މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

"ވީ ބޭވަފާ": ފަހަތަށް އެޅި ފިޔަވަޅެއް

"ވީ ބޭވަފާ" ގެ ޕޯސްޓަރެއް: ފިލްމު ޝޫޓުކޮށް ނިންމާފައި އޮންނަތާ ފަސް އަހަރު ވެއްޖެ

* ތަރިން: ޔޫސުފް ޝަފީއު (ޔޫއްޕެ)، ނިއުމާ މުހައްމަދު، ފާތުމަތު ފަރީލާ (ފަރީ)، އަބްދުﷲ މުއާޒް (މުއާ)، ޒީނަތު އައްބާސް

* ޑައިރެކްޓަރު: އިބްރާހީމް ވިސާން (ކަނޑި)

* ވާހަކަ: އަހުމަދު ޒަރީޒު

* ސްކްރީންޕްލޭ: މަހުދީ އަހުމަދު އަދި ޒަރީރު

* ސިނަމަޓޮގްރަފީ: ހަސަން ހަލީމް (ކޮކޯ)

* ރާގު: ހުސައިން ސޮބާހް

* ބެކް މިއުޒިކް: އައްޔުމަން ޝަރީފް (އައްޔު)

މި ފިލްމު ބަލަން ދިޔައީ ވަރަށް ރަނގަޅު ވާނެ ކަމަށް އުންމީދުކޮށްގެންނެވެ. ހާއްސަކޮށް ފިލްމުގެ ސްކްރީންޕްލޭ ލިޔުނު މީހުންނާއި ތަރިންނާ މެދު ކުރެވުނު އުންމީދުތައް ބޮޑެވެ.

އެކަމަކު ފުރަތަމަ ވެސް ބުނެލާނަމެވެ: މިހާރު ކުރިއަރަމުން އަންނަ ދިވެހި ފިލްމުތަކުގެ ލިސްޓަށް އަރާ ވަރަށް ވުރެ "ވީ ބޭވަފާ"ގެ ފެންވަރު ދަށެވެ. ފީޗާ ފިލްމެއްގެ ސިފަތަކެއް ނެތެވެ. އެހެންކަމުން ޑްރާމާއެއްގެ ގޮތުގައި ޓީވީން ދައްކަން "ވީ ބޭވަފާ" އޯކޭ ވެދާނެ އެވެ.

ފިލްމުގައި ޔޫއްޕެ އާއި ނިއުމާ އަކީ ދެމަފިރިންނެވެ. ނަމަވެސް ދެމަފިރިންގެ މެދުގައި ހަރުދަނާ ގުޅުމެއް، އަޅާލުމެއް ނެތެވެ.

ޔޫއްޕެއާ ޒީނަތު ދިމާވެ އެވެ. ޒީނަތަކީ ހަޔާތުގެ ސިއްރުތައް ގިނަ އަންހެނެކެވެ.

ފަރީލާ އާއި މުއާ އުޅެނީ "ލޯބިވެރިންހެން" އެކުގަ އެވެ. އެކަމަކު ރައްޓެއްސެއް ނުވެ އެވެ. ލޯބި އޮތީ ހިތުގަ އެވެ.

"ވީ ބޭވަފާ"ގައި ދައްކައިދޭން އުޅެނީ އެކި މީހުންގެ ހަޔާތުގެ ސިއްރުތަކާއި ގުޅުންތަކެވެ. ނަމަވެސް މައްސަލަ އަކީ، ބެލުންތެރިން ބޭނުންވާނެ ބައެއް ތަފްސީލުތަކާއި ސަބަބުތައް ނެތުމެވެ. އެހެންކަމުން ފިލްމުގައި ގިނައީ ބެލުންތެރިންގެ ޝައުގުވެރިކަން ދަމައިނުގަނެވޭނެ ކަންކަމެވެ.

ބައެއް ކެރެކްޓާސްތައް ހިމަނާފައި ވަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ފިލްމުގެ ވާހަކަޔާ "ބެހުމެއް ނެތް" ރޯލްތައް ވެސް ފެނުނެވެ. އެ ބައިތައް ފިލްމުން އެކުގައި ކަނޑާލިޔަސް އަންނާނެ ތަފާތެއް ނޯންނާނެ އެވެ.

ފިލްމު ކުރިއަށްދާ ސްޕީޑަށް ބަލާ އިރު، ނުނިމިގެން ލަސްވެފައި ތިބެން ޖެހުމުގެ އިހުސާސް ކުރެވިދާނެ އެވެ. ފޫހިކަން ފިލާނެ "ޓްވިސްޓް އެންޑް ޓާންސްއެއް" ފިލްމަކު ނެތެވެ.

ސްކްރީންޕްލޭ ލިއުނު މަހުދީ އާއި ޒަރީރުގެ ކޮމްބިނޭޝަނެކޭ ބުނާ ވަރަށް ވުރެ، ސްކްރީންޕްލޭ ވަނދުވެފައި، ބަލިކަށްޓެވެ. މި ދެ މީހުން އެކުގައި ލިޔުނު "އަހްޝަމް"އާ އަޅާބަލާއިރު "ވީ ބޭވަފާ" އަށް "ސުމެއް" ދޭވަރުވެ އެވެ.

"ވީ ބޭވަފާ" އަކީ މަޝްހޫރު ކެމެރާމަން ކަނޑިގެ ފުރަތަމަ ޑައިރެކްޝަނެވެ. އެހާ ކުޅަދާނަ ކެމެރާމަނެއްގެ ފުރަތަމަ ޑައިރެކްޝަން އެހާ ކަމުނުދިއުމުން ދެރަވެ އެވެ. ފަހަރުގައި އެހާ ބަލިކަށި ވާހަކައަކާ ހެދި ކަނޑިގެ އަސްލު ހުނަރު ދައްކައި ނުލެވުނީ ކަމަށް ވެސް ވެދާނެ އެވެ.

"ވީ ބޭވަފާ" ގެ ޓްރެއިލާއެއް.

ދިވެހި ފިލްމީ ދާއިރާގައި މި ފަހުން ވަރަށް ފެންވަރު ރަނގަޅު އުފެއްދުންތައް ވަނީ ގެނެސްދީފަ އެވެ. އެކަމަކު "ވީ ބޭވަފާ" އަށް އިންސާފުކުރާ އިރު ބުނާނީ އެއީ ކުރިއަށް އެޅި ފިޔަވަޅަކަށް ވުރެ ބޮޑަށް، ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ. މީގެ ފަސް އަހަރު ކުރިން ޝޫޓްކޮށް ނިންމި ފިލްމެއް މިހާރު ގެނެސްދިނުމުން، އެ އައިބު ފެނުނީ ކަމަށް ބަލަމާ ހިނގާށެވެ.

1 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 33%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިންތު

13 December 2016

ތެދުވާނީ ތެދަށް، އަޅުގަނޑު ތިފިލްމުބަލާލަން ދިޔައީ ފިލްމަށް ކިޔާނަމާއި އިސްތިހާރުތަކުން ނިއުމާގެ މޮލު ރުއިމުގެ ފެންވަރުތައް ބަލަލާހިތުން، އަދި ޔޫޕެއަކީވެސް މޮޅު އެކްޓަރަކަށް ވީތީ. ނަމަވެސް 100 ރުފިޔާއިން ސަދަގާތެއްކޮޅިނަމައޭވެސް ފަހުން ހިތަށް އެރި. ސަބަބެއްނެތި އެއްނޫން. ފީކަލާކަމުން. ހަމަ ދަށީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454