ޖޯން ސީނާ "ޕްރޮޖެކްޓް އެކްސް" އިން ފެންނާނެ.
14 ޖޫން 2018 - 08:46
ޖެކީ ޗެން ޕްރޮޑިއުސްކޮށް، މުހިއްމު ރޯލެއް ވެސް ކުޅޭ ފިލްމް އެކްޝަން ތުރިލާ "ޕްރޮޖެކްޓް އެކްސް" ގެ ކާސްޓަށް ސިލްވެސްޓަ ސްޓެލޯންގެ ބަދަލުގައި ޖޯން ސީނާ ހަމަޖައްސައިފި އެވެ.
ސްޓެލޯން ކުޅެން އޮތް ރޯލަށް، ސީނާ ހަމަޖައްސައި މިހާރު އަންނަނީ ފިލްމްގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ.
"ޕްރޮޖެކްޓް އެކްސް" އަކީ މެދުއިރުމަތީގައި ޗައިނާގެ ބަޔަކު ހިންގާ ތެލުގެ ވިޔަފާރީގެ ނެޓްވޯކެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމްގައި ޖެކީ ޗެން ފެނިގެން ދާނީ ޗައިނާގެ ސެކިއުރިޓީ ކޮންޓްރެކްޓަރެއްގެ ރޯލުންނެވެ.
ސީނާ ފިލްމްގައި ކުޅޭނީ އެމެރިކާގެ ކުރީގެ ސިފައިންގެ މީހެއްގެ ރޯލުންނެވެ.
ރެސްލިން ރިންގުން ވިދާލި ސީނާއަކީ މިހާރު ކާމިޔާބު އެކްޓިން ކެރިއަރަށް ވެސް ބިނާކޮށްފައިވާ ފަންނާނެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ "ބްލޮކާޒް" އެވެ.
ދެހާސް ހައެއްގައި "ދަ މެރީން" އިން ހޮލީވުޑަށް ނުކުތް ސީނާ، 41، ގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ބަމްބަލްބީ" އަދި "ދަ ޖޭންސަން ޑިރެކްޓިވް" ހިމެނެ އެވެ.
ޖެކީ ޗެން: އޭނާގެ އާ ޕްރޮޖެކްޓަކީ "ޕްރޮޖެކްޓް އެކްސް".
އަރާޝް އަމޭލްގެ ސްކްރިޕްޓަކަށް ސްކޮޓް ވޯގް ޑައިރެކްޓް ކުރާ "ޕްރޮޖެކްޓް އެކްސް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޖޯއީ ޓެމް، އެޒްމޮންޑް ރެން އަދި ހަންސް ކެނޯސާ ހިމެނެ އެވެ. ސްކޮޓް އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "6 ބިލޯ: މިރަކަލް އޮން ދަ މައުންޓެއިން" އެވެ.
"ޕްރޮޖެކްޓް އެކްސް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy