މުނިފޫހިފިލުވުން / ބިންމާ އިބްރާހީމް ވަހީދު

ސިޔާސީ ނުފޫޒު

އާދިއްތަ ދުވަހާ ގުޅޭ

ދެ ޕާޓީން ވެސް ބޭނުންވީ އަވަސް ހައްލެކެވެ. އެކަމަކު ދެ ޕާޓީން ކަންކުރީ ދެ ގޮތަކަށެވެ. ކުރިން ނަޖާތަށް ތާއީދުކުރި، ވެރިކަންކުރާ ޕާޓީން އަތުކުރިއޮޅައިލީ ނަޖާތާ ވީހާ ވެސް ދުރަށް ދާށެވެ. އިދިކޮޅުން ގަސްތުކުރީ ނަޖާތަށް ދައުވަތުދޭށެވެ. އެކަމަކު ބުއްދިވެރިކަމާއި ހުޝިޔާރުކަމާ އެކުގައެވެ.

އޮޕަރޭޝަނެއް ނިންމައިފައި، ނަޒީރާ އެކުގައި މުންސިރު ދިޔައީ ހޮސްޕިޓަލުގެ ރެސްޓޯރަންޓަށެވެ. އެ ތަނުގައި މުވައްޒަފުންނަށް ހާއްސަ ބަޔެއް ހުރެއެވެ. އެއީ އާންމުންނަށް ނުވަދެވޭ ހިސާބެކެވެ. ހެނދުނުގެ ވަގުތެވެ. ގަޑިން ދިހައެއް ޖަހަނީއެވެ. ރެސްޓޯރަންޓުގެ އާންމުން ވަންނަ ބައި ވަރަށް ހަލަބޮއްޔެވެ. އެ ތަނަށް މުންސިރު ވަން ވަގުތު މުންސިރުގެ އެކުވެރިޔަކާ ދިމާވިއެވެ.

"ނަޖާތު ހާދަ ގަދަކޮށްފިޔޭ ދޯ!" އެކުވެރިޔާ ސަލާންކޮށްލަމުން ބުންޏެވެ. "ގޭގެ އެންމެންގެ ސަޕޯޓު ވެސް އޮތީ އޭނަޔަށް. ކުޅިދައްކާލަންވާނެ އިނގޭ."

ރެސްޓޯރަންޓު ތެރެއިން ވަދެގެން އައިސް، މުވައްޒަފުންގެ ބަޔަށް ވަދެފައި، ފޫހި ގޮތަކަށް މުންސިރު އިށީނދެލިއެވެ.

"ކޮން ކަމަކާ މާ މޫޑުކަޓައިގެން ތި އުޅެނީ؟" އިށީންނަމުން ނަޒީރު އެހިއެވެ. "މާދަމާ ތީ ޕްރެޒިޑެންޓުގެ ހަސްބަންޑޭ! އަހަންނަށް ހީވާ ގޮތުން ރާއްޖޭގަ އަލަށް ތި މަގާމު ތި ލިބެނީ. ދެން އަހަރުމެން ނުވެސް ފެންނާނެ ދޯ؟"

"އަހަރެން ބޭނުމެއް ނޫން އެ ދުވަސް ވެސް ފެންނާކަށް،" މޭޒުމަތީގައި ފޯނު ބާއްވަމުން މުންސިރު ބުންޏެވެ. "ސީރިޔަސްކޮށް. ހީވޭތަ އެ ދުވަސް އަންނަ އިރު ނަޖާތު ދުނިޔޭގަ ހުންނާނެހެން؟ އަހަންނަކަށް ހިޔެއްނުވޭ! އޭނައަށް ކަމެއް ވެއްޖެއްޔާ ކުދިންނަށް ކިހިނެއް ވާނީ؟ މިހާރު ރާއްޖެ ވެސް އެހާ ސޭފެއް ނޫނެއްނު! ކޮންމެ ފަދަ ކަމެއް ވެސް ވެދާނެ."

ނަޒީރު ވިސްނައިލިއެވެ. އެ ކަމާ ދެކޮޅުހަދާކަށް ނަޒީރު ވެސް ބޭނުމެއް ނޫނެވެ.

"ދެން ބުނަންވީނު ޕޮލިޓިކްސްއާ ދުރަށްދާށޭ!" ނަޒީރު ހިތުން ރަނގަޅު ހިޔާލެއް ދިނެވެ.

"ކިތައް ފަހަރު؟" މުންސިރު ބުންޏެވެ. "އެތައް ގޮތަކަށް ވިސްނައިދީފިން. އަހަންނަށް މިހާރު ވެސް ހީވޭ ނަޖާތަށް ބަޔަކު ފާރަލާހެން. އަހަންނަށް ހީވަނީ ފޯނު ވެސް ބަގުކޮށްފަހެން ހުންނަނީ. އަޅެ ދެރަ ގޮތެއް ވެއްޖެއްޔާ ދަރިން ކިހާ ބިކަވާނެ؟ މަ ހިތަށްއަރާ..."

މުންސިރުގެ ފޯނަށް ކޯލެއް އަންނަން ފެށިއެވެ. ފޯނު އޮތީ ވައިބުރޭޓަށް ލައިފައެވެ. ފޯނަށް އަރައިފައި އޮތީ "މައި ސްވީޓްހާޓް" އެވެ. މުންސިރު ފޯނެއް ނުނަގައެވެ. ބަލަހައްޓައިގެން އިނީއެވެ. ފޯނު ކެނޑުނެވެ. އަނެއްކާ ވެސް ހަމަ އެ ނަންބަރުން ކޯލެއް އަންނަން ފެށިއެވެ. އެ ފަހަރު މުންސިރު ފޯނު ނެގިއެވެ.

"އާނ ކީކޭ!" މުންސިރު ބުންޏެވެ. "އާނ! އޮޕަރޭޝަން ތިއޭޓަރަށް ވަންނަނީ. ފަހުން.."

މުންސިރު ދެން އެއްޗެއް ނުބުނެއެވެ. އަޑުއަހަން އިނީއެވެ. ގާތްގަނޑަކަށް ތިން މިނެޓެއްހާ އިރު ވަންދެން މުންސިރު އެހެން އިނެވެ.

"އަހަރެން ނޫނެކޭ ބުނެފިއްޔާ ގަބޫލުކުރާނަން؟" މުންސިރު އެހިއެވެ. "އެހެންވީމަ ދެން ކުރިޔަށް ގެންދޭ! ޕްލީޒް ބީ ކެއަރފުލް!"

މުންސިރު ފޯނު ކަނޑައިލިއެވެ. ނަޒީރުގެ މޫނަށް ބަލައިލިއެވެ. ނަޒީރުގެ މޫނުމަތިން ސުވާލުތައް އުތުރިއަރަނީއެވެ.

"އެއީ ނަޖާތު!" ނަޒީރު ނާހަނީސް މުންސިރު ބުންޏެވެ. "އޮޕޯޒިޝަނުން ނަޖާތަށް ގުޅިއްޔޯ! މިއަދު އެބަ އޮތޯ މީޓިންއަކަށް ކިޔާފަ. މިހާރު އެ އުޅެނީ ނަޖާތާ ގުޅާލަން. އިހަށް ދުވަހަކުޔޭ ނަޖާތަށް ވަގަށް ގޮވީ! ކޮރަޕްޓް ނަޖާތޭ ކިޔާ ހޭޝްޓެގް ހަދާ، ނުކިޔާކަށް އެއްޗެއް ނެތް. ކީއްކުރަން އެ މީޓިންއަކަށް ދާން ވެސް ވީ؟ އެކަމަކު އޭނަ ދާނެ. ބަލައްޗޭ! އެ އުޅޭ ފަޒީލު ނަޖާތުގެ ބޮލަށް ޗިޕު ވެސް ޖަހާނެ. އެޑްވާންޓޭޖު ވެސް ނަގާނެ. ކުރީގެ ފިރިމީހާ ވެސް ނަޖާތު ހަމަ ޔޫސްކުރީ! މީހުންނަށް ހީވާނެ ނަޖާތަކީ ދެން މާ މޮޅު މީހެކޭ. ހަތަރު އުދަރެސް ފެނުޖެހިފަ ހުއްޓާ، އަހަންނޭ އޭނަ މީހަކަށް ހެދީ."

މެންދުރު އެގާރަ ގަޑި ބައިވާން އުޅެނިކޮށް ނަޖާތުގެ ކާރު، އިދިކޮޅު ޕާޓީގެ އޮފީސް ކައިރިއަށް މަޑުކޮށްލިއެވެ. އޭރު މީހަކު އިންތިޒާރުގައި އޮފީސް ދޮރު ކައިރީގައި ހުއްޓެވެ. އެންމެ ފަހު ވަގުތު ވެސް ނަޖާތު އިނީ ދެ ހިޔާލެއްގައެވެ. ހިތަށްއެރިއެވެ. އެ ބައްދަލުވުން ނަޖާތަށް މުހިންމު ހެއްޔެވެ؟ ނަޖާތަށް އިދިކޮޅު ޕާޓީ މުހިންމު ހެއްޔެވެ؟ ނުވަތަ އިދިކޮޅު ޕާޓީއަށް ނަޖާތު މުހިންމީ ހެއްޔެވެ؟ ނަޖާތު ފޯނުން ވައިބާ ބަލައިލިއެވެ. އިންތިޒާރުކުރި މެސެޖެއް އޭރު ވެސް ނާދެއެވެ. އެ މެސެޖު ނައިއްސިއްޔާ ނަޖާތު ޖެހޭނީ ބައްދަލުވުން ކެންސަލުކޮށްފައި ދާށެވެ. އެ ވަގުތު، އޮފީސް ކުރިމަތީގައި ހުރި މީހާ ނަޖާތުގެ ކާރުގެ ދޮރު ހުޅުވައިދިނެވެ. ބޭނުންވި މެސެޖު ވެސް އައީ އެ ވަގުތުއެވެ. ފޯނަށް ބަލައިލުމުން ނަޖާތުގެ މޫނުމައްޗަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ. ނަޖާތު ކާރުން ފޭބިއެވެ. އޮފީހަށް ވަންނަމުން ނަޖާތު ވައިބާ މެސެޖަށް ޖަވާބުދިނެވެ. 

"ތީ ހަމަ ބްލޭންކް ޗެކެއް. ގުޅާނަން ފަހުން." ނަޖާތު ލިޔުނެވެ.

ޕާޓީ އޮފީހުން ނަޖާތާ ބައްދަލުކުރީ ޕާޓީގެ ލީޑަރު ފަޒީލެވެ. އޭގެ އިތުރަށް ވެސް ޕާޓީގެ އިސް ތިން މީހަކު ތިއްބެވެ. އެކަކީ މައިނޯރިޓީ ލީޑަރެވެ. އަނެއް ދެ މީހުންނަކީ ވެސް މަޖިލީސް މެންބަރުންނެވެ. ނަޖާތު ފެނިގެން ފަޒީލުގެ މޫނުމަތިން އުފާވެރިކަން ފެނުނު ވަރަކަށް، ފަޒީލު ފެނިގެން ނަޖާތު އުފަލެއް ނުވިއެވެ. ނަޖާތުގެ މޫނުމަތިން ފެނުނީ ހަމްދަރުދީގެ އަސަރެވެ. ކާމިޔާބުގެ ހިނިތުންވުމެވެ. ނަޖާތު އިށީނުމުން އެންމެންގެ ކުޑަ ތައާރަފެއް ދިނެވެ. އެއަށް ފަހު، ފަޒީލު ވާހަކަ ފެށީ ވަރަށް ދުރުދުރުންނެވެ. މުޅީން ވެސް ދެއްކީ ނަޖާތު ހޯދަމުންދާ ކާމިޔާބުތަކުގެ ވާހަކައެވެ. ސެހެރީ ދިޔައީ ހައްތަހާ ދިގުވަމުންނެވެ.

"ކޮބައިތޯ މި ބައްދަލުވުމުގެ ބޭނުމަކީ؟" ވާހަކަ މެދުކަނޑައިލަމުން ނަޖާތު ސުވާލުކުރިއެވެ.

ތަނަށް ވެރިވެގެންދިޔައީ ހަމަހިމޭންކަމެކެވެ. ދެ ފޮޅުވަތް ދޭތެރޭގައި އޮތީ ކީކޭކަން ނޭނގޭ އެކަކު ވެސް އެ ތާކު ނެތެވެ. ބޭކާރު ވާހަކައަކަށް ނަޖާތަކަށް ވަގުތެއް ނެތެވެ. ބައްދަލުވުމުގެ ހުންގާނުގައި ހުރީ ފަޒީލެއް ނޫނެވެ. ނަޖާތެވެ. އެއީ ސިންގާއެއްގެ ހޮހަޅައަށް ކަންބަޅިއެއް ގަދަވެގަތުން ކަހަލަ ކަމެކެވެ.

"ވީޕީގެ ޓިކެޓު ބޭނުންފުޅުތޯ؟" ފަޒީލު ސީދާ ޕޮއިންޓަށް ދިޔައެވެ. "އަޅުގަނޑު ކުރިން އުޅުނީ، ޕްރެޒިޓެންޓްގެ ބަދަލުގަ ވީޕީ ޓިކެޓު ދޭ ސަބަބު ތަފުސީލުކޮށް ކިޔައިދޭންކަމަށް. އެހެންނަމަވެސް، ކުރުކޮށްލީ!"

"އަޅުގަނޑު ހައިރާނެއް ނުވޭ! ހީކުރި ގޮތް މިވީ!" ވަރަށް ހަމަޖެހިލައިފައި ނަޖާތު ބުންޏެވެ. "ވޯޓުކަރުދާސްކޮޅުގަ އަޅުގަނޑުގެ ނަން އޮންނަން ބޭނުންވަނީ ޕްރެޒިޑެންޓާ ދިމާގަ. އެހެންވިޔަސް، ޝަރުތެއްގެ މަތިން އެ ވިސްނުން އަޅުގަނޑަށް ދޫކޮށްލެވިދާނެ. އަޅުގަނޑަށް ވިސްނައިދެއްވާ އަޅުގަނޑު ކީއްކުރަންތޯ މި ޕާޓީއާ ގުޅިގެން ވީޕީއަކަށް ޑިމޯޓުވާންވީ؟"

ޕާޓީގެ މެންބަރުން އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ. ބައްދަލުވުން ދިޔައީ އެކަކު ވެސް ހީކުރި ގޮތަކަށް ނޫނެވެ.

"ސަރުކާރުން ވަރަށް އަވަހަށް ނަޖާތު ފަހައިގަންނާނެ،" ފަޒީލު ޖަވާބުދެއްވިއެވެ. "އަޅުގަނޑުމެންގެ އޮފަރ ގަބޫލުކުރައްވައި، އަޅުގަނޑުމެންނާ ގުޅިއްޖެއްޔާ، އަޅުގަނޑުމެން ނަޖާތު ދިފާއުކޮށްދޭނަން."

"ސަރުކާރަކަށް އަޅުގަނޑެއް ނުފެހޭނެ. މި ޕާޓީއަކުން އަޅުގަނޑު ދިފާއުކޮށެއް ވެސް ނުދޭނެ!" ނަޖާތު ވަގުތުން ޖަވާބުދިނެވެ. "މިނިވަން ކެންޑިޑޭޓެއް ގޮތުގަ ކުރިމަތިލައިގެން އަޅުގަނޑު މި ރޭސް ކާމިޔާބުކުރާނަން. ފަޒީލަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަށް މި ކަން ކުރެވޭނެކަން. އެހެންވެ މި ޕާޓީން އަޅުގަނޑަށް ދައުވަތު ދެއްވީ ވެސް. ރައްޔިތުންގެ ތާއީދު އެންމެ ބޮޑީ އަޅުގަނޑަށް."

ފަޒީލަށް ވެސް ލަފާކުރެއްވޭ ގޮތަކީ އެއީއެވެ. ސަރުކާރުން ނެރޭ ކެންޑިޑޭޓަށް ވުރެ، އިދިކޮޅު ޕާޓީއަށް ވިސްނަން ޖެހިފައި ވަނީ ނަޖާތަށެވެ. އެހެންނަމަވެސް، އެންމެ ބޮޑު ތާއީދެއް އޮތީ ކޮން ބަޔަކަށްކަން އެނގޭނީ ނަތީޖާ އިއުލާނުކުރީމައެވެ.

"އަޅުގަނޑު ދެ ކަމެއް ފާހަގަކޮށްލާނަން،" މައިނޯރިޓީ ލީޑަރު ވާހަކަ ފެށިއެވެ. "ފުރަތަމަ ކަމަކަށް، ގިނަ ރައްޔިތުން ވޯޓުލާނީ ކޮން ކެންޑިޑޭޓަކަށްކަން މިހާރަކު ބުނާކަށް ނޭނގޭނެ. ދެވަނަ ކަމަކަށް، ނަޖާތު ހީކުރެއްވި ގޮތަށް މިވީ. އަޅުގަނޑުމެން މި އޮފަރކުރީ ވީޕީގެ ޓިކެޓު. މި އޮފަރ ގަބޫލުނުކުރަން ނަޖާތު މާ ކުރިން އޮތީ ނިންމަވައިފަ. ދެން ކީއްކުރަންތޯ މި ތަނަށް ތިޔަ ދުރުވީ؟"

