10 ޖުލައި 2016 - 13:38
ފެންޑީގެ އޯޓް ކުޓުއާ ފެޝަން ޝޯ އަކީ އަދި މިހާތަނަށް ފެނުނު އެންމެ ބޮޑު އަދި ހިތްގައިމު ފެޝަން ޝޯ އެވެ. އެ ޝޯގައި ހިނގާލި މޮޑެލްސް، ދައްކާލި ހެދުންތައް އަދި ބޭއްވި ތަނާ މެދު ވިސްނާލިޔަސް މި ޝޯގެ ހާއްސަކަން ފެނިގެންދެ އެވެ.
ފެޝަން ހައުސް ފެންޑީގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި މި ބްރޭންޑުގެ އައުޓް ކުޓުއާ ޝޯ ބޭއްވީ ރޯމްގެ މަޝްހޫރު ޓްރެވީ ފައުންޓަންގަ އެވެ. ކެންޑަލް ޖެނާ، ބެލާ ހަދިދް ފަދަ އެންމެ ފަހުގެ ސުޕާ މޮޑެލުން އެމީހުން ލައިގެން ތިބި ހެދުންތައް ދައްކާލީ އެ ފެން އަރުވާ ވަޑާމުގެ ކައިރީގައެއް ނޫނެވެ. ނަމަވެސް، ސީދާ އެއިން އަރާ "ފެން ތަކުގެ މަތީގަ" އެވެ. ބިއްލޫރި ކެޓް ވޯކެއްގެ މަތީ ކޮންމެ މޮޑެލެއް ވެސް ފަރި ހިނގުމެއްގައި، ނުވެއްޓި، 46 ވައްތަރުގެ ޑިޒައިން ދައްކާލި އެވެ. 16 ވަނަ ގަރުނުގައި ހަދާފައިވާ ޓްރެވީ ފައުންޓަން މަރާމާތު ކުރަން ފެންޑީ 1.4 މިލިއަން ޕައުންޑް ހަރަދުކޮށް 17 މަސް ދުވަހު އެ މަސައްކަތް ކޮށްފައިވެ އެވެ.
"ލެޖެންޑްސް އެންޑް ފެއާރީ ޓޭލްސް" ކިޔާ މި ކަލެކްޝަނުގައި ދައްކާލި ކޮންމެ ހެދުމެއް ވެސް ހީވަނީ ހިޔާލީ ވާހަކަތަކުގައި އުޅޭ ރާނީންގެ ހެދުން ހެންނެވެ. އަދި ކޮންމެ ހެދުމެއް ވެސް ފަރުމާކޮށްފައި ވަނީ ވަރަށް މޮޅަށެވެ. އެކި ކުލައިން ޑައި ކޮށްފައިވާ ކެހެރި އަދި ލެދާ ކުދިކޮށް އެކި ގޮތްގޮތަށް ކަނޑާފައި، ވާހަކަތަކުގައި ސިފަކުރާ ކަހަލަ ކުރެހުމެއްހެން ހެދުމުގައި ހަރުކޮށްފައި ހުއްޓެވެ. މީގެ އިތުރުން ޓުލް އަދި މިނާ ވެސް ކޮންމެ ހެދުމެއްގައި އަތުން ހަރުކޮށްފައި ހުއްޓެވެ. މި ހެދުންތަކަކީ ވަރަށް ހާއްސަ ބަޔަކަށް ނޫނީ ލެވޭނެ ހެދުންތަކެއް ނޫން ކަމަށް ފެންޑީގެ ޑިޒައިނާ ކާލް ލަގަފެލްޑް ބުންޏެވެ. ލަގަފެލްޑް ފެންޑީގެ ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ 50 އަހަރު ވެއްޖެ އެވެ.
ރޯމްގައި ބޭއްވި ފެންޑީގެ ޝޯ
އާދަވެގެން އޯޓް ކުޓުއާ ފެޝަން ޝޯތައް ބާއްވަނީ ޕެރިހުގައި އެކަންޏެވެ. ނަމަވެސް، ފެންޑީގެ ޝޯ އަށް ދައުވަތު ދީފައިވާ ބޮޑެތި ވިޔަފާރިވެރިން، އެޑިޓަރުން އަދި ސެލެބްރިޓީން ޝޯ ބަލަން މަތިންދާބޯޓެއްގައި ގެންގޮސްފައިވެ އެވެ. އަދި ކޮންމެ މީހަކަށް ބޯޓުގައި ދީފައި ވަނީ ފަސްޓް ކްލާސް ސާވިސް އެވެ.
ރޯމްގެ ޓްރެވީ ފައުންޓަންގައި ބޭއްވި ފެޝަން ޝޯ
އުތުރުގެ ހިޔާލީ ވާހަކައިން ހިޔާލު ހޯދައިގެން ތައްޔާރުކޮށްފައިވާ މި ކަލެކްޝަނަކީ ވަރަށް ހިތްގައިމު އަދި އެހާމެ ތަފާތު ކާމިޔާބު ޝޯއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy