މުނިފޫހިފިލުވުން / ވާހަކަ ތިން ސަބަބު

3 ސަބަބު

ބުދަ ދުވަހާ ގުޅޭ

"ބުނޭ ސޮރީއޭ!" އަޝްރާން އިމުތިހާނުކޮށްލުމުގެ ބޭނުމުގައި އަހަރެން ބުނީމެވެ.

މަޖާ މިޒާޖަކީ، ފިރިހެނެއްގެ ކިބައިގައި ހުރުން ލާޒިމު ސިފައެކެވެ. ހާސްކަން ކުރިމަތިވާ ވަގުތާއި، ހިތްދަތިކަން ކުރިމަތިވާ ވަގުތު، ހިތްވަރުލިބޭ ކަހަލަ އެއްޗެއް ބުނެގެން ހެއްވައިލަން ނޭނގޭ މީހަކީ ފިރިހެނެއް ނޫނެވެ. ހެއްވާލުމުގެ ކުޅަދާނަކަމާއި، ސަމާސާކުރުމާއި، ހުނުމުގައި ހައިބަތުހުރުމަކީ އަހަރެން ބޭނުންވާ ކަމެކެވެ. ހުނުމުގައި ހަރުދަނާކަމެއް ވެސް ހުންނަން ޖެހޭނެއެވެ. އަހަންނަށް ފާހަގަކުރެވުނު ގޮތުގައި، ވަރަށް ގިނަ އަންހެނުން އެ ސިފަޔާ ގަޔާވެއެވެ. އަޝްރާންގެ މިޒާޖުގައި އެ ހުނަރު ހުރިތޯ ބަލައިލަން އަހަރެން ބޭނުންވިއެވެ.

"ސޮރީ ބުނެފާނަން،" ވަރަށް ހަމަޖެހިލައިފައި އަޝްރާން ބުންޏެވެ. "ތީ ވަރަށް ލޯބި ކުއްޖެކޭ، ފިރިމީހާ ކައިރިން ވަރިވެގެން އަހަންނާ އިންނަން ރަންކިޔަން ހިނގާށޭ ވެސް ބުނެފާނަން. ރީމަށް ލާހިކެއް ނޫން މިހާ ލޯބިވާ ފިރިޔެއް ހޯދާކަށް. ލިޔެފަ ސޮއިކޮށްދީފާނަން. ފިރިމީހާ ކައިރީގަ ބުނަންތަ ސޮރީއޭ ރީމް ގޮވައިގެން އަހަރެން ދަނީއޭ؟ ބައްޕައަށް ވެސް ސޮރީ ބުނެފާނަމޭ!"

ހޭން ފެށި ގޮތަށް ހުއްޓައިލާކަށް އަހަންނަކަށް ނޭނގުނެވެ. އަޝްރާން އެހެން ބުނެފާނެކަމަކަށް އަހަރެން ކުޑަކޮށް ވެސް ހިޔެއް ނުކުރަމެވެ. ބަލާބެލުމަށް އޭނަ ފެންނަނީ މާ ސީރިޔަސްކޮށެވެ.

"ކީކޭ ކިޔާފަޔޯ ބައްޕަޔަށް ސޮރީ ބުނަނީ؟" ހެމުންހެމުން އަހަރެން އެހީމެވެ.

"ބައްޕަގެ ދަރިފުޅަށް ރުހުން ހޯދަން އަހަންނަށް ފުރަތަމަ ނާދެވުނީތީ!" އެ ފަހަރު އަޝްރާންގެ ރާގުގައި ސީރިޔަސްކަން ހުރި ވަރުން، އެއީ ސަމާސާއެއްހެން ހީ ވެސް ނުވެއެވެ. "ދެން މި ދެނީ ސަޕްރައިޒް! އަހަންނަށް އެނގޭ ރީމް ސިންގަލްކަން. ޔަގީންކޮށްފަ މި ގުޅީ. ހަމަ ތަނަކުން އަންހެނަކު ފެނުނަކަސް އަޝްރާނެއް ނުގުޅާނެ. އަހަރުމެން ސިފައިންނަކީ ގައުމު އެކަނި ބަލަހައްޓާ ބައެއް ނޫނޭ! އަހަރުމެން ލޯބިވާ މީހަކު ވެސް ވަރަށް ގާތުން އަހަރުމެން ބަލަހައްޓަން. ރައްކާތެރި ވެސް ކުރަން."

އަޝްރާން ދައްކާ ވާހަކަ، އެހެން މީހުން ދައްކާ ވާހަކަޔާ ވަރަށް ތަފާތެވެ.

"ސާބިތުކޮށްދީ!" އަހަރެން އެދުނީމެވެ. "އަހަރެން ބަލަން ބޭނުން އަހަންނަށް އަޝްރާން ކިހާ ކެއާކުރާކަމާ، ކިހާ ވަރަކަށް އަހަރެން ދަންނަކަން."

"މިއަދު އަދި ގެޔަކުން ނުނިކުންނަމެއްނު! އާނއެކޭ ބުނޭ!" ޔަގީންކަމާ އެކުގައި އަޝްރާން ސާބިތުކޮށްދިނެވެ. "މިއަދު ކުރިން ލީ ނޫކުލައިގެ ޓީޝާޓެއް. މިހާރު ލައިގެން ތިހިރީ ރަތްކުލައިގެ ހެދުމެއް. ބުނެބަލަ ނޫނެކޭ!"

އަހަރެން އަންތަރީސްކޮށްލައި، އަހަރެންގެ ސަމާލުކަން އަޝްރާން އަތުލިއެވެ. ހިތް ކަތިލިއެވެ. ވައަތުލޯ ތޮޅިލިއެވެ. މީހުން ބުނެއެވެ. ވައަތުލޯ ތޮޅުމަކީ ނުބައި ފާލެކެވެ. އަހަރެން އެ ކަހަލަ ވާހަކަ ގަބޫލެއް ނުކުރަމެވެ. ކުރެވުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އެހެން ހިތަށްއެރީ މާ ފަހުންނެވެ.

އަހަރެންގެ މާ ގިނަ އެކުވެރިންނެއް ނުތިބެއެވެ. އެ ކަމާ އަހަރެން ދެރައެއް ނުވެއެވެ. ގޮތް ނޭނގޭ އެއް ހާސް އެކުވެރިންނަށް ވުރެ ގޮތް އެނގޭ އެކަކު އަހަންނަށް ފުދެއެވެ. އެއީ ނާސިހާއެވެ. ނާސިހާ ބުނި ގޮތުގައި، ސިފައިންނަކީ ވަރަށް އަވަދިނެތި އުޅޭ ބައެކެވެ. އަނބިމީހާއަކަށް ވަގުތެއް ނުދެވޭނެއެވެ. އެންމެ އަންހެނަކުން ނުފުދޭނެއެވެ. ދޮގުހަދަން ވަރަށް މޮޅުވާނެއެވެ. އެ ވާހަކަތައް އަހަންނަކަށް ގަބޫލެއް ނުކުރެވެއެވެ. ގައުމަށް ޓަކައި ފުރާނަ ގުރުބާންކުރަން ތައްޔާރަށް ތިބޭ ބަޔަކު، އަނބިމީހާއަށް މަކަރުވެރިއެއް ނުވާނެއެވެ.

އަހަރުމެން ރައްޓެހިވެގެން، އުޑުން ތަރި ބޭލުމުގައި ދުވަސްތަކެއް ހޭދައެއް ނުކުރަމެވެ. އަޝްރާން ބޭނުންވީ އަވަހަށް އިންނާށެވެ. އަހަރެން ބޭނުންވީ އަވަހަށް ގެއިން ނުކުންނާށެވެ. ހަމަ އެހެންމެ، މަންމަގެ ލޯމަތިން އަހަރެން ގެއްލޭތީ މަންމަ ވެސް ވަރަށް އުފާވިއެވެ. އަހަރެން ވެސް ވާންޖެހޭނީ އުފަލެވެ. އެކަމަކު، ވީ ދެރައެވެ. އެ ކަމާ އަހަރެން ވަރަށް ހައިރާންވިއެވެ. އަހަރެން ދެކެ އިންތިހާއަށް ރުޅިއަންނަ މީހެއްގެ އަނިޔާއިން ސަލާމަތްވެ، އެ ފަދަ މީހެއްގެ އަތްނުފޯރާ ފަށަށް ދެވޭތީ އަހަރެން އުފާނުވީ ކީއްވެގެން ހެއްޔެވެ؟ ހަޅޭއްލެވުމާއި، އަނިޔާކުރުމާއި، މަލާމާތުން ސަލާމަތްވީމައި ދެރަވާންވީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އަހަންނަށް އެނގެއެވެ. އަހަރެން ދެކެ މަންމަ ލޯބިނުވިޔަސް، އަހަރެންގެ ހިތުގައި މަންމައަށް އޮތް ލޯބި ބޮޑީއެވެ.

އަހަރެންގެ ކައިވެނީގެ އެއްވެސް ކަމެއްގައި މަންމަ ބައިވެރިއެއް ނުވެއެވެ. އެ ކަމުގައި ދޮގެއްހަދަން ވެސް މަންމަ ބޭނުމެއް ނުވިއެވެ. މަންމަ ބޭނުންވީ، އަހަރެން ދެކެ މަންމަ ކިހާ ފޫހިވާކަން މީހުންނަށް އަންގާށެވެ. ކައިވެނީގެ ކަންތައްތަކުގައި ވެސް މަންމަ ހުރީ ފުސްމޫނު ހަދައިފައެވެ. އަހަރެންގެ ހެދުމަށާއި، މޭކަޕުކޮށްފައި ހުރި ގޮތަށް މަންމަ މަލާމާތްކުރިއެވެ. އޭގެ ސަބަބުން، އެތައް ބަޔަކަށް އަހަރެން ޖަވާބުދޭން ޖެހުނެވެ. އަހަރެން ދޮގެއްނަހަދަމެވެ. އަހަރެން ދެކެ މަންމަ ފޫހިވާ ވާހަކަ، ވަރަށް މިނިވަންކަމާ އެކުގައި އަހަރެން ބުނީމެވެ. މަންމަ ބޭނުންވާނީ ވެސް އެ ގޮތްކަން އަހަންނަށް އެނގެއެވެ. އެއީ، މަންމައަށް އަހަރެން ދިން ހަދިޔާއެކެވެ.

އަޝްރާނާ ކައިވެނިކޮށްގެން އަހަރެން ގެއިން ނުކުތީމެވެ. ކައިވެންޏަށް ފަހު އަޝްރާންގެ ލޯބި އިތުރުވިއެވެ. ފުރަތަމަ ދަރިފުޅަށް އަހަރެން މާބަނޑުވުމުން، އަނެއްކާ ވެސް އަޝްރާންގެ ލޯބި އިތުރުވިއެވެ. ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އެނގުމުން، ކުރިޔަށް ވުރެ އަޝްެރާންގެ ލޯބި އިތުރުވިއެވެ. ހީވާ ކަހަލަައެވެ. އަޝްރާންގެ ވަށައިގެން ލޯބި އުތުރިއަރަނީއެވެ. ހީވަނީ، އުދައަރާ ވަގުތު މޫދު ފުރިގެން ބަންޑުންވާހެންނެވެ. އެކަމަކު އެ ދަނޑިވަޅު، އެހެން އަންހެނަކު ބާލިދީއެއް ދިއްކޮށްލިއެވެ. އަހަރެންގެ ވައަތުލޯ ދިން އިންޒާރަކީ އެއީ ހެއްޔެވެ؟ ނުވަތަ އެއީ، އަހަރެންގެ ދެ ލޯ އަހަންނަށް ކެހިދިން ވަގުތު ހެއްޔެވެ؟

މީހެއްގެ ގޮތް އެނގޭނީ ކައިވެނިކުރީމައޭ މީހުން ބުނެއެވެ. އެއީ ތެދެކެވެ. ފިރިމީހާ އެހެން އަންހެނަކާ ހިތާވަނީ އަނބިމީހާ ދެކެ ފޫހިވީމައޭ ވެސް މީހުން ބުނެއެވެ. އެއީ ތެދެއް ހެއްޔެވެ؟ އަހަރެން މޮޑުނު ބަތްތަށީގެ އެއްބައި އެހެން މީހަކު ކާން ފެށުމުން އަހަރެން ޝަކުވާކުރީމެވެ. ނުކުރާނީ ކާކު ހެއްޔެވެ؟ އަހަރެންގެ ފުރަތަމަ ލޯތްބެވެ. ކުދިންގެ ބައްޕައެވެ. އެހެނަސް، އަޝްރާން ކުށްވެރިއެއް ނުކުރަމެވެ. އޭނަޔަކަށް އިންޒާރެއް ވެސް ނުދެމެވެ. އަހަރެން ކުށްވެރިކުރީ އަހަރެންގެ އަމިއްލަ ނަފުސެވެ.

"އަހަރެން ދެކެ އަޝްރާން ފޫއްސެއް ނުވާނެ،" ވަރަށް ޔަގީންކަމާ އެކުގައި އަހަރެން ބުނީމެވެ. "އެއީ ކީއްވެ؟ އަހަންނަކީ ހުތުރު މީހެއް ނޫން. އަހަންނަށް ނުދެވުނު އުފަލެއް އެހެން އަންހެނަކަށް ވެސް ނުދެވޭނެ. މީ ހަމަ ޗެލެންޖެއް. އަހަންނަކީ ޝަކުވާކުރާ އަންބެއް ނޫން. ޝައްކުކުރާ އަންބެއް ނޫން. ކަންނެތް އަންބެއް ވެސް ނޫން. އަހަރެންގެ މައްސަލައަކީ ހަގީގަތާ ފޭސްކުރަން ނޭނގުން. އަހަރެންގެ އަމިއްލަ މަންމަ އަހަރެން ދެކެ ލޯބިނުވީމަ ދެން ކާކު އަހަރެން ދެކެ ލޯބިވާނީ؟ އަސްލު މީ ކާރސްއެއް."

މަންމަގެ ބަދުދުއާ އަހަންނަށް ޖެހުނުކަން އަހަރެން ގަބޫލުކުރީއެވެ. ބުނާ އަޑު އަހަމެވެ. މަންމަ ދުއާއަށް ނަގާ ދެ އަތް ތިރިކޮށްލުމުގެ ކުރިން އެ ދުއާ އިޖާބަކުރައްވައެވެ. އަޝްރާން ކުށްވެރިކޮށް އެންމެ ލަފުޒެއް ވެސް އަހަރެން ނުބުނަމެވެ. ބަދުނަސީބުވެރިޔަކީ އަހަރެންނެވެ. އަހަރެން އެއްބަސްވީމެވެ. އަހަރެން ކަހަލަ މީހުން ކައިވެނިކުރާނެކަމެއް ނެތެވެ. ހުވަފެން ދެކޭނެކަމެއް ނެތެވެ. އުފަލަކަށް އުންމީދުކުރުން ވެސް އަހަރުމެންނަށް ހަރާމެވެ. ހަޔާތުގެ ކޮންމެ މަގަކުން، ކޮންމެ ގޯޅިއަކުން އަހަރެން ކަހަލަ މީހަކަށް ކުރިމަތިވާނީ ފަލީހަތެވެ. ބަދުނާމެވެ. އަޅާ ކޮންމެ ފިޔަވަޅަކުން، ލާ ކޮންމެ ނޭވަޔަކުން އަހަރުމެންނާ ކުރިމަތިވާނީ ނާކާމިޔާބެވެ. ހިތްދަތިކަމެވެ.

"އަހަރެން ދޫކޮށްލާ!" އާދޭހާ އެކުގައި އަހަރެން އެދުނީމެވެ. "އެހެންނޫނީ އަޝްރާންގެ ފިއުޗަރއަށް ވެސް އަހަރެންގެ ހިޔަނި އެޅޭނީ. އަހަރެން މީ ހާދަހާ ސުންޕާ މީހެކޭ."

ހަޔާތުގެ މިސްރާބު ކުއްލިއަކަށް އެނބުރުނު ކަހަލައެވެ. އަޝްރާންގެ ވިސްނުން ކުއްލިއަކަށް ބަދަލުވި ކަހަލައެވެ. އަހަރުމެންގެ ކައިވެނި ސަލާމަތްކުރަން އަޝްރާން ބޭކާރު ވާހަކަތަކެއް ނުދައްކައެވެ. ވަގުތުން ކައިވެނި ސަލާމަތްކުރީއެވެ. ކުރެވުނު ކުށަށް އިއުތިރާފުވެފައި، އޭނަގެ ދެއަތުން އަހަރެން އަތުގައި ބާރަށް ހިފީއެވެ. މާފަށް ވެސް އެދުނީއެވެ.

"ސޮރީ ރީމް!" އަޝްރާން ބުނިހާ ވެސް އެއްޗަކީ އެއީއެވެ.

އެ ހާދިސާއަށް ފަހު، އެތައް އަހަރެއް ވެއަތުވިއެވެ. އަހަރެން ވަޒީފާއެއްގައި އުޅޭތާ ވެސް އެތައް އަހަރެއް ވެއްޖެއެވެ. އެއީ މުސާރައަށް ޓަކައި އަހަރެން އަދާކުރާ ވަޒީފާއެއް ނޫނެވެ. ގޭގައި ހުންނަން ފޫހިވާތީ ކުރާ ކަމެކެވެ. އަހަރެން ދިރިއުޅެނީ އަޝްރާންގެ ގޭގައެވެ. އަހަންނަށް ލިބުނީ ވަރަށް ހެޔޮ، ލޯބިވާ، އޯގާތެރި ފިރިއެކެވެ. މީހުން ބުނެއެވެ. ގިނަ ދުވަހު އެކުގައި އުޅުމުން މީހުން ދަސްވާނެއެވެ. އެއީ ތެދެއް ހެއްޔެވެ؟ އާނއެކެވެ. ފިރިމީހާގެ ގޮތް އަހަންނަށް އެނގިއްޖެއެވެ. އޭނައަކީ، ކުށަށް ތައުބާވާން ދަންނަ ފިރިއެކެވެ. އަހަރެން ދެކެ ލޯބިވާ މީހެކެވެ. އެކަމަކު، މަންމަގެ ގޮތް ދެން ވެސް އަހަންނަކަށް ނޭނގުނެވެ. މަންމަޔާ އެކުގައި އުޅެވުނު ދުވަސް ޔަގީނުން ވެސް މަދެއް ނުވާނެއެވެ.

އަޝްރާންގެ ގެއަށް މަންމަ އަންނަނީ އަޝްރާނާއި، މާމަދަރިންގެ ހާލުބަލަން އެކަންޏެވެ. އަހަންނަކީ ޖިންނިއެކެވެ. މަންމައަކަށް އަހަންނެއް ނުފެންނާނެއެވެ. ލޯކުރިމަތީގައި މެއްސެއްހެން އަހަރެން އެނބުރުނަސް ވެހެވެ. މަންމައަށް މުޅީން ވެސް ފެންނާނީ ގޭގައި ނުކުރެވިފައި ހުންނަ ކަންކަމެވެ. ތަނެއްގައި ހުންނަ ހިރަފުސްކޮޅެވެ. މުޅި ގެ ތަރުތީބުކޮށް އަހަރެން ދޫލައިފައި ހުއްޓަސް، ސޯފާގައި އޮންނަ ބާލީސް މަންމަ ރީތިނުކުރާ ފަހަރެއް ނާދެއެވެ. ސޯފާ ކައިރީގައި ހުންނަ ކުޑަމޭޒު މަތީގައި ހުންނަ އެއްޗެހި ވެސް މަންމަ އަލުން ތަރުތީބުކޮށްލާނެއެވެ. އަހަރެން ނިދާ ކޮޓަރިއަށް މަންމަ ވަންނާނެއެވެ. ތަންމަތިއަޅައިފައި އޮތަސް ކުލްޓުން ރުލެއް ފިލުވައިލާނެއެވެ. އެނދު ފޮޅައިލާނެއެވެ. ކުދީން ނިދާ ކޮޓަރިއަށް ވެސް މަންމަ ސަރުދާރު ވަންނާނެއެވެ. ބައެއް ފަހަރު އަހަރެންގެ ކެތްތެރިކަން ނުވަދިހަ ނުވަޔަކަށް އަރައެވެ. އެކަމަކު އެއްޗެއް ނުބުނަމެވެ. މަންމަ ބޭނުންވަނީ އަޝްރާން ކުރިމަތީގައި މަންމަޔާ ދިމާއަށް އަހަރެން އެއްޗެއް ބުނާށެވެ. އަހަރެންގެ ގޯސް ސިފައެއް އަޝްރާނަށް ދައްކާށެވެ. އެ ފުރުސަތެއް އަހަރެން ނުދެމެވެ. މަންމަގެ ނިޔަތް އަހަންނަށް ވިސްނޭތީއެވެ. ނުވިސްނެނީ އެންމެ ކަމެކެވެ. އަހަރެންނަށް ނުދިން ލޯބި އަހަރެންގެ ފިރިމީހާއަށް މަންމަ ދެނީ ކީއްވެގެން ހެއްޔެވެ؟

ނުނިމޭ

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާޒީ

08 August 2021

ތަފާތެއްނެތް މީހަމަ އަހަރެންގެ މާޒީ

The name is already taken The name is available. Register?

ނާނުހް

08 August 2021

ބިންމާގެ ވާހަކައިގެ ޖަވާބަށްވުރެ ސުވާލު ގިނަވާނެ. ވާހަކަ ނިމޭނީ އެ ސުވާލުތަކުގެ ޖަވާބުނުލިބި

The name is already taken The name is available. Register?

ީީީކާލާ މަންނަ

08 August 2021

ޔޭ މައި ފަސްޓް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454