ސްޕެއިންގެ ޕައު ޓޯރޭޒް ބޯޅައަށް މަސައްކަތް ކުރާއިރު ޕޮލެންޑްގެ ފްރޭކޮވިސްކީ، ޕައު ޓޯރޭޒް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ފޮޓޯ: އޭއެފްޕީ
20 ޖޫން 2021 - 02:23
ސެވިއްޔާ (ޖޫން 20) - ޔޫރޯގައި ސްޕެއިން ކުޅުނު ދެ ވަނަ މެޗުގައި ޕޮލެންޑް އަތުން ވެސް މޮޅު ނުވެވުމުން އަޑިގަނޑަކަށް ވެއްޓިއްޖެ އެވެ.
މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މުބާރާތުގެ ކުރިން ގްރޫޕް އީގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ސްޕެއިން ދެ މެޗު ކުޅުނު އިރު އޮތީ ސްވިޑެން އާއި ސްލޮވޭކިއާގެ ފަހަތުން ގުރުޕްގެ ތިން ވަނައިގަ އެވެ. ދެ މެޗު ކުޅެ ސްވިޑެން އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ސްލޮވޭކިއާއަށް ތިން ޕޮއިންޓެވެ.
ސްޕެއިންގެ ލަނޑު ކާމިޔާބު ކުރީ އަލްވާރޯ މޮރާޓާ އެވެ. ޖެރާޑް މޮރޭނޯ އޭރިއާ ތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅަ ޕޮލެންޑްގެ ޑިފެންޑަރުންގެ ކައިރިން ނެއްޓުމުން މޮރާޓާ ވަނީ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ. މެޗުގެ އެސިސްޓެންޓް ރެފްރީ ހުރީ މޮރާޓާ އޮފްސައިޑް ކަމަށް ދިދަ ނަގައިގެންނެވެ. އެހެންވެ ސްޕެއިންގެ ކުޅުންތެރިން އުފާފާޅެއް ނުކުރެ އެވެ.
މޮރާޓާގެ ގޯލް ސައްހަ ކަމަށް ކަނޑައެޅީ، އޭނާ އޮފްސައިޑް ނުވާކަމަށް ވީއޭއާރް އެސިސްޓެންޓުންގެ ފަރާތުން ރެފްރީއަށް އެންގުމުންނެވެ. އުފާފާޅު ކުރުމުގެ ގޮތުން މޮރާޓާ ދިޔައީ ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ ގާތަށެވެ. ސްވިޑެން އާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުތައް މޮރާޓާއަށް ބޭނުން ނުކުރެވުމުން، ކުރިމަތިވި ފާޑު ކިޔުންތަކުން މޮރާޓާ ހިމާޔަތްކޮށް ދިނީ އެންރީކޭ އެވެ.
ސްޕެއިން އާއި ޕޮލެންޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ
މެޗުގެ 42 ވަނަ މިނެޓްގައި، ޕޮލެންޑްގެ ރޮބަޓް ލެވެންޑޮސްކީ ވަނީ ނުރައްކާތެރި ބޯޅައެއް ސްޕެއިންގެ ގޯލަށް އަމާޒުކޮށް ފޮނުވައިލައިފަ އެވެ. އެ ބޯޅަ ސްޕެއިންގެ ކީޕަރު އުނައި ސިމޯން ދިފާއު ކުރި އެވެ. އެ ފުރުސަތު ނާކާމިޔާބުވި ނަމަވެސް ދެ ވަނަ ހާފަށް ނުކުމެ ލެވަންޑޮސްކީ ވަނީ ޕޮލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ޕޮލެންޑްގެ ލަނޑު ލެވަންޑޮސްކީ ކާމިޔާބު ކުރީ، މެޗުގެ 54 ވަނަ މިނެޓްގައި ކަމީލް ޔޮޒްވިއާކް ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދައިލައިގެންނެވެ. އޭގެ ހަތަރު މިނެޓް ފަހުން ލީޑް ނެގުމަށް ސްޕެއިންއަށް ޕެނަލްޓީއެއް ލިބުނެވެ. ސްޕެއިންއިން ހަމަލާއެއް އުފައްދަން މަސައްކަތް ކުރުމުގެ ތެރޭގައި ޖެރާޑް މޮރޭނޯ އަތުން ބޯޅަ ހޯދަން ޕޮލެންޑްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ޔަކުބް މޯޑާ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި އޭނާއަށް މޮރޭނޯގެ ފައިމައްޗަށް އެރުނުކަމަށް ވީއޭރުން ދެއްކި އެވެ.
ލިބުނު ޕެނަލްޓީ މޮރޭނޯ ފޮނުވާލުމުން ގޯލް ދަނޑީގައި ޖެހިފައި ރީބައުންސް ވި އެވެ. ރީބައުްނސްވި ބޯޅަ މޮރާޓާ ޖެހި ނަމަވެސް އެ ބޯޅަ ދިޔައީ ބޭރަށެވެ.
މެޗުގެ ފަހު 25 މިނެޓަށް އެޅުނު ފަހުން ސްޕޭންގެ ކޯޗް އެންރީކޭ ވަނީ، ބަދަލު ކުޅުންތެރިންގެ އެޓޭކިން ކުޅުންތެރިން ކުޅެން ނެރެފަ އެވެ. އޭގެފަހުން ސްޕެއިންގެ އެޓޭކް ވަރުގަދަވި ނަމަވެސް ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy