ކުޅިވަރު / ޔޫރޯ 2016

ޔޫރޯއާ އެކު އިޓަލީ ކުޅުންތެރިންގެ އަގު މައްޗަށް

ސްޕެއިނުގެ މޮރާޓާ އަތުން ބޯޅަ ހޯދަން އިޓަލީގެ ބޮނޫޗީ (ވ) މަސައްކަތްކުރަނީ: ބޮނޫޗީ އަކީ އިޓަލީގެ އެންމެ އަގުބޮޑު އެއް ކުޅުންތެރިޔާ. --ފޮޓޯ: އޭއެފްޕީ

08 ޖުލައި 2016 - 20:50

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާ އިޓަލީ ކުރިމަތިލި އިރު އެ ޓީމާ މެދު ގިނަ ބަޔަކު އުއްމީދުތަކެއް ނުކުރެ އެވެ. އިޓަލީ އަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ނުދެވޭނެ ކަމަށް ވެސް އެއް ބަޔަކު ބުންޏެވެ. އެކަމަކު އެ ޓީމު ވަނީ ގަދަފަދަ ބެލްޖިއަމާއި ސްޕެއިން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. އެ ހިސާބުން ކެޓީ ޕެނަލްޓީ ޖަހައިގެން ދުނިޔޭގެ ޗެމްޕިއަން ޖަރުމަން އަތުން ބަލިވެގެންނެވެ. ކުއާޓާ އިން ކެޓި ނަމަވެސް މުބާރާތުގައި ދެއްކި ކުޅުމާ އެކު އިޓަލީ ކުޅުންތެރިންގެ އަގު ޓްރާންސްފާ ބާޒާރުގައި ވަނީ އުފުލިފަ އެވެ.

މުބާރާތަށް ނުކުތް އިރު އިޓަލީގެ މުޅި ސްކޮޑުގެ އަގަކީ 279 މިލިއަން ޔޫރޯ އެވެ. އެކަމަކު މުބާރާތް ނިމުނުއިރު އަގު ވަނީ 350 މިލިއަން ޔޫރޯ އަށް އަރައިފަ އެވެ.

މުބާރާތުގެ ކުރިން ވެސް އިޓަލީން އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިޔަކީ ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެވެ. އޭނާ ގެންދަން ޕްރިމިއާ ލީގުގެ ކްލަބްތަކުން އައީ މަސައްކަތްކުރަމުންނެވެ. އޭރު އޭނާގެ މާކެޓް ވެލިއުއަކީ 30 މިލިއަން ޔޫރޯ އެވެ. އެކަމަކު މިހާރު އޭނާގެ އަގު ވަނީ 50 މިލިއަން ޔޫރޯ އަށް އަރައިފަ އެވެ. މޮޅަށް ޑިފެންސްކުރުމުގެ އިތުރުން ޓީމް ލީޑްކޮށް އަދި ގޯލް ޖަހަން ގިނަ ފުރުސަތު އޭނާ ވަނީ ތަނަވަސްކޮށްދީފަ އެވެ.

އިޓަލީގެ މެދުތެރޭގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޕްރިމިއާ ލީގުގެ ސަންޑަލެންޑުގެ ލޯނެއްގެ ދަށުން އިޓަލީގެ ބޮލޯނިއާ އަށް ކުޅެމުން ދިޔަ އެމެނުއެލް ގިއެކެރީނީ އެވެ. އޭނާގެ ކޮންޓްރެކްޓް ކުރިއަށް އޮތް ސީޒަނަށް ފަހު ހަމަވާއިރު، އޭނާ މި ސީޒަނުގައި ވިއްކާލެވެން އޮތީ ތިން މިލިއަން ޔޫރޯ އަށެވެ. ނަމަވެސް މިހާރު އޭނާ 6 މިލިއަން ޔޫރޯ އަށް ފަސޭހައިން ވިއްކާލެވޭނެ އެވެ. އޭނާ ގަންނަން އިޓަލީގެ އޭސީ މިލާނުން ޝައުގުވެރިވެ އެވެ. އަދި އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަންނަ ސީޒަނުގައި ޗެލްސީއާ ހަވާލުވާއިރު އޭނާ ގެންދަން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިޓަލީގެ ފޯވާޑް ޕެލާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ޗެލްސީ އަށް ކޮންޓޭ ގެންދަން ބޭނުންވާ އަނެއް ކުޅުންތެރިޔަކީ ޕްރިމިއާ ލީގުގެ ސައުތުހެމްޓަންގެ ފޯވާޑް ގްރަޒިއާނޯ ޕެއްލާ އެވެ. އޭނާގެ އަގު މިހާރު ވަނީ 12 މިލިއަން ޔޫރޯ އަށް އަރައިފަ އެވެ. އުމުރުން 29 އަހަރުގެ ޕެއްލާ ގަތުމަށް ޕްރިމިއާ ލީގުގެ އެހެން ބައެއް ކްލަބްތަކުން ވެސް ބޭނުންވެ އެވެ.

އެންމެ ލަނޑެއް ޖެހި ނަމަވެސް އިޓަލީގެ ފޯވާޑް އެޑާ އަކީ ވެސް މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. މެދުތެރެއަށް ފައިބައި އިދިކޮޅު ޓީމުގެ ކުޅުން ހަލާކުކުރުމުގެ ޒިންމާ ވެސް ކޯޗު ހަވާލުކޮށްފައި އޮތް އެޑާ އަކީ ޖެނުއަރީ މަހު އިންޓަ މިލާނަށް ބަދަލުވި ކުޅުންތެރިއެކެވެ. އެ ކްލަބަށް އެންމެ ލަނޑެއް ޖެހި ފޯވާޑް ދޫކޮށްލުމަށް ސަޕޯޓަރުން ގޮވި ނަމަވެސް ޔޫރޯގައި ދެއްކި ކުޅުމާ އެކު އެޑާ އަށް ސަޕޯޓަރުންގެ ރުހުން ވަނީ ލިބިފަ އެވެ.

އަނިޔާގެ ސަބަބުން ފަހު ދެ މެޗުގައި ނުކުޅެވުނު ވިންގާ އެންޓޯނިއޯ ކަންޑްރޭވާ އަކީ އިޓަލީގެ ގިނަ ކްލަބްތަކުން ފާރަލަމުން އައި ކުޅުންތެރިއެކެވެ. އިންޓަ އިން އޭނާ ގަތުމަށް 14 މިލިއަން ޔޫރޯ އިން ފެށިގެން 18 މިލިއަން ޔޫރޯއާ ދެމެދުގެ ތިން އޮފާ ކުރުމުން ވެސް ލާޒިއޯ އިން ގަބޫލެއް ނުކުރި އެވެ. އެންމެ ފަހުން މިހާރު އޭނާގެ އަގު 20 މިލިއަން ޔޫރޯ އަށް ވަނީ އަރައިފަ އެވެ.

0 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 6%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454