"އާޝިގީ 2" ގެ ލަވަތައް ކިޔައިދީފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ
03 ޖޫން 2016 - 07:46
ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ އަކީ މިހާރު ބޮލީވުޑްގައި އެންމެ ނަން ހިނގާ އެކަކެވެ. އޭނާގެ އެންމެ ފަހުގެ ލަވަ "ބައްތަމީޒް" ލަވަ ޗާޓުތަކުގެ ކުރި ހޯދާފައިވެ އެވެ.
ނަމަވެސް އޭނާގެ ޒާތީ ދިރިއުޅުމުގައި އަންކިތު އަށް ވަރަށް ބޮޑު މައްސަލައެއް ވަނީ ކުރިމަތިވެފަ އެވެ. އޭނާއާ ދެކޮޅަށް 28 އަހަރުގެ އަންހެނަކު 2014 ގައި އުފުލާފައިވާ ރޭޕްކުރި ކަމުގެ ދައުވާއިން އަންކިތު އަށް އަދިވެސް ސަލާމަތެއް ނުވެވެ އެވެ.
ކުށެއް ނެތްކަން ސާބިތުކުރުމަށް އޭރުއްސުރެ އަންކިތު މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވެ އެވެ.
އަންކިތު އާ ދެކޮޅަށް ދައުވާކުރާ އަންހެންމީހާ ބުނެފައިވަނީ ކައިވެނިކުރާނެ ކަމަށް ވައުދުވެ 2012 އާއި 2013 އާ ދެމެދުގެ މުއްދަތުގައި އަންކިތު ވަރަށް ގިނަ ފަހަރަށް އޭނާއާ ގުޅުން ހިންގާފައިވާ ކަމަށެވެ.
ދާދިފަހުން އަންކިތު ވަނީ އެ ދައުވާ ބާތިކްކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ކޯޓުން މިހާރު ވަނީ އެ ހުށަހެޅުން ގަބޫލުނުކޮށް ރައްދުކޮށްފަ އެވެ. އެހެންކަމުން މިހާރު އެ ދައުވާއަށް ޖަވާބުދިނުން ނޫން ގޮތެއް ނެތެވެ.
އަންކިތުގެ ގާނޫނީ ވަކީލު މަހޭޝް ވަސްވާނީ ކޯޓުގައި ބުނިގޮތުގައި މި ދައުވާގައި ބުނާ ވާހަކަތަކަކީ އަންކިތު އާއި އޭނާގެ ބޭބެ އަންކޫރް ތިވާރީ އާ އެއްވެސް ގުޅުމެއްހުރި ވާހަކަތައް ނޫނެވެ.
ނަމަވެސް ކޯޓަކުން އަންކިތުގެ ގާނޫނީ ވަކީލުގެ ވާހަކައެއް ގަބޫލެއް ނުކުރެ އެވެ.
އެންމެ ފުރަތަމަ އަންހެންމީހާ މައްސަލަ ޖެއްސުމުން އަންކިތު ހައްޔަރުވެސް ކުރި އެވެ. ނަމަވެސް މިހާރުހުރީ ކަފާލާތުގެ ދަށުން މިނިވަން ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy