ގިނަ ބަޔަކު ދެކޭ ގޮތުގައި މާދަމާ ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ނަތީޖާ އިން އެ ޕާޓީގެ މުސްތަގުބަލު އޮންނާނެ ގޮތް ވަރަށް ސާފުކޮށް ފެންނާނެ އެވެ. މުޅި ސިޔާސީ މަސްރަހު ވެސް ދެން އެނބުރޭނެ ގޮތެއް އެނގިގެން ދާނެ އެވެ.

މީގެ ކުރިން މާ ބޮޑު ސަމާލު ކަމެއް ލިބިފައި ނުވާ ޗެއާޕާސަން އިންތިހާބެއް މިފަހަރު މުޅި ޕާޓީގެ މުސްތަގުބަލާ ގުޅެނީ ކިހިނެއް ހެއްޔެވެ؟ ވާދަވެރި އަދި ކޯޅުން ބޮޑު ކެމްޕެއިނެއް ކޮށްގެން ޗެއާޕާސަންގެ މަގާމް ކަށަވަރު ކުރަން އެމްޑީޕީގެ އެންމެ އިސް ދެ ރައީސުންނަށް މިހާ މުހިންމު ވަނީ ކީއްވެ ހެއްޔެވެ؟

އެމްޑީޕީގެ ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން މިވަގުތު އެ ޕާޓީގެ އެންމެ އިސް ފަރާތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ދެވަނަ އަށް އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ދެން ޕާޓީގެ ނައިބު ރައީސެވެ.

އަސާސީ ގަވައިދު ބުނާ ގޮތުން މުޅި ޕާޓީ ހިންގުމުގެ ގިނަ މަސްއޫލިއްޔަތުތަކާއި ބާރުތަކެއް ދީފައިވާ އެންމެ އިސް ފަރާތަކީ އެ ޕާޓީގެ ޗެއާޕާސަން އެވެ. ރިޔާސީ ޕްރައިމަރީ ބާއްވާނެތޯ ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި "ހުރިހާ އިންތިހާބެއް އިންތިޒާމްކޮށް ރޭވުމަކީ" ވެސް ޗެއާޕާސަންގެ އަތުގައި އޮންނަ ބާރެކެވެ.

ޗެއާޕާސަންގެ ބައެއް މުހިންމު ބާރުތައް:

- ކޮންގްރެސް، ގައުމީ މަޖިލިސް، ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުން

- ކޮންގްރަސް އިން ބާއްވާ ހުރިހާ އިންތިހާބެއް އިންތިޒާމްކޮށް ރޭވުން

- ހިންގާ ކޮމިޓީތަކުގެ އިންތިހާބު އިންތިޒާމްކޮށް ރޭވުން

- ގައުމީ މަޖިލީހާއި ހިންގާ ކޮމިޓީގެ ލަފާގެ މަތިން ސަރުކާރާއި އެހެން ޕާޓީތަކާ މުއާމަލާތްކުރުން

- ގައުމީ މަޖިލީހުގެ ލަފާގެ މަތިން ސިޔާސަތުތައް އެކަށައަޅައި އެ ސިޔާސަތުތައް ތަންފީޒުކުރުން

އެ މަގާމް މީގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ނަޝީދާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް ފުރުއްވި އެވެ.

ގޮންޖެހުން ބޮޑު، މަސްއޫލިއްޔަތުތައް ގިނަ!

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމްގައި މީގެ ކުރިން ހުންނެވި މޫސަ "މިހާރު" އަށް ވިދާޅުވީ އޭނާ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީގެ މާލީ ކަންކަމެވެ. ޕާޓީ ހިންގުމަށްޓަކައި ފައިސާ ބޭނުންވާނެ ކަމަށާއި ނަމަވެސް އެ ފައިސާގައި އަތްލުމުގެ ބާރު ކަނޑުވާލައި، އެކަން ކުރެވެމުން އައީ ނަޝީދު ބޭފުޅުވާ ގޮތަކަށް ކަމަށް މޫސަ ވިދާާޅުވި އެވެ.

"ކޮންމެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން އަހާނެ ދާއިރާތަކަށް ބަހާ ލާރީގެ ވާހަކަ. މެމްބަރުން ޝަކުވާ ކުރާނެ ޗެއާޕާސަނަށް އެކަންކަން ކޮންޓްރޯލް ނުކުރެވެނީ ކީއްވެތޯ. އެކަމަކު މި އޮންނަނީ ވަކި މީހަކު ބޭނުންވާ ގޮތަށް ކަންކަން ގެންދަން އެ ބާރުތައް ނަގައިފަ،" މޫސަ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޗެއާޕާސަން މޫސާ މަނިކު.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޗެއާޕާސަން މޫސާ މަނިކު.

އެމްޑީޕީ އަށް މިދިޔަ 17 އަހަރު ތެރޭގައި އެތައް މިލިއަނެއް ލިބިފައި ހުންނާނެ ކަމަށާއި އެއްވެސް ފައިސާ އަކަށް ވާ ގޮތެއް ނޭނގޭ ކަމަށް މޫސަ ވިދާޅުވި އެވެ. ދެން ޗެއާޕާސަންގެ މަގާމަށް އަންނަ މީހަކު އެކަން ކޮންޓްރޯލް ކުރަން ޖެހޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

ގައުމީ މަޖިލީހުގެ ފުރިހަމަ ބާރުވެރިކަން އޮތަސް މާލީ ބާރުތައް ޗެއާޕާސަންގެ އަތުގައި ނެތް ނަމަ އަދިވެސް ނުފޫޒާއި އުނދަގޫތައް އެ މަގާމުގައި ހުންނަ މީހަކަށް އަންނާނެ -- ރީކޯ މޫސާ މަނިކު

"ޕާޓީގެ ގޮތްޕަކަށް ވެސް އެއްޗެއް ލިބިފައި ހުންނާނީ ހެޔޮ އެދޭ ފަރާތަކުން ނުވަތަ އެހެން ވިޔަފާރިވެރިއަކު ހަދިޔާކޮށްފައި ހުންނަ ގޮނޑިއާ މޭޒު ފަދަ ތަކެތި. ޕާޓީން އެއްވެސް ހަރަދެއް އެކަންކަމަށް ނުކުރޭ."

ގައުމީ މަޖިލީހުގެ ފުރިހަމަ ބާރުވެރިކަން އޮތަސް މާލީ ބާރުތައް ޗެއާޕާސަންގެ އަތުގައި ނެތް ނަމަ އަދިވެސް ނުފޫޒާއި އުނދަގޫތައް އެ މަގާމުގައި ހުންނަ މީހަކަށް އަންނާނެ ކަމަށް މޫސަ ވިދާޅުވި އެވެ. ޗެއާޕާސަންގެ މަގާމަށް އަންނަ މީހަކީ އެ ނުފޫޒުތަކާ ކުރިމަތިލާން ކެރޭ އަދި ވަކި މީހެއްގެ ބާރުގެ ދަށުގައި އޮތް އޮތުން ނިމުމަކަށް ގެންނަ މީހަކަށް ވާންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބުތައް ކާމިޔާބުކުރަން ޗެއާޕާސަންގެ ދައުރު ބޮޑު!

ހުރިހާ އިންތިހާބެއް ކާމިޔާބު ކުރި މިދިޔަ ފަސް އަހަރު ތެރޭގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަސަން ލަތީފް "މިހާރު" އަށް ވިދާޅުވި ގޮތުގައި ޕާޓީ އަށް އިންތިހާބުތައް ކާމިޔާބު ކުރެވޭނީ އެތެރޭގެ ހިންގުމާއި އިމްތިޒާމްތައް ވަރަށް ރަނގަޅުވެގެންނެވެ. މިދިޔަ ފަސް އަހަރު ތެރޭ ހުރިހާ އިންތިހާބެއް ކާމިޔާބު ކުރެވުނީ އާންމު މެމްބަރުންނާއި ލީޑާޝިޕުން ކުރި ބުރަ މަސައްކަތުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި އަސާސީ ގަވައިދާ ޕާޓީގެ ނިޒާމްތައް ރޭވިފައި އޮންނަ ގޮތުން ސިޔާސީ މީހުންނާއި ސެކެޓްރިއޭޓްގެ މަސައްކަތްތަކަކީ އެއްބާރުލުން ދީގެން އެއް ފްލޯއެއްގައި ހިނގަން ޖެހޭ މަސައްކަތްތަކެވެ. މިސާލަކަށް ޕާޓީގެ ރައީސް ކަމެއް ނިންމެވުމުން އެކަމަށް އިންކާރު ކުރުމުގެ ބަދަލުގައި ޗެއާޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެކަމަށް ފުރިހަމަ އަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީގެ އެންމެ ފަހު ޗެއާޕާސަން ހަސަން ލަތީފް
އެމްޑީޕީގެ އެންމެ ފަހު ޗެއާޕާސަން ހަސަން ލަތީފް

"ޗެއާޕާސަންގެ މަގާމަށް ގެންނަން ޖެހޭނީ ޕާޓީގެ ރައީސަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ އާންމު މެމްބަރުން އިތުބާރު ކުރާ އަދި ޕާޓީގެ އަސާސްތައް ނުގެއްލޭނެ ގޮތަށް މަސައްކަތް ކުރާނެ ބޭފުޅެއް،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީން ކެމްޕެއިން ކޮށްގެން ރައްޔިތުންނަށް ވައުދުތައްވެ ރިޔާސީ އިންތިހާބެއް ކާމިޔާބުކޮށްދިން ނަމަވެސް ސަރުކާރުން ޕާޓީގެ މަޝްވަރާ ހޯދުމަކާ ނުލައި ކަންކަން ކުރުމެވެ. ސަރުކާރަށް ހަތަރު އަހަރުވާއިރު މުހިންމު ވައުދުތައް ނުފުއްދޭއިރު ޕާޓީން ބޭނުންވާ މަޝްވަރާ ދެވޭނެ ނިޒާމެއް ގާއިމް ނުކޮށް އެކަހެރިކޮށްފައި އޮންނަ މައްސަލަ އޭނާ ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީ އަށް އިންތިހާބުތައް ކާމިޔާބު ކުރެވޭނީ ޗެއާޕާސަނާއި އާންމު މެމްބަރުންގެ ބުރަ މަސައްކަތުން -- ހަސަން ލަތީފް

ގައުމީ މަޖިލީހުން އެއްބާރުލުން ނުދިނުމަކީ ވެސް ޗެއާޕާސަންއަކަށް ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ބަލަން އެކުލަވައިލި ކޮމީޓީގެ ކޯރަމް ހަމަ ނުކުރުމަށް ބައެއް މެމްބަރުން ރާވައިގެން މަސައްކަތް ކުރެއްވި ކަމަށާއި ކޯރަމް ހަމަކޮށް އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ވަކިވަކި މެމްބަރުންނަށް ގުޅައި އާދޭސް ކުރަން ޖެހުނު ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ޗެއާޕާސަންގެ މަގާމަށް ދެން ވަޑައިގަންނަވާ ބޭފުޅަކީ ނަޒާހަތްތެރިކަމާއެކީ އިތުބާރު ލިބޭ މީހަކަށް ވާން ޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. މިވަގުތު ބޭނުންވަނީ އަނެއްކާވެސް 2023 އިންތިހާބު ކާމިޔާބު ކުރަން ކަމަށާއި މިހާރު ގެއްލެމުންދާ އިތުބާރު އަނބުރާ ހޯދޭނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

މާދަމާގެ އިންތިހާބުގައި ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް 2023 އެމްޑީޕީ އަށް ނުގެއްލޭނެ ގޮތަށް މަސައްކަތް ކުރައްވަން ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.

އަންނަ ރިޔާސީ އިންތިހާބަށް ޕާޓީގެ އެތެރެއިން ފުރިހަމަ އެއްބާރުލުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަށް ވެސް މި އިންތިހާބުގައި އެ ބޭފުޅަކަށް އެއްބާރުލުން ދެއްވާނެ ޗެއާޕާސަންއެއް ހުރުން ވަރަށް މުހިންމެވެ.