މެޗެއްގެ ތެރެއިން ސަޕޯޓަރެއް ޓެރިރަޒަމާ ދެކޮޅަށް ބޯޑެއް ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
27 އޮކްޓޯބަރ 2017 - 09:46
މޮސްކޯ، ރަޝިއާ (އޮކްޓޯބަރު 27) - އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕް ދުވަސްވަރު ޓެރަރިޒަމް ހަމަލާއެއް ދޭނެ ކަމަށް ބުނެ އެކި ގްރޫޕްތަކުން އިންޒާރު ދެމުން އަންނައިރު އެކަންތައް ކާމިޔާބުވިޔަ ނުދޭން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ރަޝިއާ އިން ބުނެފި އެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) އިން ސީރިއާ އާއި އިރާގުން ހިފި ބިންތައް ރަޝިއާގެ ސިފައިންގެ ސަބަބުން ގެއްލިފައި ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އައިއެސްގެ މީޑިއާ އައުޓްލެޓަކުން ދާދި ފަހުން ވަނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ ފޮޓޯއެއް ބޭނުންކޮށްގެން ވޯލްޑް ކަޕް ދުވަސްވަރު ޓެރަރިޒަމް ހަމަލާއެއް ދޭނެ ކަމަށް ބުނެ އިންޒާރުދީފަ އެވެ.
އެމެރިކާގެ ޓެރަރިސްޓް މޮނިޓަރިން ގްރޫޕަކުން ދާދި ފަހުން ވަނީ ރަޝިއާގެ މުސްލިމުން އުޅޭ ޗެޗީނާ ރީޖަންގައި ޓެރަރިސްޓުން ގިނަވަމުން އަންނަ ކަމަށް ބުނެ ދާދި ފަހުން ރިޕޯޓެއް ނެރެފަ އެވެ. ރަޝިއާ ވޯލްޑް ކަޕްގެ އިންތިޒާމް ކޮމިޓީން އަންނަނީ ތަކުރާރުކޮށް ސަލާމަތީ ކަންކަން އެންމެ ރަނގަޅުވާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އަދި އަންނަ އަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް އެންމެ ސެކިއުރިޓީ ވަރުގަދަ ވޯލްޑް ކަޕަށް ހަދާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހު ރަޝިއާގެ އެންޓި ޓެރަރިޒަމް ކޮމިޓީގެ ޗެއާމަން ވިދާޅުވީ ވޯލްޑް ކަޕާ ގުޅޭ ހުރިހާ ކަމެއްގައި ޓެރަރިޒަމްގެ ކަންތައްތައް ހުއްޓުވަން ހާއްސަ ޓީމެއް ތަމްރީން ކުރަމުން އަންނަ ކަމަށާއި މިއީ މިހާތަނަށް ވަކި ކަމަކަށް ހާއްސަކޮށްގެން ޓްރެއިނިންދޭ ފުރަތަމަ ގްރޫޕް ކަމަށެވެ.
އަންނަ އަހަރުގެ ޖޫން 14 އިން ޖުލައި 15 އަށް ކުރިއަށްދާ މުބާރާތުގައި ދުނިޔޭގެ ތަފާތު އެކި ގައުމުތަކުން ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުންގެ ގޮތުގައި ރަޝިއާ އަށް އެތައް މިލިއަން މީހުން ދާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy