ބުޑަޕެސްޓް (ޖޫން 24) - ފުޓްބޯޅައިގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ކްރިސްޓިއާޯ ރޮނާލްޑޯ ހަމަހަމަކޮށް، ފްރާންސްގެ މައްޗަށް 2-2 ގެ ނަތީޖާ އަކުން އެއްވަރުކޮށް ޕޯޗްގަލް ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
ގައުމީ ޓީމަށް 109 ވަނަ ލަނޑު ކާމިޔާބުކޮށް ރޮނާލްޑޮ ވަނީ، އިރާންގެ ފުޓްބޯޅަ ލެޖެންޑް އަލީ ދާއީ ހަދައިފައިވާ ރެކޯޑާ ހަމަހަމަ ކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ދެ ޓީމުން ޖެހި ލަނޑު ތަކަކީ ވެސް ސްުވާލު އުފެދުނު ގޮތަކަށް ލިބުނު ދެ ޕެނަލްޓީ އެވެ. ފުރަތަމަ ޕެނަލްޓީ ޕޯޗްގަލްއަށް ދިނީ، ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ބޯޅަ ދިފާއު ކުރަން ޖަމްޕް ޖެހުމުގެ ތެރޭގައި އޭނާގެ އުޅަނބޮށިން ޕޯޗްގަލްގެ ޑަނިލޯގެ ބޮލުގައި ޖެހުމުންނެވެ. ޕެނަލްޓީ ދިން ގޮތާ މެދު ފްރާންސްގެ ކުޅުންތެރިންގެ ކަންބޮޑުވުން ފެނިގެން ދިޔަ އެވެ.
އެހެންނަމަވެސް ސްޕެއިންގެ ރެފްރީ، އެންޓޯނިއޯ މަޓޭއޫ ވަނީ ޕެނަލްޓީ ދީފަ އެވެ. ޕެނަލްޓީން ޕޯޗްގަލްއަށް ލީޑް ނަގައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ފްރާންސަށް ޕެނަލްޓީ ލިބުނީ، ޕޯޗްގަލްގެ އޭރިއާތެރެއިން، ޕޯޗްގަލްގެ ޑިފެންޑަރު ނެލްސަން ސެމޭޑޯ، ފްރާންސްގެ ކިލިޔަން އެމްބާޕޭއަށް ޗާޖު ކުރުމުންނެވެ. ޕޯޗްގަލްގެ ކުޅުންތެރިން ޕެނަލްޓީއެއް ނޫން ކަމަށް އެޕީލް ކުރި އެވެ. ޕެނަލްޓީން ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކަރީމް ބެންޒެމާ އެވެ.
ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓްގައި ޕޯލް ޕޮގްބާ ދިން ބޯޅައިން ބެންޒެމާ ފްރާންސަށް ލީޑް ނަގައިދިނެވެ. ބެންޒެމާ އޮފްސައިޑް ކަމަށް ބެލެވުނު ނަމަވެސް ވީއޭއާރުން ދެއްކީ އޭނާ އޮފްސައިޑް ނުވާ ކަމަށެވެ.
ޕޯޗްގަލްއަށް ލިބުނު ދެ ވަނަ ޕެނަލްޓީ އަކީ، ފްރާންސްގެ އޭރިއާގެ ތެރެއިން ރޮނާލްޑޯ ގޯލް ކުރިމައްޗަށް ނަގައިދޭން އުޅުނު ބޯޅަ ޖޫލްސް ކުންޑޭ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ، ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑްއާ ހަމަހަމަކޮށްފަ އެވެ.
މިރޭ ކުޅުނު މެޗުގެ ކުރިންވެސް ދެ ވަނަ ބުރުގެ ޖާގަ ފްރާންސް ވަނީ ހޯދައިފަ އެވެ. އެ ޓީމު ގރުރޫޕްގެ އެއް ވަނަ ހޯދީ ފަސް ޕޮއިންޓާއެކު އެވެ. ހަންގޭރީ އާ އެއްވަރު ކުރި ޖަރުމަނަށް ލިބެނީ ދެ ވަނަ އެވެ. އެ ޓީމަށް ހަތަރު ޕޮއިންޓެވެ. ޕޯޗްގަލް ވަނީ ތިން ވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެން ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ.