ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކުރިއަށް އޮތް ފިލްމް "މީ ލޯތްބަކީ" ގެ ޝޫޓިންގެ 60 ޕަސަންޓް ނިމިފައިވާ ކަމަށާއި މަސައްކަތް ކުރިއަށްދާ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފި އެވެ.
އޭނާ ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިގިނލީގައި ބޮޑު ބައި ޝޫޓްކުރާ ފިލްމުގެ މަންޒަރުތަކެއް އަތޮޅުތެރޭގެ ރަށެއްގައި ވެސް ނަގަން ހަމަޖެހިފައިވާ ކަމަށެވެ.
"މަސައްކަތް ދާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ޓީމް ވާކް ވަރަށް ރަނގަޅު،" މި އަހަރު "ވާށޭ މަށާއެކީ" ގެނެސް ދިން ޕްރޮޑިއުސަރު ބުންޏެވެ.
މޮގާ ބުނީ ފިލްމުގެ ޝޫޓިންއާ އެކު ފިލްމުގެ އެޑިޓިން ވެސް ކުރިއަށްދާ ކަމަށެވެ.
"ވަރަށް ރޭވިގެން މަސައްކަތް ކުރިއަށް ދަނީ. ކުރީ ބައިގައި އެޑިޓް ކުރަމުން ދިޔައިމަ ރިޝޫޓެއް ކުރަން ޖެހުނަސް އެކަން ކުރަން ފަސޭހަ ވާނެ،" އޭނާ ބުންޏެވެ.
"މިއީ ލޯތްބަކީ" އަކީ "ވާށޭ މަށާއެކީ" އަށް ލިބުނު ބޮޑު ކާމިޔާބީ އަށް ފަހު، ޑާކް ރެއިނުން ހަދާ ދެވަނަ ރޮމޭންޓިކް ކޮމެޑީ އެވެ.
"ހަމައެކަނި ދެ ފިލްމުގެ ޖޯންރާ އެއްގޮތްވިކަން އެކަނި. އެ ނޫން އެއްގޮތް ކަމެއް ދެ ފިލްމަކު ނުހުންނާނެ. ވާށޭ މަށާއެކީ އަށް ވުރެ ހުރިހާ ގޮތަކުން ވެސް މީ ލޯތްބަކީ ފުރިހަމަ ވާނެ،" މޮގާ ބުންޏެވެ. "އެ ފިލްމަށް ވުރެ މީގެ ކޮމެޑީ ބައި މާ ބޮޑު ވާނެ. އަދި މީގެ ކާސްޓުން ވެސް މާ ގިނަ. އަނެއްކާ އާ ކުދިންތަކެއް ވެސް މި ފިލްމުން އެބަ ތައާރަފުވެގެން ދޭ."
"މީ ލޯތްބަކީ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޑައިރެކްޓަރު އަލީ ޝިފާއު އާއި މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.
ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ ލީޑް ރޯލް ކުޅޭ ފިލްމުގައި ބޮޑު ކާސްޓެއް ހިމެނެ އެވެ.
އޭގެ ތެރޭގައި "ވާށޭ މަށާއެކީ" އިން ފެނުނު ގިނަ ތަރިންނާއި އަލަށް ތައާރަފުވާ އެކްޓަރުން ވެސް ހިމެނެ އެވެ. އެގޮތުން "މޯލްޑިވިއަން އައިޑޮލް" އިން ފެނިގެން ދިޔަ އިބްރާހީމް އަމާން "މިއީ ލޯތްބަކީ" އިން ފިލްމީ ދާއިރާ އަށްް ތައާރަފުވެގެން ދާނެ އެވެ.
އަމިއްލަ ރާގުގެ ހަ ލަވަ ހިމެނޭނެ "މީ ލޯތްބަކީ" ސިނަމާ އަށް އަންނާނީ އެޕްރީލް 5، 2017 ގަ އެވެ.