ކުޅިވަރު / ޓީމް ޕްރޮފައިލް

ޓީމް ޕްރޮފައިލް: ޕޯޗުގަލް

ސްޕެއިން އާއި ޕޯޗުގަލް ބައްދަލުކުރި އެކުވެރިކަމުގެ މެޗެއްގައި ޕޯޗުގަލްގެ ރޮނާލްޑޯ (ކ) އަތުން ބޯޅަ ހޯދުމަށް ސްޕެއިންގެ ކުޅުންތެރިއެއް މަސައްކަތްކުރަނީ. -- ފޮޓޯ / އޭއެފްޕީ

10 ޖޫން 2021 - 13:10

ޕޯޗުގަލް އަކީ ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ ޔޫރޯގެ ފައިނަލްގައި ފްރާންސް ބަލިކޮށް، ޕޯޗުގަލް މުބާރާތުގެ ތަށި އުފުލާލިއިރު، އެއީ ޕޯޗުގަލްގެ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. މި ފަހަރުގެ މުބާރާތަށް ޕޯޗުގަލް ނުކުންނާނީ މުބާރާތުގެ ތަށި ދިފާއުކުރުމުގެ އުންމީދުގަ އެވެ.

ޕޯޗުގަލް އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރީ 1966 ވަނަ އަަހަރެވެ. ޕޯޗުގަލްގެ ލެޖެންޑް ޔުސޭބިއޯގެ މޮޅު ކުޅުމާ އެކު، ފުޓްބޯޅައިގެ ދުނިޔެ ހައިރާންކޮށްލުމަށް ފަހު އެ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ޕޯޗުގަލް އިން ހޯދި އެވެ.

ޕޯޗުގަލް އަކީ 2000 ގެ އަހަރުތަކުގެ ފަހުން، ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ނަމެކެވެ. އެ ގައުމުން ވަނީ ދުނިޔޭގެ ފެންވަރުގެ އެތައް ކުޅުންތެރިންތަކެއް ނެރެފަ އެވެ. އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ލުއިސް ފީގޯ، ރުއި ކޮސްޓާ އަދި ރިކާޑޯ ކަވާލިއޯ ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެ އެވެ.

ޕޯޗުގަލް އެންމެ ފުރަތަމަ ޔޫރޯގައި ވާދަކުރީ 1984 ވަނަ އަހަރު އެވެ. އެ އަހަރުގެ މުބާރާތުގެ ތިން ވަނަ ޕޯޗުގަލް އިން ހޯދި އެވެ. އޭގެ ފަހުން ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވީ 1996 ވަނަ އަހަރު އެވެ. ޕޯޗުގަލް އަށް 2016ގެ ކުރިން ޔޫރޯގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2004 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގެ ދެވަނަ ލިބުމެވެ.

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ. -- ފޮޓޯ / އޭއެފްޕީ

ކޮލިފައިވި ގޮތް:

ޕޯޗުގަލް މި އަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މި ގުރޫޕްގެ ޕޯޗުގަލް ކުޅުނު އަށް މެޗުގެ ތެރެއިން، ފަސް މެޗުން ވަނީ މޮޅުވެފަ އެވެ. ޕޯޗުގަލް ބަލިވީ އެއް މެޗުންނެވެ. އެކަމަކު 17 ޕޮއިންޓާ އެކު، ޕޯޗުގަލް ގުރޫޕް ނިންމާލީ ތާވަލްގެ ދެވަނައިގަ އެވެ. މި ގުރޫޕްގެ އެއްވަނަ ހޯދީ ޔޫކްރޭނެވެ. ޕޯޗުގަލް އަށް ގުރޫޕްގެ އެއްވަނަ ގެއްލުނީ، ރަށުން ބޭރުގައި ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ. އެއްވަނަ ނުލިބުނަސް، ޔޫރޯ އަށް ކޮލިފައިވެ، ޕޯޗުގަލް އިން ވަނީ ކޮލިފައިންގައި އެ ޓީމުން ކަނޑައެޅި އަމާޒު ހާސިލްކޮށްފަ އެވެ.

މުހިންމު ކުޅުންތެރިން:

ޕޯޗުގަލްގެ ތަރި އަކީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޕޯޗުގަލްގެ 2003 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ރޮނާލްޑޯ ،36، އަކީ ޔޫރޯ މުބާރާތް 2016 ވަނަ އަހަރުގެ އެ ޓީމަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ. މިއީ ޔޫރޯގައި ރޮނާލްޑޯ ކުޅޭ ފަހު ފަހަރަށްވުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން، ޕޯޗުގަލްގެ ގައުމީ ޓީމާ އެކު އިތުރު ކާމިޔާބެއް ހޯދުމަށް އޭނާ ގަދައަޅައި މަސައްކަތްކުރާނެ އެވެ.

ފާއިތުވި ދެ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ވިދާލި އެއް ކުޅުންތެރިޔަކީ މެންޗެސްޓާ ޔުނައިޓަޑްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެވެ. މިޑްފީލްޑަށް ކުޅެމުން، ގިނަ ގޯލުތަކެއް ޖަހާ ބްރޫނޯ އަކީ މި ފަހަރުގެ ޔޫރޯގައި އިދިކޮޅު ޓީމުތަކުން ސަމާލުކަން ދޭނެ ކުޅުންތެރިއެކެވެ.

ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް. -- ފޮޓޯ / އޭއެފްޕީ

ޕޯޗުގަލްގެ ޑިފެންސްގައި މިހާރު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ރުބެން ޑިއަސް އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މި އަހަރު ސިޓީއާ އެކު ހޯދި ޑިއަސް އެ ޓީމުގައި ދެއްކި މޮޅު ކުޅުމާ އެކު، ގިނަ ބައެއްގެ ތައުރީފް އޭނާ އަށް ދަނީ ލިބެމުންނެވެ. އަދި މި އަހަރުގެ ޔޫރޯގައި ޑިއަސްގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް ޕޯޗުގަލްގެ ސަޕޯޓަރުން އުންމީދުކުރާނެ އެވެ.

ޕޯޗުގަލް އަކީ ތަރިންގެ ޓީމެކެވެ. ބެނާޑޯ ސިލްވާ އާއި ޕެޕޭ އާއި ރުއީ ޕަޓްރީސިއޯ އާއި ޖައޯ މޮޓީނިއޯ އަކީ ޕޯޗުގަލްގެ ޓީމުން އިތުރަށް ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.

ކޯޗު:

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންތޯސް އަކީ މިހާރު ވެސް އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި ހާއްސަ ޖާގައެއް ހޯދާފައިވާ ކޯޗެކެވެ. ޕޯޗުގަލް އިން 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ސަންތޯސްގެ އިރުޝާދުގެ ދަށުންނެވެ. މިއީ ޕޯޗުގަލް އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

ސަންތޯސް ޕޯޗުގަލްގެ ޓީމާ ހަވާލުވީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުން ނެރުނު ދަށް ނަތީޖާތަކާ އެކު، ޕައުލޯ ބެންޓޯ މަގާމުން ވަކިކުރުމުންނެވެ. އޭގެ ކުރިން ސަންތޯސް ވަނީ ޕޯޗުގަލް އާއި ގްރީސްގެ ގިނަ ކްލަބުތަކަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޕޯޗުގަލްގެ އެންމެ މަޝްހޫރު ކްލަބުތައް ކަމަށްވާ ބެންފީކާ އާއި ޕޯޓޯ އަދި ސްޕޯޓިން ލިސްބަން ހިމެނެ އެވެ. އަދި ގްރީސްގެ ގައުމީ ޓީމަށް ވެސް އޭނާ ކޯޗުކޮށްދިނެވެ.

ސަންތޯސްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް އިން ވަނީ 2019 ވަނަ އަހަރުގެ ނޭޝަންްސް ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454