އަނުޝްކާ ޝަރްމާ--
27 ޖޫން 2021 - 08:18
ދަރިފުޅު، ވަމިކާ އާއި ފިރިމީހާ، ވިރާޓް ކޯލީއާ އެކު އިނގިރޭސިވިލާތުގައި މިވަގުތު ހުރި ބޮލީވުޑުގެ ބަތަލާ، އަނުޝްކާ ޝަރްމާ ބޯ ކޮށާލުމަށް ފަހު މިހާރު ހުރި ގޮތް ފޭނުންނަށް ދައްކާލައިފި އެވެ.
ހުކުރު ދުވަހު އިންސްޓަގްރާމްގައި ފޮޓޯއެއް އާންމުކޮށް އަނުޝްކާ ބުނި ގޮތުގައި އޭނާއަށް އިސްތަށިގަނޑަށް ބަދަލެއް ގެންނަން ޖެހުނީ ބޮލުން އިސްތަށި ފައިބާތީ އެވެ. މިގޮތަށް ބޮލުން އިސްތަށި ފައިބަން ފެށީ ދަރިއަކު ލިބުނު ފަހުން ކަމަށް އަނުޝްކާ ބުންޏެވެ.
މާބަނޑުއިރު އަދި ވިހެއުމަށް ފަހު އިސްތަށި ފޭބުމުގެ މައްސަލަ ބައެއް އަންހެނުންނަށް ކުރިމަތިވެ އެވެ.
ފޮޓޯ އިން ފެންނަ ގޮތުގައި އަނުޝްކާގެ އިސްތަށިގަނޑު މިހާރު ހުރީ ކޮނޑާ ހިސާބަށެވެ. އޭގެ ކުރިން ކޮނޑުން ތިރިއަށް އިސްތަށިގަނޑު އޮވެ އެވެ.
އަނުޝްކާއަށް އޭނާގެ އަލަތު ދަރިފުޅު ވަމިކާ، ލިބުނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން، ބޮލުން އިސްތަށި ފައިބާތީ އެކަމުގެ ހައްލެއްގެ ގޮތުން އިސްތަށިގަނޑު ކޮށާލީ ބަތަލާ ސޯނަމް ކަޕޫރު ރެކޮމެންޑްކުރި ތަނަކުން ކަމަށް ވަނީ ބުނެފަ އެވެ. އަނުޝްކާ ވަނީ ސޯނަމްއަށް އެކަމާ ޝުކުރު ވެސް އަދާކޮށްފަ އެވެ.
އިންސްޓަގްރާމު އަނުޝްކާގެ އާ ސްޓައިލަށްކޮމެންޓް ކުރި މީހުންގެ ތެރޭގައި ސޯނަމް ވެސް ހިމެނެ އެވެ. އޭނާ ވަނީ އަނުޝްކާ ވަރަށް ރީތި ކަމަށް ބުނެފަ އެވެ.
މާބަނޑުއިރު އަނުޝްކާ ދިން އިންޓަވިއުއެއްގައި ބުނީ ވިހެއުމަށް ފަހު އޭނާ އަލުން ފިލްމީ މަސައްކަތް ކުރާނެ ކަމަށެވެ. އެކަމަކު ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަނުޝްކާ މިއަހަރުގެ ނިޔަލަށް އެއްވެސް ފިލްމެއްގެ މަސައްކަތްތެއް ނުކުރާނެ އެވެ. އޭނާ މިވަގުތު ބޭނުންވަނީ ދަރިފުޅާ އެކު ވަގުތު ހޭދަކުރާށެވެ. އަދި އަލުން މަސައްކަތް ފަށާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށްވެ އެވެ. އެކަމާ ގުޅިގެން މިހާތަނަށް އަނުޝްކާ ވަކި އެއްޗެއް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy