މުނިފޫހިފިލުވުން / ވާހަކަ

ފުސްމޫނު

ފުސްމޫނު

ފަތުހުﷲ އަހުމަދު (ފަތޫ)

02 މެއި 2021 - 09:00

3 comments

ކާރުން ފޭބުމަށްފަހު އޮފީހަށް ބަލައިލީމެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހެނދުނު ހޭލީއްސުރެ މިހުރެވެނީ ފާޑެއްގެ ގޮތެއް ވެފައެވެ. ބުނެދޭން ނޭނގޭ ފިކުރަކަށް ގެއްލިފައެވެ. މަގުގެ ދެކޮޅު ބަލައިލުމަށްފަހު ހުރަސްކޮށްލީމެވެ. ތެޅިތެޅި އޮތް ހިތަކާއެކު ތުރުތުރުލާ އަތަކުން އޮފީހުގެ ދޮރުގައި އަތްޖައްސައިލީމެވެ. މަޑުމަޑުން ދޮރު އެތެރެއަށް ކޮށްޕައިލީމެވެ. ކުއްލިއަކަށް ދެ ލޯ ބޮޑުވިއެވެ. އިވުނު ބާރު އަޑާއެކު މޭ ތުރުތުރު އަޅައިގަތެވެ. އަނގަމަތީގައި އަތްއަޅައިލެވުނެވެ. ބޮލަށް އޮހެމުން ދިޔަ ކުލަކުލައިގެ ވިދާ ކަރުދާސްތައް އަހަރެންގެ ބުރުގާއާއި މޫނަށް އެޅެމުން ދިޔައެވެ. ބައެއް ކަރުދާސް މޫނުގައި ތަތްވަމުން ދިޔައެވެ. ވަށައިގެން ތިބި އެންމެންގެ މޫނަށް އަހަންނަށް ބަލައިލިލެވުނެވެ. މިއީ ކޮންކަމެއްހޭ އަހާފަދަ ގޮތަކަށެވެ.

ކުރިމަތީގައި ތިބީ ފަސް ފިރިހެނުންކަން އެނގެއެވެ. ކޮންމެ މީހެއްގެ ވެސް މޫނުގައި ވަނީ ނޫކުލައިގެ ކަރުދާހުން ހަދާފައިވާ ޒާތެއްގެ މާސްކެވެ. އެންމެން ވެސް ފެންނަނީ އެއް ކަހަލަ ގޮތަކަށެވެ. އެހެންވެ އެއްވެސް މީހަކު ވަކި ކުރާކަށް ނޭނގުނެވެ. ކުރިއަށްވުރެ ފަރުވާތެރިކަމާއެކު އެމީހުންގެ ހަށިގަނޑަށް ބަލަން މަޖުބޫރުވިއެވެ. އެއީ ކޮން ބައެއްކަން ޔަގީންކުރެވޭތޯއެވެ. އެކި މީހުންގެ ފަރަގު ދެނެގަންނާނެ ގޮތާ މެދު ފިކުރު ކުރަމުން އެމީހުންނާ ދިމާއަށް ބެލީމެވެ. ކަންފަތަށެވެ. އިސްތަށިގަނޑަށެވެ. ކޮންމެ މީހެއްގެ ގަމީހާއި އެމީހުންގެ ހަށިގަނޑަށް ވަކިވަކިން ބަލައިލީމެވެ. ފެނުނީ ފަސް ބައްޓަމަށް ތިބި ފަސް މީހުންނެވެ. އެކަކީ ހިކިތޮޅި މީހެކެވެ. ދެންހުރީ އިސްކޮޅުން ކުރު ފަލަ މީހެކެވެ. ޖެހިގެން ހުރީ ބައިމަތި ފުޅާ ފަތިހަށިގަނޑެއްގެ ވެރިއެކެވެ. ދެން ހުރީ ސިފައަށް ހުތުރުވެ މެދަށް ވަށްވެފައިވާ ބަނޑެއްލައިފައި ހުރި މީހެކެވެ.

ފަސްވަނައަށް ހުރީ މެދު މިނުގެ ހަށިގަނޑެއްގެ ވެރިއެކެވެ. އަހަންނަށް އިނގިލި ދިއްކޮށްލެވުނެވެ. އެއީ ކުރިން އަހަންނަށް އެއް ފަހަރު ދިމާވި މީހެއްކަމަށް ހިތްބުނެލިއެވެ. އޭނާ އަޅައިފައި ހުރި އައިނަކީ އަހަންނަށް ކުރިން ފެނުނު އައިނެކޭ ހިތަށް އެރިއެވެ. އެހެންވެ ދެވަނަ ފަހަރަށް ވިސްނައިލީމެވެ. އޭނާގެ ކަންފަތު ފޫޅުގަނޑުގައި ހުރި ބޮޑު ކަޅު ތިލައަށް ވަކީން ބަލައިލެވުނެވެ. ހީވީ ރަނގަޅަށެވެ. އިންޓަވިއު ޕެނަލްގައި އޭނާ އިނެވެ. ހަނދާނަށް މިއައީ އެ ތަސްވީރެވެ. ސިކުނޑީގައި ކުރެހުނީ އެ މަންޒަރެވެ. އޭނާއާ ދިމާއަށް އިނގިލި ދިއްކޮށްލެވުނީ އެހެންވީމައެވެ.

"އޭރު ވެސް މަ ބުނިން ތިޔަ ގަދީމީ އައިނުގަނޑު އަޅައިގެން ހުރީމަ، ތިޔައީ އަރުހަމް ކަން ނޭނގޭ މީހަކަށް ވެސް އެނގޭނޭ." ކޮންމެވެސް މީހަކު އެހެން ބުނި އަޑު އަހަންނަށް އިވުނެވެ.

ހިތާއިހިތުން އެ ނަން ކިޔައިލެވުނެވެ. އާއެކެވެ. އެއީ އާދަމް އަރުހަމެވެ. އެ ދުވަހު އިންޓަރވިއު ކުރާން ފެށުމުގެ ކުރީން އޭނާގެ ނަން ވެސް ބުނެލިއެވެ. ހީވީ އަރުހަމްގެ އެ ޖުމުލަ ކަންފަތުގައި ތަކުރާރުވިހެންނެވެ. ދެތުންފަތަށް ލުއި ހަރަކާތެއް ގެނެވުނެވެ. އަޑުއިވުނު ދިމާއަށް ބަލައިލެވުނެވެ. އަރުހަމްގެ ނަންބުނީ ބަރު އަޑެއްގެ ވެރިއެކެވެ. އެއީ އިސްކޮޅު ކުރުކޮށް ހުރިމީހާކަށް އެނގުނެވެ. ބަލައިބެލުމަށް އެއީ ސަކަ މިޒާޖެއްގެ މީހެއްހެން ހީވެއެވެ. އޭނާގެ ހަރަކާތްތަކުގައި އެކަހަލަ ވަޒަނެއް ހުރެއެވެ. އަތްފައި ހިމޭނުން ނުބޭއްވިގެން އުޅޭހެން ހީވެއެވެ. ފަޔަށް ހިނިއަރައިގެން އުޅެޔޭ ކިޔާކަހަލަ ގޮތެއް ވާހެން ވެސް ހީވެއެވެ.

މިއީ އަހަންނަށް ބޮޑު ދުވަހަކަށްވާނެ ދުވަހެކެވެ. އެއް ދުވަހުން މި ފަސް މީހުންގެ މިޒާޖާއި އެމީހުންގެ ގޮތް ދަސްކުރާން ޖެހޭނެއެވެ. ކޮންމެ މީހެއްގެ ހަރަކާތްތައް ވަކިވަކީން ފާހަގަކުރާން ޖެހޭނެއެވެ. ކޮންމެ މީހަކީ ކާކުކަން އެނގޭ ވަރަށް އެމީހުން ދެނެގަންނާން ޖެހޭނެއެވެ. އެހެން ނޫނީ ބޭރުގައި ކިޔަވާން ހުރިއިރު ދިމާވި ކަހަލަ ހިތްދަތި އެތައް ކަމެއް ތަހައްމަލު ކުރާން ޖެހޭނެއެވެ. ލަދުގަނެ އޮފީހަށް ސަލާމު ބުނެ ހުންނަން ޖެހިދާނެ އެތައް ކަމެއް މެދުވެރިވާނެއެވެ.

ކުރިމަތީގައި ތިބި އެންމެން ތިބީ ސީދާ އަހަރެންގެ މޫނަށް ބަލާށެވެ. އޮފީހަށް އަލަށް އާދެވުނީމަ އެމީހުން އަހަންނާ ދިމާއަށް ބަލަނީ ކަން ނޭނގެއެވެ. އެއީ މައްސަލައެއް ކަމަކަށް އަހަރެން ނުދެކެމެވެ. އަލަށް މީހަކު ފެނިއްޖެ ނަމަ އެމީހަކު ދަސްކުރާން ބަލާން ޖެހޭނެއެވެ. އޭނާއަކީ ކާކުކަން ދެނެގަނެވެންދެން ބަލާން ޖެހޭނެއެވެ. އަހަރެން ވެސް ކަންތައް ކުރަނީ އެހެންނެވެ. ނަމަވެސް، އެއީ ބައެއް މީހުންގެ ނަޒަރުގައި ގޯހެކެވެ. މައްސަލައެކެވެ. މާގިނައިން ބެލުމަކީ އެސްފީނާއެއް ކަމަށް ވެސް ބައެއް މީހުން ސިފަކުރެއެވެ. އެކަން ދިވެހީންގެ ތެރޭގައި ވަކީން ބޮޑެވެ. އަހަރުމެން އަންހެނުންނަކީ އެ ގަބޫލުކުރުން ދަބަހަށް ލައިގެން އުފުލާ ސަވާރީއަކަށް ފުދޭނެ ބައެކެވެ.

"އަހަރެން މީ ޝިޔާޒު." ބައިމަތި ފުޅާ ފަތިހަށިގަނޑުގެ ވެރިޔާ އަމިއްލައަށް ތައާރަފުވެލަމުން އިޝާރާތްކޮށްލިއެވެ. "ރާނީ އާދޭ... އާދޭ، މިއަދުން ފެށިގެން ތިޔައީ މި އޮފީހުގެ ރާނީ."

"މަ މީ ހަމްޒާ. އަހަރުމެން ވަރަށް ދުވަސްވެއްޖެ މި އޮފީހަށް އަންހެން މުވައްޒަފަކު ހޯދަން ބޮސް ގާތު ކިޔައިތާ. އެކަމަކު އެކަމެއް ނުވި. ނަސީބަކުން ރާނިޔާ ތިޔައީ މި އޮފީހުގެ ފުރަތަމަ އަންހެން މުވައްޒަފު. އިއްތިފާގަކުން ފުރަތަމަ އަންހެން މުވައްޒަފަކަށް މި ލިބުނީ ހަމަ ރާނީއެއް. އެހެންވީމަ އަހަރުމެން އެންމެން ވެސް ރާނިޔާއަށް ކިޔާނީ ރާނީ. އޯކޭ ދޯ." ހަމްޒާގެ މޫނުމަތިން މާސްކު ނަގަމުން ބުނެލިއެވެ.

ހަމްޒާއަކީ ދިވެހިން ކިޔާ ކުރުއަލިފޭ އަހަރެން ހިތަށް އެރިއެވެ. އަހަންނަށް އެ ނަމާ ހަމްޒާގެ ސިފައާ ގުޅުވާލެވުނެވެ. އޭނާއަކީ ކުރުފަލަކޮށް ހުރި މީހާ ވީމައެވެ.

"އޯކޭ، އެހެންވީމަ ހިނގާ ކޮންމެ މީހަކު ވެސް އަމިއްލައަށް ތައާރަފުވެލަމާ ދޯ. އެންމެން މާސްކުތައް ނަގައި ރާނީއަށް މޫނު ދައްކާލަމުން ތައާރަފުވެލަމާ. އޭގެފަހުން އޮންނާނީ ކޭކު ފެޅުމާއި ސައި. އެއަށްފަހު މިއަދުގެ މަސައްކަތްތަކާ އެކު ކުރިއަށްދާނީ." އަރުހަމްގެ އައިނު ތިރިކޮށްލާ މާސްކު ނަގަމުން ބުނެލިއެވެ.

އެ ދުވަސް ނިމިގެން ދިޔައީއެވެ. މުޅީން ތަފާތު އުފާވެރި ދުވަހެއްގެ ގޮތުގައެވެ. އަހަރެން ގެއަށް އައިސް އަރާމުކޮށްލަން އޮށޯވެލީމެވެ. ކުއްލިއަކަށް ފޯނަށް ވައިބަރ މެސެޖެއް ލިބުނު އަޑު އިވުނެވެ. ބަލައިލިއިރު އިތުރު ގުރޫޕަކަށް އަހަރެން ޖޮއިން ކުރުވީއެވެ. ގުރޫޕުގެ ނަމަށް ބަލައިލެވުނެވެ. ހީވީ ރަނގަޅަށެވެ. އެއީ އޮފީހުގެ ރަސްމީ ވައިބަރ ގުރޫޕެވެ. ގުރޫޕުގައި ތިބީ އަހަންނާ އެކު އަށް މެންބަރުންނެވެ.

"ކޮން އަށެއް؟" އަނެއް ދުވަހު އޮފީހަށް ވަން ގޮތަށް އަހަރެން ސުވާލު އަމާޒުކޮށްލީ ޝިޔާޒަށެވެ.

"އަހަރުމެން ފަހެއް އެންޑް ޔޫ. ދެން ބޮސްގެ ކަޕްލް." ޝިޔާޒު އިނގިލިތައް ދައްކާލަމުން ބުނެލިއެވެ.

އަހަރެންގެ މޭޒާ ޖެހިގެން ހުންނަނީ ޝިޔާޒުގެ މޭޒެވެ. ދެން ތިބި މީހުންގެ މޭޒުތައް ހުންނަނީ ދެތިން ފޫޓު ދުރުގައެވެ. އޮފީހަކީ ނިސްބަތުން ތަނަވަސް އޮފީހެކެވެ. އޮފީހުގެ މައިގަނޑު ބޭނުމަކީ ވިޔަފާރިއާ ގުޅުންހުރި އިދާރީ މަސައްކަތްތައް ނިންމުމެވެ. ލިޔެކިޔުންތައް ފުރިހަމަކޮށް އެކަން ތަރުތީބު ކުރުމެވެ.

"މީންސް؟" އަނގައިން ސުވާލު ނުކުރެވުނަސް ލޮލާއި ނިތުން ސުވާލުކޮށްލީމެވެ.

"ބޮސް އަދި ނާދޭ. ބޮސްއަކީ އެމްޕީއެއް. ވައިފަކީ ސިޔާސީ މީހެއް. މިއީ ބޮސްގެ ކޮންޕެނީއެއް. ބޮސް ވަރަށް ކޫލްވާނެ." ޝިޔާޒު ކިޔައިދިނެވެ.

އަހަރެން މަސައްކަތުގެ ތެރެއަށް ގެނބިގަތީމެވެ. އެ ދުވަހަށް ނިންމަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމާލުމަށް އަމާޒު ހިފައިގެންނެވެ. ޝިޔާޒު ތެދުވިހެން ހީވިއެވެ. އަހަރެން އަޅައެއް ނުލަމެވެ. ދިހައެއް ޖަހަންވާއިރަށް ނިންމަން ޖެހޭ ސިޓީއެއް ނިންމުމަށް އަވަދިނެތި އުޅުނީމެވެ.

"ރާނީ؟" ދެތިން ފަހަރަކު މީހަކު ގޮވާލިހެން ހީވެގެން އަހަރެން ބަލައިލީމެވެ.

"ކީކޭ ޝިޔާ؟" ޝިޔާޒުގެ މޫނަށް ބަލަން އިނދެ ބުނެލީމެވެ.

"ބަލަ މަ މީ ޝިޔާތަ؟ ރަނގަޅަށް ބަލައިލަބަލަ."

އަހަންނަށް ވިސްނައިލަން މަޖުބޫރުވިއެވެ. ދެވަނަ ފަހަރަށް ބަލައިލީމެވެ. އެއީ ޝިޔާޒެއް ނޫން ހެއްޔެވެ؟ އެ ގޮނޑީގައި އިންނާނީ ޝިޔާޒު ކަމަށް ހިތްބުނެލިއެވެ.

"އަނެއްކާ އަހަރުމެން މާ ވައްތަރީތަ؟ ބައެއް ކުދިން އަހައިލާނެ ޓުވިންސެއް ހެއްޔޭ ވެސް. އެހެންވެ އަހަރެން އިސްތަށިގަނޑު ދިގުކޮށްލައިފަ މި ހުންނަނީ ވެސް."

އަހަންނަށް ހިނިތުންވެލެވުނެވެ. ރަނގަޅަށް ބަލައިލެވުނެވެ. އެއީ ތެދެކެވެ. އެއީ ޝިޔާޒެއް ނޫނެވެ. ޔައީޝެވެ. "ވައްތަރުތަ؟" ޔައީޝްގެ ކަނދުރާއާ ދިމާއަށް ބަލައިލަމުން އަހަންނަށް އަހައިލެވުނެވެ.

"ނޫންތަ؟ ނޫން ދޯ. އަހަރުމެން ވަރަށް އެއްކޮށް އުޅެން. އޮފީސް ނިންމައިފަ ވެސް ކޮފީއަށް ގޮސް އެހެން މިހެން އުޅެވޭ. އެހެންވެ ވަރަށް ގިނައިން މީހުންނަށް ފެންނާނެ އެއްކޮށް އުޅޭތަން. އެހެންވެ މީހުން ހީކުރަނީ އަހަރުމެން މީ ފެމެލީ ބައެއް ކަމަށް. އެހެންވެ ކިޔާ އެއްޗެއް އެއީ." ޔައީޝް ކިޔައިދިނެވެ.

"އަހަންނަކަށް ވައްތަރެއް ނޫން އެއްގޮތަކަށް ވެސް." އަހަރެން ލަސްލަހުން ބުނެލީމެވެ.

"ރާނީގެ ފެމެލީ ވެސް އަދި ކިޔައ ނުދެމެއްނު." ޔައީޝް އަހައިލިއެވެ. "އޮފީހުގަ އުޅެންޏާ ކޮންމެވެސް ވަރަކަށް އާއިލީ ވާހަކަތަކާ ބައެއް ޒާތީ ކަންކަން ވެސް ޝެއަރ ކޮށްލަންވާނެ. އޮފީސް މިއީ ދެން ދެވަނަ ފެމެލީތާދޯ؟"

"އާނ ދޯ! އަދި މަޑުމަޑުން ކިޔައި ދެވޭނެ. ފުރަތަމަ ޔައީޝް ކިޔަމާ."

"އަހަރެން މެރިޑް. ސޫން ވިލް ބީ ޑޭޑް." ޔައީޝް ހިނިތުންވެލިއެވެ.

"ހުވާ!" އަހަންނަށް ލިބުނީ އުފާވެރި ހަބަރާއެކު ދެ ލޯ ބޮޑުކޮށްލެވުނެވެ. "ކޮންގްރެޓްސް. ހެޕީ ފޯރ ޔޫ." "އެނގޭތަ؟ ޓުވިންސްއެއް ލިބެނީ. ޓޫ މަންތުސް ބާކީ."

"އޯހ. އަދި މާ ހެޕީ ނިއުސްއެއް."

"ރާނީގެ ފިރިޔާއި ދަރިން؟" ޔައީޝް ސުވާލުގެ މައްޗަށް ސުވާލުކޮށްލިއެވެ.

"ސިންގަލް. ހުރިހާ ދުވަހު އުޅުނީ ބޭރުގަ. ކިޔަވާ ނިންމާލައިފަ މި އައީ މި ދިޔަ އަހަރު. މާގިނަ ފްރެންޑުންނެއް ވެސް، ދަންނަ މީހުންނެއް ވެސް ނުތިބޭނެ. ކަންދިމާވި ގޮތުން ރާއްޖެ ފުންމާލި އިރަށް ފުރަބަންދަށް ދިޔައީ. ދެން އޮންނަން ޖެހުނީ ގޭގަ. އެހެންވެ މީހަކާ ދިމާ ވެސް ނުވެވޭ." އަހަރެން ހިނިތުންވެލީމެވެ.

"އެހެންތަ؟" ޔައީޝް ކޮޅަށް ތެދުވިއެވެ.

އޭނާ ހިނގައިގަތެވެ. އަހަންނަށް ބަލައިލެވުނީ އޭނާއާ ދިމާއަށެވެ. އޭނާ ގޮސް މަޑުކޮށްލީ ދުރުގައި ތިބި ދެ މީހުން ގާތަށެވެ. އެތަނުގައި ތިބީ އިލްފާއި ޝިޔާޒެވެ. މޫނަށް ގޮތެއް ހަދައިލަމުން އަނެއްކާ ވެސް މަސައްކަތުގެ ތެރެއަށް ގެނބިގަނެވުނެވެ.

"ވަރަށް އަވަހަށް މެސްރޫމަށް ހިނގައިބަލަ." ޔާއީޝްގެ އަޑު ޖެހުނެވެ.

އަހަންނަށް ބަލައިލެވުނެވެ. އޭނާ ހުރީ ހިނިތުންވެލައިގެންނެވެ. ކީއްކުރަންހޭ އަހައިލެވުނެވެ.

"ދިޔައީމައޭ އެނގޭނީ؟" ޔާއީޝް މޫނުމަތީގައި ކުރެހުނީ ބޮޑު ހިނިތުން ވުމެކެވެ.

އެންމެފަހުން އަހަރެން ތެދުވީމެވެ. ޔާއީޝްގެ ފަހަތުން ހިނގައިގަތީމެވެ. މެސްރޫމަށް ވަދެވުނު އިރަށް ލިބުނީ ކުއްލި ސިހުމެކެވެ. ހީވީ ޕާޓީއެއްގެ ތެރެއަށް ވަދެވުނު ހެންނެވެ. ރަތްކުލައި ފުއްޕާހަން ތަކުން މުށިގަނޑު ވަނީ ފުރިފައެވެ. ބައެއް ފުއްޕާހަންތައް ވައިގެ ތެރޭގައި ހެލިލަ ހެލިލާ ހުއްޓެވެ. އަހަންނަށް ބަލައިލެވުނެވެ. އިތުރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބަލައިލެވުނީ ޔާއީޝްގެ މޫނަށެވެ. މިއީ ކޮންކަމެއްހޭ އަހައިލަމުންނެވެ.

"މި ގޮނޑީގައި އިށީނދެލާ. ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެ." ގޮނޑި މަތީގައި އަޅައިފައިވާ ރަތްކުލައިގެ ފޮތިގަނޑު ވެސް ހިއްލައިލަދިނީ އަރުހަމްއެވެ.

ހައިރާންކަމާއެކު އެ ގޮނޑިއަށް ބަލައިލެވުނެވެ. ގޮނޑިއެކޭ ބުންޏަސް އެއީ ވާ ގޮނޑިއެކެވެ. ހީވީ ޕަރީޒާދުންގެ ވާހަކަތަކުގައި ފެންނަ ކަހަލަ ރީތި ތަހުތެއްހެންނެވެ. މަލުން ޖަރީކޮށްފައިވާ ފުރިހަމަ ގޮނޑިއެކެވެ. އަރުހަމް އިޝާރާތްކޮށްލީ އެ ގޮނޑިއަށެވެ. އެހާ ރީތި ގޮނޑިއެއްގައި އިށީންނަށް އަހަރެން ވެސް ލަދުގަންނަ ގޮތްވިއެވެ. ޖެހިލުން ވެވުނެވެ. ނަމަވެސް އަރުހަމް ދެ ފަހަރަކު ބުނުމުން އެންމެ ފަހުން ގޮތްދޫކޮށް އިށީނީމެވެ.

އަހަރެން ގޮނޑީގައި އިށީނުމުން ތަބަކެއް ހިފައިގެން ހަމްޒާ އައެވެ. އެއީ ރަތްކުލައިގެ މަހުމާފޮތިން ޒީނަތްކޮށްފައިވާ ކުޑަކުޑަ ތަބަކެކެވެ. ތަބަކުގެ މަތީގައި ކުޑަކުޑަ ފޮށްޓެއް އޮތެވެ. ފޮށި ޒީނަތްކޮށްފައި ވަނީ ކުލައަރާ ރީތި އެސްތަކަކުންނެވެ. އެ ފޮށި ވަށައިގެން ހުރީ ރަތްކުލައިގެ ފިނިފެން މަލުގެ ފިޔަތަކެވެ. އިލްފުގެ ފަހަތުން ކަހަލަ ގޮތަކަށް އަރުހަމްއާއި ޝިޔާޒު ވެސް އެތެރެއަށް ވަނެވެ. އެއީ އިސްކޮޅުން އެއްވަރު ތިން މީހުންނެވެ. ތިން މީހުން ހުއްޓުނީ އަހަރެން ކުރިމަތީގައެވެ. މެދުގައި ހުރީ ޝިޔާޒެވެ. އެއްފަރާތުގައި އިލްފެވެ. އަނެއް ފަރާތުގައި އަރުހަމެވެ. ޝިޔާޒު މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އޭނާ ތިރިވެލީ ކުޑަކަކޫ މައްޗަށެވެ. ފަހަތު ޖީބުން ފިނިފެންމަލެއް ނެގިއެވެ.

"ކަނބުލޮއަށް މަގޭ އަނތްބަކަށް ވާން ކެރިދާނެތަ؟" ޝިޔާޒު ހިނިތުންވެލިއެވެ.

އަހަރެން ލަދުގަންނަ ގޮތްވިއެވެ. ޖެހިލުންވެ އަތްފައި ފިނިވާ ގޮތްވިއެވެ. ޝިޔާޒަށް ދޭނެ ޖަވާބަކާ މެދު ވިސްނައިލަން މަޖުބޫރުވިއެވެ. ކުއްލިއަކަށް ގޮތެއް ނިންމަން ޖެހުމުން ފާޑަކަށް ހިތް ނުތަނަވަސް ވިއެވެ. ކުރިން އެއް ގޮތަކަށް ވެސް ނުވިސްނާ ހުރި ކަމެއް ވީމައެވެ. އިޝާރާތެއް ވެސް ލިބިފައި ނުވާތީއެވެ.

އަހަންނަށް ޝިޔާޒު ފެނިފައި އަދި މިވީ އެންމެ ތިން ދުވަހެވެ. އެއީ ކާކުކަން އަހަންނަށް ދަސްކުރާން ވެސް ޖެހޭނެއެވެ. އެކު އުޅެވޭތޯ ބަލަން ވެސް ޖެހޭނެއެވެ. ދެ މީހުންގެ މިޒާޖު އެއް ކަށްޓާ އަކުން ކިރޭތޯ ބަލަން ވެސް ޖެހޭނެއެވެ. އެހައި ބޮޑު ނިންމުމެއް ނިންމަން އަދި މާ އަވަހެވެ. އަހަރެންގެ ހިތްބުނަނީ އެހެންނެވެ. ނަމަވެސް ސިކުނޑީގައި މުގުރައިލީ މުޅީން ތަފާތު ރާޅެކެވެ. މީހެއްގެ ގޮތް ދަސްކުރާން އެތައް ގަރުނެއް ނަގާނެހޭ ހިތް ބުނެލިއެވެ. ބަލައިބެލުމަށް ޝިޔާޒަކީ އޯގާތެރިއެކެވެ. ނިޔަނެތި މީހެކެވެ. އަޅައިގަންނަ ކަހަލަ ރީތި މީހެކެވެ. މޫނުމަތީގައި އަބަދުމެ ކުރެހިފައި ހުންނަނީ ލުއި ހިނިތުންވުމެކެވެ. މަކަރާއި އޮޅުވާލުމަށް ފުރުސަތު ނެތްކަން އެ މޫނުމަތިން ހާމަވެއެވެ. އޭނާގެ ސާދާ ބަސްމަގާއި މަޑުމައިތިރި ހަރަކާތްތަކުން ގަޔާ ނުވާން ހުއްޓަސް އޭނާއާ ގަޔާ ވެވެއެވެ. ނުބަލަން ހުއްޓަސް ބެލެއެވެ. ވީއިރު ގޮތެއް ނިންމަން އަވަހެއް ނޫނެވެ. ލަހެއް ވެސް ނޫނެވެ. ފުރަތަމަ ނަޒަރުން ލޯބިވެ ދުނިޔެ ފަތަހަކުރި ކިތައް މީހުން އެބަ އުޅޭހެއްޔެވެ؟ ލޯބީގެ ނަމުގައި އެތައް ޒަމާނެއް ހޭދަކުރި ކިތައް މީހުން ދުރުވެ ވަކިވެއްޖެ ހެއްޔެވެ؟ ހިތާއިހިތާ މި ސުވާލުތައް ތަކުރާރުވާން ފެށިއެވެ.

އަހަންނަށް އިނދެވުނީއެވެ. ބަލާށެވެ. ޝިޔާޒުގެ ހަންހާރަވެތި މޫނަށެވެ. އޭނާގެ އަހުރަވެރި ދެ ތުން ފަތަށެވެ. ނިޔަނެތި ހަރަކާތްތަށެވެ.

"ކަމޯން ރާނީ." ހަމްޒާގެ ސަކަ މިޒާޖުން ހިމޭންކަން ފަޅުފިލުވާލިއެވެ.

"މުޅި އުމުރަށް ލޯބިން، ވަރަށް ލޯބިން ރާނީ ގެންގުޅޭނަން. އަހަންނަށް ރާނީ ފުރަތަމަ ފެނުނު ހިނދުން ފެށިގެން ރާނީއަށް މި ހިތް ބޭނުންވެއްޖެ. ހިތުގެ ވިންދުން އެކަން އަންގައިދީފި. އަހަރެންގެ ޑުރީމް ޕާޓުނަރއަކީ ތިޔައީ ކަމަށް ހިތް ބުނެދީފި." ޝިޔާޒުގެ އަޑުގައި ހުރީ އަބުއި ރާގެކެވެ. މަޑުމަޑު ތުރުތުރެކެވެ.

އަހަންނަށް އިނދެވުނީއެވެ. ޝިޔާޒުގެ ފުން ދެ ލޮލަށް ބަލާށެވެ. އެއްފަހަރު އޭނާގެ ދެ ލޮލަށް ބެލިދާނެއެވެ. އަނެއް ފަހަރު އޭނާގެ ތުންފަތަށް ބެލިދާނެއެވެ. އެ މޫނުމަތިން ފެންނަމުންދާ އަބުއި ކަމާއެކު ތުންފަތް ތުރުތުރު އަޅައިލައެވެ. ޝިޔާޒަށް ދޭނެ ޖަވާބަކަށް ވިސްނައިލީމެވެ. ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. އެންމެފަހުން ހަރަކާތުން އެކަން ކޮށްލެވޭތޯ ބެލީމެވެ.

(ނުނިމޭ/ އަނެއް ބައި އަންގާރަ ދުވަހު)

3 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 29%
icon inlove icon inlove 71%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާނަންދު

02 May 2021

5 ފިރިހެނުންނާއި 1 އަންހެނަކު.... ކިހާވަރަކުން ދާނެބާ

The name is already taken The name is available. Register?

އަބުސީ

02 May 2021

ތަފާތު ފެށުމެއ.. ރީތި ވާނެކަމަޢް މިބަލަނީ

The name is already taken The name is available. Register?

މަންނު

02 May 2021

ރީތި.... ސަޅި ފަކުރުން ތަކެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454