އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ. --ފޮޓޯ: އޭއެފްޕީ
16 ޖޫން 2018 - 11:34
މޮސްކޯ (ޖޫން 16) – އާޖެންޓީނާ ޓީމުގައި ކެޕްޓަން ލިއޮނަލް މެސީ އަށް މާބޮޑެތި ޒިންމާތަކެއް އޮތް ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާއި އެކަމަކު އެވަރުގެ ހުނަރުވެރި ކުޅުންތެރިއެއްގެ ވަށައިގެން ޓީމެއް ބިނާކުރުމަކީ އާއްމު ކަމެއް ކަމަށް އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.
މި އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗުގައި މިއަދު އައިސްލެންޑާ ދެކޮޅަށް ނުކުންނާނެ އެވެ. މެސީގެ ހުނަރުވެރިކަމާ މެދު ސުވާލެއް ނެތަސް، އާޖެންޓީނާއާ އެކު އޭނާ އަށް ބޮޑު ކާމިޔާބެއް ނުހޯދޭތީ ބައެއް ސަޕޯޓަރުން ތިބީ އަދިވެސް ޝައްކެއްގެ މަތީގަ އެވެ. ގިނަ ބަޔަކު ގަބޫލުކުރަނީ އާޖެންޓީނާގައި މެސީގެ ޒިންމާތައް ބޮޑުވެ ޕްރެޝަރު ވެސް ބޮޑީ ކަމަށެވެ.
"މެސީ ފަދަ ކުޅުންތެރިން ތިބިއްޔާ، އެ ކުޅުންތެރިން ވަށައިގެން ޓީމު ރޭވުމަކީ ކޯޗުގެ ވަޒީފާ، ބޭނުމަކީ އެ ކުޅުންތެރިންގެ އާދަޔާހިލާފު ހުނަރުގެ ބޭނުން ހިފުން،" މެސީ އަށް ބަރޯސާ ވުމަކީ މައްސަލައެއް ނޫން ކަމަށް އިޝާރާތްކޮށް ސަމްޕައޮލީ ބުންޏެވެ.
މިއީ މެސީގެ ފަހު ވޯލްޑް ކަޕަށް ވެދާނެ ކަމަށް ވާހަކަދެކެވެ އެވެ. އެކަމަކު ސަމްޕައޮލީ ބުނީ މިއީ މެސީގެ ފަހު ވޯލްޑް ކަޕަށް ވާން ޖެހޭ ކަމަށް އޭނާ އަށް ނުވިސްނޭ ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާގެ ހުނަރުވެރިކަމާއި ޕްރޮފެޝަނަލިޒަމް ކަމުގެ މާނައަކީ އޭނާ އަށް އޭނާ ބޭނުން ދުވަހެއް ވަންދެއް ކުޅެވުމޭ. އޭނާ އަކީ އާދަޔާހިލާފު ކުޅުންތެރިއެއް، އޭނާ ކުޅެނީ އާދަޔާހިލާފު ކުޅުންތެރިއަކު ކުޅޭ ގޮތަށް،" ސަމްޕައޮލީ ބުންޏެވެ. "އެހެންވީމާ އަހަރެން ނުދެކެން މިއީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވާނެ ކަމަށް."
މި ފަހަރުގެ މުބާރާތަށް އާޖެންޓީނާ ކޮލިފައިވީ ވަރަށް އުނދަގުލުންނެވެ. ހުނަރުވެރި ކުޅުންތެރިން ތިބި ނަމަވެސް ޓީމެއްގެ ގޮތުގައި އަދި ވެސް އެހާ ރަނގަޅެއް ނޫނެވެ. އަނެއްކޮޅުން އަނިޔާގެ މައްސަލަތައް އެބައުޅެ އެވެ. އެކަމަކު ކޯޗު ހުރީ އިތުބާރާ އެކު އެވެ.
"އަހަންނަށް ޔަގީން އާޖެންޓީނާ އިން ދައްކައިދޭނެކަން އެ ޓީމަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމުކަން."
އާޖެންޓީނާ އާއި އައިސްލެންޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސު 6 ޖަހާއިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންމަނިކުފާނު
16 June 2018
މިރޭ މެސީ ޖަހަންޖެހޭނެ 3 ލަނޑޫ!
ނަން
16 June 2018
3 ލަނޑު ޖަހާކަށް ނުޖެހޭ.