"ތީ އަޅުގަނޑުގެ ވެސް ޕޮއިންޓަކީ!" މައިނޯރިޓީ ލީޑަރާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ނަޖާތު ބުންޏެވެ. "އަޅުގަނޑު ވެސް މި އައީ އޮފަރއެއް ހިފައިގެން. ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށެން ތިން ދުވަހަށް ވީމަ މި ޕާޓީން އަޅުގަނޑަށް ކޮށްދެއްވަންވީ ކަމަކީ، ރިޔާސީ ރޭހުން ވަކިވުން. އެ ހިސާބުން ދެން އަޅުގަނޑަށް ތާއީދުކޮށްދެއްވާ!"

ޕާޓީ އެންމެން އެއް ފަހަރާ ކަހަލަ ގޮތަކަށް ހީނގަތެވެ. އެންމެން ވެސް ހީކުރީ އެއީ ނަޖާތު ކުރި ސަމާސައެއް ކަމަށެވެ. އެކަމަކު ނަޖާތު ގާތަކަށް ހިންޏެއް ނައެވެ. ނަޖާތު ނެގީ ފޯނެވެ. އަދި ވައިބާއިން އައިސްފައިވާ ވީޑިޔޯކޮޅު، އެންމެނަށް ފެންނާނެހެން ދައްކައިލިއެވެ. އެ ވީޑިޔޯއިން ފެންނަނީ، އިދިކޮޅު ޕާޓީގެ ވަފުދެއް ބޭރުގެ ސަފީރަކާ ބައްދަލުކުރާ މަންޒަރެވެ. އެ ބައްދަލުވުމުގައި، އިދިކޮޅުން އެދެނީ ވޯޓު ސިއްރުން ހައިޖެކުކޮށްދިނުމަށެވެ. ކުޑަ ތަފާތަކުން އިދިކޮޅު ކެންޑިޑޭޓު ހޮވައިދިނުމަށެވެ. ބަދަލުގައި، ވެރިކަމަށް އައިސްފައި އިދިކޮޅުން ދޭން ވައުދުވަނީ އެއާޕޯޓާއި ފެން ކުންފުންޏެވެ. ފަންސަވީސް އަހަރަށެވެ. ވީޑިޔޯގެ އަޑު ވަރަށް ސާފެވެ. ފެންނަ މޫނުތައް ވެސް، ޝައްކެއް ނެތް މިންވަރަށް ސާފެވެ. އެ ހިސާބުން އެންމެންގެ ދޫތައް ތަޅުލެވުނު ކަހަލައެވެ.

"އަޅުގަނޑު ދެންތޯ ރަނގަޅު ނަސޭހަތެއް،" ނަޖާތު ތެދުވަމުން ބުންޏެވެ. "ބައްދަލުވުމެއް ހިނގަމުންދާ އިރު، އެއްވެސް މީހަކު ފޯނު ހިފައިގެން ހުރި ނަމަ، އެ ވަރިހަމަ ކޮންމެ ގޮތަކަށް ފޯނު ހިފަހައްޓައިގެން ހުއްޓަސް، ޝައްކު ކުރައްވަން ޖެހޭނެ. އަޅުގަނޑު ދެން ގޮސްލާނަން އިނގޭތޯ!"

ނަޖާތު ނުކުމެގެން ދިޔައެވެ. ފަޒީލު އިސްޖެއްސެވި ގޮތަށް ހަރަކާތް ހުއްޓިފައި އިންނެވިއެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާ ފަޒީލަށް ފެންނަ ކަހަލައެވެ.

"ކާކު ފޯނަކުން ރެކޯޑުކޮށްފަ އެ އޮތީ؟" މައިނޯރިޓީ ލީޑަރު ވަރަށް ރުޅިއައިސްފައި ބުންޏެވެ.

"ގައްދާރެއްގެ ފޯނުން،" ފަޒީލު މަޑުމަޑުން ބުނުއްވިއެވެ. "ނަޖާތު އެބަ ޖެހޭ ހުއްޓުވަން."

ނުނިމޭ

1 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 8%
icon angry icon angry 0%
icon wow icon wow 8%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢައިމިނަ

15 September 2021

ޥ ތަފާތު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454