06 ޖެނުއަރީ 2021 - 08:36
އާދިއްތަ ދުވަހާ ގުޅޭ
އެ ދަތުރަށް ޓަކައި، މީހަކު ކިހާ ދުރާލައި ތައްޔާރުވެފައިވާ ކަމެއް ވެސް ޒިޔާނަކަށް ނޭނގެއެވެ. ހަމަ އެހެންމެ މަނާރަތު ދެކެ ޒިޔާނަށް ލޯބިވެވިފައިވަނީ ކިހާ ވަރަކަށް ކަމެއް ވެސް ޒިޔާނަކަށް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ، މަނާރަތު ދެކިލަން ޒިޔާންގެ ހިތް އެދޭ ކަމެވެ. މަނާރަތު ހުންނަ ތަނެއްގައި ހުންނަން ޒިޔާން ބޭނުންވާ ކަމެވެ. މަނާރަތު ނުފެނިއްޖެއްޔާ އެ ދުވަހަކު ޒިޔާންގެ ހިތަށް އުނދަގޫވާ ކަމެވެ. އެ ގުޅުމަށް، ފާޅުގައި ޒިޔާން ނަމެއް ނުދޭކަން އެކަންޏެވެ.
ޒިޔާން ފުރަން އެއާޕޯޓަށް ގޮސް ހުއްޓައި ވައިބާއިން އަހުސަން ގުޅިއެވެ. ޒިޔާންގެ ކަންފަތުގައި އަހުސަންގެ އަޑު ޖެހުމާ އެކު ވެސް ޒިޔާންގެ ހިތުގައި ޝައްކު އުފެދުނެވެ. ކޮންމެވެސް ކަމަކާ އަހުސަން ހާސްވެފައި ހުރިހެން ހީވިއެވެ.
"ވަރަށް ބިޒީ ގަޑިއެއްތަ؟" އަހުސަން އެހިއެވެ.
"އަނެއްހެން ބިޒީއެއް ނޫން،" ޒިޔާން ބުންޏެވެ. "މަ ބުނީމެއްނު މުލަކަށް ފުރަން އުޅޭ ވާހަކަ. ހުޅުލޭގަ މިހިރީ! އެ ގޮވީ ބޯޓަށް އަރަން. ކިހިނެއްވީ؟"
އަހުސަން ޗޮކެއް ކަނޑައިލިއެވެ. ދައްކަން ހުރި ވާހަކަ ގިނަކަމުންނެވެ.
"އެކޮޅަށް ގޮއްސަ ގުޅާބަލަ އިނގޭ!" އަހުސަން އެދުނެވެ.
"ހާދަ ހާސް.." ޒިޔާން އެ ހިސާބުން ވާހަކަ ހުއްޓައިލީ އަހުސަންގެ ފޯނު ކެނޑުމުންނެވެ.
އެ ވަގުތު ދުރުގައި ހުރި މަނާރަތު އިޝާރާތުން ޒިޔާނަށް ގަޑި ދައްކައިލިއެވެ. ފޯނު ނިއްވައިލައިފައި ޖީބަށްލަމުން ޒިޔާން ހިނގައިގަތެވެ. މަތިންދާބޯޓުގައި މަނާރަތު އިނީ ޒިޔާނާ ޖެހިގެންނެވެ. ލޯބީގެ އެއްވެސް ވާހަކައެއް އެކަކު ވެސް ނުދައްކައެވެ. އެހެނަސް ޔަގީނުން ވެސް ޒިޔާންގެ ހިތަށް ލިބިފައިވަނީ، ބަޔާންކުރަން ނޭނގޭ ކަހަލަ އުފަލެކެވެ.
ބޯޓު ނައްޓައިލުމަށް ޓަކައި ދުވެލި ބާރުކޮށްލިއެވެ. ބޭއިހުތިޔާރުގައި ޒިޔާންގެ އަތުގައި މަނާރަތަށް ހިފުނެވެ. ނިކަން ބާރަށެވެ. މަނާރަތުގެ މޫނަށް ޒިޔާން ބަލައިލި އިރު މަނާރަތު އިނީ ވަރަށް ނުތަނަވަސްވެފައެވެ. މަތިންދާބޯޓުގައި ދަތުރުކުރަން މަނާރަތު އެހާ ބިރުގަންނަކަމަކަށް ޒިޔާން ހިޔެެއް ނުކުރެއެވެ. ޒިޔާން އަނެއް އަތުން، މަޑުމަޑުން މަނާރަތުގެ އަތުގައި ޖަހައިލިއެވެ. ހިތްވަރުދޭ ކަހަލަ ގޮތަކަށެވެ. އަހަރެން މިހިރީ ނޫންހޭ ހާސްނުވާށޭ ބުނާ ކަހަލަ ގޮތަކަށެވެ. އިސާހިތަކު ބޯޓު ވައިގެ ތެރެއަށް އުދުހިގަތެވެ. މަނާރަތު ކުޑަކޮށް ނަމަވެސް ދުލެއް ނުދެއެވެ. އިރުކޮޅަކުން ސީޓުބެލްޓު ނެއްޓުމުގެ ހުއްދަ ދިނެވެ. މަނާރަތަށް ހަމަނޭވާ ލެވުނީ އެ ހިސާބުންނެވެ. ނުވަތަ ހަމަނޭވާ ލެވުނު ކަމަށް ހެދުނީ އެ ހިސާބުންނެވެ.
"ނައްޓާލާ ގަޑީގަ އަހަރެން ވަރަށް ސްޓްރެސްވޭ!" ޒިޔާންގެ އަތުން ދޫކޮށްލަމުން މަނާރަތު ބުނެލިއެވެ. "ވަރަށް ފޫހިވޭ އެހެން ވާތީ! ކިހާ ވަރަކަށް އަހަރެން ޓްރެވަލް ކުރަން. އެކަމަކު.."
ޒިޔާން ހީކުރީ ޒިޔާންގެ އަތުގައި ހިފުނީތީ މަނާރަތުގެ އަމިއްލަ ނަފުސު މަނާރަތު ކުށްވެރިކުރީ ކަމަށެވެ.
"އިޓްސް އޯކޭ!" ޒިޔާން ގޮނޑީގައި ހަމަޖެހިލަމުން ބުނެލިއެވެ. "އެހެން ވާހަކައެއް ދައްކާ! މަތިންދާބޯޓެއްގައި އިންކަން ހަނދާންނައްތާލާ! އޭރުން ނޯމަލް ވެދާނެ."
"އެހެން ކޮން ވާހަކައެއް؟" މަނާރަތު ސުވާލުކުރިއެވެ. "މި ފަހަރު އާ ލަވައެއް ކިޔަންތަ؟"
ޒިޔާން ގާތަށް ލާނެތް ހިންޏެއް އައެވެ. ނުބުނެ ކުރަން ގަސްތުކޮށްގެން ހުރި ކަމެއްގެ މުއާލާތް އަމިއްލައަށް ކަނޑުވައިލިއެވެ.
"ލަވަ އަލެއް ނުވާނެ އެކަމަކު އަހަރެން އަލަށް އެ ލަވަ ޓްރައިކުރަން މި އުޅެނީ،" ޒިޔާން ޖަވާބުދިނެވެ. "ލަވަޔަކީ ވެސް ދެން ވަރަށް ފާޑެއްގެ އެއްޗެއްނު! ފޭސްޓުފޭސްކޮށް ބުނަން ނުކެރޭ ވާހަކަތައް ލަވަޔަކުން ކިހާ އީޒީކޮށް ބުނެލެވޭ! ލަވަ އަސްލުގަ ބޭނުންކުރެވިދާނެ ޝޯޓްކަޓަކަށް ވެސް. ދޯ؟"
"ކިހިނެއް އަހަންނަށް އެނގެނީ؟" ނޫންކަމަށް ހެދިފައި މަނާރަތު ބުންޏެވެ. "ލަވަ ބުނެފިއްޔާ ފަހަރެއްގަ އެނގިދާނެ."
ޒިޔާން ބަލައިލީ ޖެހިގެން ހުރި ގޮނޑިބަރިޔަށެވެ. ދިވެއްސަކު ނެތެވެ. ޒިޔާންމެން ތިބި ގޮނޑީގެ ކުރިޔާއި ފަހަތު ގޮނޑީގައި ވެސް ދިވެއްސަކު ނެތްކަން ޒިޔާނަށް ޔަގީނެވެ. ޒިޔާން މަޑުމަޑުން މަނާރަތުގެ ކަންފަތް ކައިރިއަށް ގުދުވެލިއެވެ.
"އެދެމޭ ކަލާޔާ ގާތުގާ ވުމަށް. ފެންނާތީ ޔާރާގެ މޫނު. ތެދެކޭ ތިއީއޭ އަހަރެންގެ ރާނީ. ބެލެނީއޭ ޖާދޫ ތި މޫނު." ޒިޔާން ރާގުގައި މަޑުމަޑުން ކިޔައިލިއެވެ.
ޒިޔާންގެ ލަވަކިޔާ އަޑަކީ ޖާދޫވީ އަޑެކެވެ. ޒާތެއްގެ ދަމާބާރެއް ހުންނަ، ރީތި އަޑެކެވެ. އެހެނަސް މަނާރަތު ހޭން ފެށިއެވެ. އެއީ ޒިޔާން އުންމީދުކުރި ގޮތެއް ނޫނެވެ.
"ނުބައިކޮށޭ ތި ކިއީ! ސާބަސް!" މަނާރަތު ހީނހީނފައި ބުންޏެވެ. "ތީ ކާކަށް ކިޔައިދޭ ލަވައެއް؟ ވައިފަށް؟"
"ވައިފަށް ވެސް ވެދާނެ،" ސަމާސާ ގޮތަކަށް ޒިޔާން ބުނެލިއެވެ. "ނޭނގޭނެ ދޯ ފިއުޗަރގަ ވާނެ ގޮތް ބުނާކަށް."
މުޅި ދަތުރުގައި ވެސް ދެ މީހުން ވާހަކަދެއްކީ ދެމާނަ ލައިގެންނެވެ. އެކަކު އެ ބުނަނީ ކީކޭކަން އަނެކަކަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް އެނގޭކަމަށް ނަހަދަނީއެވެ. އެއީ ހިތަށް ފިނިކަމެއް ގެނުވައިދޭ ކަމެކެވެ. މުނިފޫހިފިލައި، އިންތިހާއަށް ދަތުރު ކުރުވި ވެސް ކަމެކެވެ.
ފުވައްމުލަކަށް ދިޔަ ގޮތަށް މަނާރަތު އުޅެން ޖެހުނީ އޮފިސަރުންނާ އެކުގައެވެ. މަނާރަތާ ވާހަކަދައްކާނެ ފުރުސަތެއް ޒިޔާނަކަށް ނުލިބުނެވެ. އެންމެންގެ ކުރިމަތީގައި ޒިޔާނަކީ މަނާރަތުގެ ދަށުން މަސައްކަތްކުރާ މުވައްޒަފެކެވެ. ޒިޔާނަށް އޮންނަ ކަމަކީ މަނާރަތުގެ "އަމުރަށް" ކިޔަމަންވުމެވެ.
ފުލުސް އޮފިސަރުންގެ ތެރޭގައި މަނާރަތުގެ ވަރަށް ހާއްސަ އެކުވެރިއެއް ހުންނަކަން ޒިޔާނަށް ފާހަގަވިއެވެ. އެއީ ރަމީޒެވެ. ފުލުހުންގެ އެޗްއާރު ޑިޕާޓުމަންޓުގެ ވެރިޔާއެވެ. ރަމީޒު އުޅުނީ މަނާރަތުގެ ފަހަތުންނެވެ. ޒިޔާނަށް އުޅެން ޖެހުނީ ޝޯއަށް ތައްޔާރުވުމުގައެވެ. އެހެން އުޅުމުގެ ތެރޭގައި ވެސް މަނާރަތަށް ވައްކަޅި ދެވޭތޯ ޒިޔާން ބެލިއެވެ. ރަމީޒުގެ ސައިކަލު ފަހަތަށް މަނާރަތު އެރި ތަން ޒިޔާނަށް ފެނުނީ އެހެންވެއެވެ. އެ މަންޒަރު ބަލަން ޒިޔާނަށް އުނދަގޫވީ ކީއްވެކަން ޒިޔާނަށް އެނގެއެވެ. އެކަމަކު، އެއީ ޒިޔާނަށް ޝަކުވާ ކުރެވޭނެ ކަމެއް ނޫނެވެ. ދުވާލުގެ ވަގުތެވެ. އެ ކަމެއް ހިނގީ އެންމެންގެ ކުރިމަތީގައެވެ. ޒިޔާން ދެކެ ލޯބިވާ ވާހަކައެއް މަނާރަތު އޭރަކު ނުބުނެއެވެ. އެ ނަޒަރުން ޒިޔާނަށް ބެލުނަސް، ޒިޔާންގެ އެއްވެސް ހައިސިއްޔަތެއް ހަގީގަތުގައި ނެތެވެ.
ޝޯ އޮތީ ރޭގަނޑުއެވެ. އިރުއޮއްސުނު އިރު ރަމީޒު ފުރައިގެން މާލެއަށް ހިނގައްޖެއެވެ. ކުލަގަދަ މުނާސަބަތަކަށް ފުލުހުންގެ މަރުކަޒު ތައްޔާރުވެފައި ވަނިކޮށް ރަމީޒު އެ ގޮތަށް މާލެދިޔައީ ކީއްވެގެން ހެއްޔެވެ؟ ޒިޔާންގެ ހިތުގައި އެ ސުވާލު އުފެދުނެވެ. އިސްޓޭޖަށް އަރަން ޒިޔާން ތައްޔާރުވަނިކޮށް އަހުސަންގެ ފޯނެއް އައެވެ.
"ފޯނު ނިއްވައިލައިގެން ކީއްތަ ތި ކުރަނީ؟" އަހުސަން ސުވާލުކުރިއެވެ. "ހާދަ އިރެއް ވެއްޖޭ މަ ގުޅާތާ! ބުނީމެއްނު އަހަންނަށް ގުޅައްޗޭ!"
"މުލަކަށް ފައިބައިފަ ފޯނު ޖެއްސި ހަނދާންވޭ! އެކަމަކު ސައިލެންޓަށް ލައިގެން ވަރަށް ގިނަ އިރު އުޅެވުނު،" ޒިޔާން ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ވައިފް ވެސް ވަރަށް ހަޅޭއްލަވައިފި! އޭ މަ ގުޅާނަން މިރޭ އޯކޭ! ސްޓޭޖަށް އަރަން ޖެހިއްޖެ!"
"ހަނދާންކޮށް ގުޅައްޗޭ! ވަރިހަމަ ދަންވަރު ވިޔަސް،" އަހުސަންގެ ހާސްކަން އޭރު ވެސް ނުފިލައެވެ. "ވެރީ އާޖެންޓް!"
ޝޯ ފެށި ތަނާ އިސްޓޭޖުން ކަރަންޓު ދިޔައެވެ. އޭގެ ފަހުން ކަރަންޓު ހަރުލާ ގޮތެއް ނުވިއެވެ. ގިނަ ވަގުތު ހޭދަވީ ކަރަންޓު މައްސަލަ ހައްލުކުރުމުގައެވެ. އެހެންކަމުން ޝޯ ނިމުނީ ކުރިން ރޭވިފައިވާ ގަޑިއަށް ވުރެ މާ ލަހުންނެވެ. ޒިޔާން ކިޔަން ރާވައިގެން ހުރި ލަވައެއް ނުކިޔުނެވެ. ވަގުތު ނުލިބުނީއެވެ. އެ ކަމާ ޒިޔާން ވަރަށް ހިތްހަމަނުޖެހުނެވެ.
ޝޯ ނިންމައި، ސާމާނުތައް ރަމަތަކޮށް ނިމުނު އިރު ދަންވަރު ބާރަ ޖަހައި ބޮޑުވެއްޖެއެވެ. އެކަމަކު އަހުސަން މަތިން ޒިޔާން ހަނދާން ހުއްޓެވެ. އޭނައަށް ގުޅަން ވެސް ގުޅިއެވެ. އަހުސަންގެ ފޯނު އޮތީ ނިއްވައިލައިފައެވެ. ފޯނުކުރަން ބުނެފައި އަހުސަން ފޯނެއް ނުނިއްވާނެކަން ޒިޔާނަށް ކަށަވަރެވެ. އެކަމަކު ހަތް ފަހަރު ގުޅި އިރު ވެސް އަހުސަންގެ ފޯނު އޮތީ ނިއްވައިލައިފައެވެ.
"ފޯނު ނިއްވާލާފަކަމަށް ބުނަނީ!" ޒިޔާން މެސެޖެއް ލިޔެލައިފައި ފޮނުވައިލިއެވެ.
އަހުސަނަށް ފޯނުކުރުމުގައި، އެކަހެރިވެލައިގެން ޒިޔާން ހުއްޓައި މަނާރަތު އެ ތަނަށް އައެވެ.
"ވައިފަށް ގުޑްނައިޓް ކިޔަނީ ދޯ؟" ލާނެތް ރާގަކަށް މަނާރަތު ބުނެލިއެވެ.
"ނޫނޭ!" ހިނިތުންވެލައިފައި ޒިޔާން ބުނެލިއެވެ. "އަހުސަން ގުޅާށޭ ބުނެފަ އޮތީމަ އޭނައަށް މި ގުޅަނީ. އޭނަގެ ފޯނުގެ ބެޓެރި ޑެޑްވިކަން އޭނައަށް ވެސް ނޭނގެނީހެން ހީވަނީ. އެކަމަކު މިއަދު ވަރަށް ގުޅި. ކޮންމެވެސް ކަމަކާ ވަރަށް ހާސްވެފަ ހުރިހެން ހީވަނީ."
"ހިނގާބަލަ ބުރެއްޖަހާލަން!" މަނާރަތު ދެއްކީ މުޅިން އެހެން ވާހަކައެކެވެ. "ސައިކެއް ހޯދަންތަ؟"
އަހުސަން ކޯހަށް ފޮނުވީ މަނާރަތެވެ. އަނެއްކޮޅުން މަނާރަތަކީ އަހުސަންގެ ކަންކަމުގައި ޒިންމާނަގަންޖެހޭ މީހާއެވެ. ވެރިމީހާއެވެ. އެ ފަދަ މީހެއް ގާތުގައި އަހުސަން ހާސްވެފަ ހުރިހެން ހީވި ވާހަކަ ބުނީމައި، އެ ކަމަށް އެއްވެސް ސަމާލުކަމެއް ނުދިނީ ކީއްވެގެން ހެއްޔެވެ؟ ޒިޔާން ސުވާލުކުރީ ޒިޔާންގެ އަމިއްލަ ހިތާއެވެ. ޒިޔާން ދެއްކި ވާހަކަޔަށް މަނާރަތު އެއްވެސް ޖަވާބެއް ނުދިނީ ކީއްވެގެން ހެއްޔެވެ؟
"މި ގަޑީގަ؟" ގަދަކޮށްލުމުގެ ބޭނުމުގައި ޒިޔާން އެހިއެވެ.
"އަންނާނަން ކީ ހިފައިގެން އިނގޭ!" މަނާރަތު އެހެން ބުނެލައިފައި ދިޔައެވެ.
މަނާރަތު ދިޔަ ފަހުން ވެސް އަހުސަނަށް ގުޅަން ޒިޔާން މަސައްކަތްކުރިއެވެ. ކާމިޔާބެއް ނުވިއެވެ. ސައިކަލުގައި ދެ މީހުން ނައްޓައިލި އިރު މޫސުން ގޯސްވާ ކަމުގެ އަލާމަތްތައް ފެންނަން ފަށައިފިއެވެ. ސައިކަލު ދުއްވީ އާދައިގެ ދުވެއްޔެއްގައެވެ.
"ލަވަކިޔާނަމޭ ކިޔާފަ ހުސް ފޮންޏެއްނު ކެނޑީ!" މަނާރަތު ބުންޏެވެ.
"ކަރަންޓުދާ ވަރުން ލަވަކިޔޭތަ؟" ޒިޔާން ޖަވާބުދިނެވެ. "އެކަމަކު މަނާ ބޭނުމިއްޔާ މިހާރު ވެސް އެ ލަވަ ކިއިދާނެ."
"އަހަރެން ބޭނުން ކޮންމެ ކަމެއް ކޮށްދޭނަން؟" ޒިޔާންގެ ކަންފަތް ކައިރީގައި މަނާރަތު މަޑުމަޑުން ބުނެލިއެވެ. "އެހެންވިއްޔާ ސައިކު ބާރުކުރޭ! މިރޭ މަތިން ޒިޔާން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ."
ޒިޔާން ސައިކަލު އުދުއްސައިލިއެވެ. ދެ ފަރާތުން ފެންނަ ގަސްތައް ހީވީ އެކަތިގަނޑެއްހެންނެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟" މަނާރަތު ސުވާލުކުރިއެވެ. "ވައިފް ދެކެ ޒިޔާން ވަރަށް ލޯބިވޭތަ؟"
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިކާ
16 January 2021
މިވާހަކަ ނިމުނީތަ އަޅެ އަޕްޑޭޓް ނުވަނީ
އުނުބޭ
06 January 2021
އަހްސަން މަރާލަން ދިޔައީ ރަމީޒް
ނަން
06 January 2021
ފުވައްމުލަކަށް މުލަކޭ ކިޔަނީ އައްޑޫ މީހުން އެކަނި ކަމަށް މަ ހީކުރީ
އާސިފު
06 January 2021
ހުސްވާހަކަ
އިމާދ
06 January 2021
ކަޑަ
ޝަޓަޕް
06 January 2021
އަހްސަން އިންޑިއާގަ ދަންޖެހިގެން މަރުވެފަ ހުއްޓާ ފެންނާނީ
އިދުރީސްދޮންބެ
06 January 2021
ޒިޔާން ފަކީރުގެ ދުވަސް ދިޔައީ.
ޒޯރޯ
06 January 2021
ހާދަ ކުރޭ. މިވަރު ވީމަ ދެން ފުކެއްބޮޑުވަރު.
ސަސި
06 January 2021
މާނަރަތު އަކީ ސީދާ ބޯވައެއް