ބުޑަޕެސްޓް، ހަންގޭރީ (ޖޫން 15) - ޔޫރޯގެ ޕްރީ މެޗު ޕްރެސް އަށް ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހާޒިރުވެ، މޭޒުމަތީގައި ހުރި ކޮކާކޯލާ ފުޅިތައް އެއްފަރާތް ކުރުމަށް ފަހު، ފެންފުޅިއެއް ބަހައްޓައިފި އެވެ.
ޕްރީ މެޗު ޕްރެސްގައި ކެމެރާ އަށް ދައްކަން ބަހައްޓަައިފައި ހުރި ކޯކްފުޅިތައް އެއްފަރާތްކޮށް ފެން ފުޅިއެއް ބަހައްޓަމުން ރޮނާލްޑޯ ބުނީ "ފެން" މިހެންނެވެ.
ރޮނާލްޑޯ ފާހަގަ ކުރެވިފައި ވަނީ ސޮފްޓް ޑްރިންކްސް އާއި ފާސްޓްފުޑްއާ ދެކޮޅު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ރޮނާލްޑޯ މީގެ ކުރިން ބުނެފައި ވަނީ އޭނާގެ 10 އަހަރުގެ ދަރިފުޅު ވެސް ކޯކް އާއި ފްރެންޗްފްރައިސް ބޭނުން ކުރަން ވެސް އޭނާ ދެކޮޅު ހަދާ ކަމަށެވެ.
"އަހަރެމެން ބަލަން ބޭނުން އަހަރެންގެ ދަރިފުޅުވެސް މޮޅު ކުޅުންތެރިޔަކަށް ވާތަން ދެކެން. އެކަމަކު އަދި އޭނާއަކަށް އެކަމެއް ނުވޭ، އޭނާ ކޮކާކޯލޯ ބޮއެ އަދި ފްރެންޗް ފްރައިސްވެސް ކައިހަދާ. އޭނާއަށް އެނގޭނެ އަހަރެންވެސް އެކަމާ ގަޔާ ނުވާކަން. އެކަމަކުވެސް އޭނާ އެކަން ކުރޭ."
ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއާގެ ކުރީކޮޅު ރޮނާލްޑޯ ވަނީ ސޮފްޓް ޑްރިންކްސް އުފައްދާ ކުންފުންތަކުގެ އިސްތިހާރުތައް ކުޅެފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެފަދަ ކުންފުނިތަކަށް އިސްތިހާރުގައި ބައިވެރިވުން ހުއްޓައިލައިފަ އެވެ.
މިރޭގެ މެޗާ އެކު، ޔޫރޯގެ ފަސް މުބާރާތެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔަކަށް ރޮނާލްޑޯ ވެގެންދާނެ އެވެ. ރޮނާލްޑޯ ބުނީ އެ ރެކޯޑަކީ އޭނާ ސަމާލުކަން ދެ ކަމެއް ނޫން ކަަމަށެވެ. މުހިންމީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރުން ކަމަށް، އެންމެ ފަހުގެ ޔޫރޯ އުފުލާލި ކެޕްޓަން ބުންޏެވެ.
"ފުޓްބޯޅައިގެ އެންމެ ފުރިހަމަ އެއްކަމަކީ އަބަދުވެސް ގާބިލުކަން އެއްވަރެއްގައި ހިފެހެއްޓުން... އަހަރެންގެ އުމުރުން 17 ނުވަތަ 18 ނަމަ އަހަރެން އުޅޭނީ ނުނިދާ ހޭލާ. ނަމަވެސް އަހަންނަކީ މިހާރު 36 އަހަރުގެ މީހެއް. ކޮންމެ އުމުރެއްގައި ހުއްޓަސް މީގައި އެންމެ މުހިންމު ކަމަކީ ޓީމަށް ރަނގަޅު ނަތީޖާއެއް ހޯދުން،" ރޮނާލްޑޯ ބުންޏެވެ.
"މިއީ އަހަރެންގެ ފަސް ވަނަ މުބާރާތް، ނަމަވެސް އަހަންނަށް ހީވަނީ މިއީ އަހަރެންގެ ފުރަތަމަ މުބާރާތްހެން."
ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ހަންގޭރީއާ ދެކޮޅަށް ޕޯޗްގަލް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ނުވައެއް ޖަހާއިރު އެވެ.