މިއީ ޖޭމްސް ބޮންޑުގެ ރޯލް ބަތަލާއަކާ ހަވާލުކުރަންވީ ވަގުތު: ޕިއާސް ބްރޮޒްނަން

އިނގިރޭސީ ހިޔާލީ ޖާސޫސީ އެޖެންޓް ޖޭމްސް ބޮންޑްގެ ރޯލް މިހާރު ލައްކަ ދުވަހު އެކްޓަރުންނަށް ކުޅެވިއްޖެ ކަމަށާއި މިއީ މިހާރު އެ ރޯލް ބަތަލާއަކާ ހަވާކުރަންވީ ވަގުތު ކަމަށް ބޮންޑްގެ ރޯލް ހަތަރު ފިލްމެއްގައި ކުޅުނު މަޝްހޫރު އެކްޓަރު ޕިއާސް ބްރޮޒްނަން ބުނެފި އެވެ.


އުމުރުން 66 އަހަރުގެ އެކްޓަރު ބުނިގޮތުގައި ބޮންޑްގެ ކެރެކްޓާ އިން އަންހެނަކު ފެނުމަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެކެވެ.

"އަހަރެމެން އެކްޓަރުން އެ ރޯލާ އުޅޭތާ މިހާރު ފަންސާސް އަހަރުވެއްޖެ. އެހެންވެ މިއީ ހަގީގަތުގައި ބޮންޑްގެ ރޯލަށް އަންހެނަކު ގެންނަންވީ ވަގުތު،" ބްރޮޒްނަން ބުންޏެވެ. "އެފަދަ ދުވަހެއް ދެކެން އަހަރެން ވަރަށް ބޭނުން. އަދި އަންހެނަކު އެ ކެރެކްޓާއިން ފެނުމަކީ ވެސް ވަރަށް އެކްޒައިޓިން ކަމަކަށް ވާނެ. ހަމަ ޔަގީނުން ވެސް އަހަރެން އެ ދުވަހެއް ދެކެން ވަރަށް ބޭނުން."

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލް ކުޅޭ ފަހު އަދި ފަސް ވަނަ ފިލްމު "ނޯ ޓައިމް ޓް ޑައި" އަށް ފަހު، ބޮންޑްގެ ރޯލް ބަތަލާއަކު ލައްވައި ކުޅުވުމާ ދޭތެރޭ އެ ސީރީޒްގެ ޕްރޮޑިއުސަރުން މިހާރު އަންނަނީ ސީރިއަސްކޮށް ވިސްނަމުންނެވެ. އަދި ބޮންޑްގެ ޒިންމާ ކޮނޑަށް ނަގާނެ ފުރަތަމަ ބަތަލާއަކީ "ސްޓިލް ސްޓާ-ކްރޮސްޑް" އާއި "ފާސްޓް ގާލް" އަދި "ކެޕްޓަން އެމެރިކާ" ފަދަ ފިލްމުތައް ކުޅެފައިވާ ލަޝާނާ ލީންޗެވެ.

އަންނަ އަހަރުގެ އެޕްރީލް 8 ގައި ރިލީޒްކުރާ ބޮންޑްގެ 25 ވަނަ ފިލްމުގެ ކާސްޓުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

ބްރޮޒްނަން ބުނިގޮތުގައި މިހާރުގެ ބަތަލާއިންނަކީ އެކްޓަރުންނަށް ދޫނުކުރާ ވަރުގެ ހުނަރުވެރި ފަންނާނުންނެވެ. އެހެންވެ ދެ ޖިންސްގެ މެދުގައި އޮތް ތަފާތުކުރުންތައް ކުޑަވަމުން އަންނަ މި ޒަމާނުގައި ބޮންޑްގެ ރޯލް ބަތަލާއަކާ ހަވާލުނުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ބުންޏެވެ.

"އަހަރެން ވަރަށް އުފާކުރަން އެ ރޯލް ކުޅެން ލިބުނު އެކްޓަރެއްގެ ހައިސިއްޔަތުން. އަދި އެއީ ކެރިއަރުގެ އެންމެ ބޮޑު އެއް ކާމިޔާބީ ވެސް މެ،" ބްރޮޒްނަން ބުންޏެވެ.

އޭނާ ޖޭމްސް ބޮންޑްގެ ރޯލް ކުޅުނު ފިލްމުތަކަކީ ގޯލްޑެން އައި (1995)، ޓުމޯރޯ ނެވަ ޑައިސް (1997)، ދަ ވޯލްޑް އިޒް ނޮޓް އިނަފް (1999) އަދި ޑައި އެނަދަ ޑޭ (2002) އެވެ.

ޑެނިއަލް އަށް ފަހު ބޮންޑްގެ ރޯލް ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން ކުރެވޭ ބަހުސަކީީ ވެސް ވަރަށް ފޯރިގަދަ ބަހުސެކެވެ. އަދި އެ ރޯލާ ގުޅުވައިގެން ދޭތެރެ ދޭތެރެ އިން އެކި އެކްޓަރުންގެ ނަންތައް މީޑިއާތަކަށް ތިލަވަ އެވެ.

ޖޭމްސް ބޮންޑްގެ ކެރެކްޓާ ސްކްރީނަށް ތައާރަފުވީ 1962 ގެ ފިލްމު "ޑރ. ނޯ" އިންނެވެ. އަދި އެ ރޯލް ކުޅުމުގެ ޝަރަފު ލިބުނު ފުރަތަމަ އެކްޓަރަކީ މިހާރު 89 އަހަރުގެ ޝޯން ކޮނެރީ އެވެ.