއްވެ ވިންޑޯއަށް ތި ބަލަނީ؟" ނަޝްފާ އެހިއެވެ.

"ވާރޭވެހޭ ތަން ފެނުނީމަ ހީވަނީ ގައި ތެމޭހެން،" ފިކުރަކަށް ގެއްލިފައި އިނދެގެން ރިފާ ބުންޏެވެ. "ހީވަނީ ވާރޭ ތެރޭގަ ހުރެގެން އެނބުރޭހެން. ޔަގީން މަންމައަށް އެކަންޏެއް ނޫން މިހެން ވާނީ."

ހިނިތުންވެލައިފައި ރިފާ ގައިގައި ނަޝްފާ ބައްދައިލިއެވެ. ރިފާ ދެ ލޯ މަރައިލިއެވެ. މިހާދު ވެސް އިނީ ދެ ލޯ މަރައިލައިގެންނެވެ. ދެ ހިތުގައި ވެސް ވަނީ އެއް އެދުމެކެވެ. އެއް އާދޭހެކެވެ. ވާރެޔާއެވެ. ނުހުއްޓި ވެހެމުން ދާށެވެ. ހަނދާންތަކުން އަހަރުމެން ތެންމާށެވެ. ޖެހޭ ފިނި ރޯޅިޔާއެވެ. އަހަރުމެންގެ ސަލާން އޭގެ ވެރި ފަރާތަށް ރައްދުކޮށްދިނުމުގައި ދެމިހުންނާށެވެ. ވަރުބަލިކަމެއް ނެތިއެވެ. ފޫހިވުމެއް ނެތިއެވެ. ތެދުވެރި ލޯތްބަކީ މަންޒިލެއް ނޫނެވެ. އެއީ ދަތުރެކެވެ.

ނިމުނީ

56 ކޮމެންޓް, 81 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 69%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޮރިން

30 November 2020

ދެން އަޅެ ބިންމާ ކޮބައިތެ

The name is already taken The name is available. Register?

އިބުރާ

29 November 2020

ބިންމާބެ ލޯބި ހޯދަން ލޯތްބާ ދުރަށް ދިޔައީތަ؟ މިވާހަކަ ނިންމާލައިފަ ބިންމާގެ ޚަބަރެއްނުވެ މާގިނަ ދުވަސް މިވަނީ، އުޅެގަ އާ ވާހަކައެއް ފައްޓަން

The name is already taken The name is available. Register?

ޒޯރޯ

24 November 2020

ކޮބާތަ ވާކަހަ ލިޔާ މީހުން ތައް.

The name is already taken The name is available. Register?

ބަނިއާދަން

22 November 2020

ބިންމާ އަނެއްކާ ކިޔުންތެރިންގެ ލޯބި ހޯދަން ލޯތްބާ ދުރަށް ދިޔައީތަ. ވާހަކަލިޔުން ހުއްޓާލީބާ؟

The name is already taken The name is available. Register?

ޟަލާ

18 November 2020

ބިންމާ ޗުއްޓީ ނެގީމަ ދެން މިހާރުގަ ވާހަކައެއް ވެސް ނެތީތަ

The name is already taken The name is available. Register?

ސެކަންޑްހޭންޑް މާހޮޓް

11 November 2020

ދެބައިންބާވެފަ ތިބޭ އަނަހެނުންނާ މީހުންގެ އަނބިން ބިންމާގެ ވާހަކަތަކުގަ ވަރަށް ގަދަޔަށް މީހުނާ ހިތާވާނެ. މީވާ މާ އަސަރާ ލައްޒަތު ހުރިކަމަކީތާ!؟ ދެކޭހިތްވޭ ނިކަން ވެސް .....

The name is already taken The name is available. Register?

ޕަރސަން

29 November 2020

އޭ ދެން ދެކޭހިތްވޭ ނިކަން ވާހަކައާއި ނުބެހޭނޭ، އެއީ ހާދަ ރީތި ވާހަކައެކޭ

The name is already taken The name is available. Register?

ޔުނައި

11 November 2020

ކޮބާހޭ ވާހަކައިގެ އަދުގެ ބައި

The name is already taken The name is available. Register?

ސާމިޔާ

10 November 2020

އަޅުގަނޑަކީ ބިންމާގެ ހުރިހާ ވާހަކަތަކެއްވެސް ގަވައިދުން ކިޔާމީހެއް. ނަމަވެސް މިވާހަކައިގެ ނިންމުން އައިގޮތުން މިއީ ބިންމާގެ ވާހަކައެއް ކަމަށް ގަބޫލުކުރަންވެސް ދަތި. ވާހަކަ އެއްގޮތަކަށްވެސް ކަމަކު ނުދޭ؛

The name is already taken The name is available. Register?

އަބޫ ޢަބްދުﷲ

10 November 2020

ތިންމަސްވީ އިރުވެސް ރިފާ ޕީރެޑް ނުވެގެން ޑރ އަށް ދެއްކިއިރު ރިފާ އިނީ ބަލިވެ. އެހެންވެ ޒާހިރު ނިންމީ އެހެން މީހަކާއި އިނދެ އަމިއްލަރަށަށް ދާން. އަދި އަނބި މީހާގެ ލޯބި ހޯދަން ރިފާގެ ލޯތްބާއި ދުރަށްދާން. މިހާދު ކާވެނި ރުޖޫޢަކޮށް ނަޝްފާއަށް ކިޔައިވައިދޭން އަޒީޒާއާއި އެކު މެލޭޝިޔާއަށް ފޮނުވާލުމަށްފަހު ރިފާގެ ގެ 15 ބުރިއަށް ހަދާލި އިރު ޒުލްފާ ލޯބިވި ޒާހިރުވެސް އެ ލޯތްބާއި ދުރަށްގޮސް ގެއްލުނީ. ރިފާ ވިހެއީ މެލޭޝިޔާގައި ލިބުނީ ފިރިހެން ދަރިއެއް. ނިމުނީ

The name is already taken The name is available. Register?

ިއައި ނޯ

10 November 2020

މި ނިމުން ސަޅި

The name is already taken The name is available. Register?

ސަޅި.

11 November 2020

ވަރަށް ފައްކާ ކޮމެންޓެއް. ހުރިހާ ވާހަކައެއްގެ ނިމުން ތިބޭފުޅާއަށް ކޮންޓެކްޓަށް ދޭން ބިންމާ ބޭބެކައިރިން އެދެން

The name is already taken The name is available. Register?

ކިޔާމީހާ

09 November 2020

ވވވ.ރީތި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454