ކްރިސް ހެމްސްވޯތު އާއި މައިކަލް ޝެނަން: ދެ މީހުން އެއް ފިލްމަކުން ފެނިގެން ދާނެ.
02 އޮކްޓޯބަރ 2016 - 06:11
ދެހާސް އެއް ވަނަ އަހަރު އެމެރިކާގެ ޓްވިން ޓަވަރަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ހިންގި އޮޕަރޭޝަނުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމް "ހޯސް ސޮލްޖާސް" ގެ ލީޑް ރޯލަށް ކްރިސް ހެމްސްވޯތާއި މައިކަލް ޝެނަން ހަމަޖައްސައިފި އެވެ.
މިއީ "ހޯސް ސޮލްޖާސް: ދަ އެކްސްޓްރާއޯޑިނަރީ ސްޓޯރީ އޮފް އަ ބޭންޑް އޮފް ޔޫއެސް ސޮލްޖާސް ހޫ ރޯޑް ޓް ވިކްޓްރީ ޓް އަފްގާނިސްތާން" ގެ ނަމުގައި 2009 ވަނަ އަހަރު ޑާގް ސްޓޭންޓަން ލިޔެފައިވާ ވާހަކަ އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
ވާހަކައިގައި ކިޔައި ދެނީ ތާލިބާނުންގެ ހަރަކާތްތައް އިނދަ ޖައްސާލަން އެމެރިކާގެ ސްޕެޝަލް ފޯސް އިން ކުރިއަށް ގެންދާ އޮޕަރޭޝަނެވެ.
މި ވާހަކައަށް ފިލްމެއް ހަދާ އިރު، އޭގެ ސްކްރީންޕްލޭ ލިޔަނީ ޕީޓާ ކްރެއިގާއި ޓެޑް ޓަލީ އެވެ.
"ހޯސް ސޮލްޖާސް" ޑައިރެކްޓްކުރާނެ މީހަކު އަދި އިއުލާނެއް ނުކުރެ އެވެ. މި ފިލްމް ޕްރޮޑިއުސް ކުރަނީ ބްލަކް ލޭބަލް މީޑިއާ އާއި ޖެރީ ބްރެކެމިއާ ގުޅިގެންނެވެ.
ކްރިސް އާއި ޝެނަން ފިލްމުގެ ލީޑް ރޯލަށް ނަގާފައިވާ އިރު، އެ ދެ މީހުން މިހާރު ވެސް އަންނަނީ އިތުރު ޕްރޮޖެކްޓަތަކެއްގައި މަސައްކަތް ކުރަމުންނެވެ.
ކްރިސް އަންނަނީ "ތޯ" ގެ ކްރިއަށް ފިލްމް "ތޯ: ދަ ރެގްނަރޮކް" ގެ މަސައްކަތް ކުރަމުންނެވެ. އަދި "ސްޓާ ޓްރެކް" ގެ ކުރިއަށް އޮތް ފިލްމުގެ މުހިއްމު ރޯލަކަށް ވެސް އޭނާ ސޮއިކޮށްފައިވެ އެވެ.
"މޭން އޮފް ސްޓީލް" ފަދަ ފިލްމްތައް ކުޅެފައިވާ ޝެނަން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޖެފް ނިކޯލްސްގެ "ލަވިން" އާއި ޓޮމް ފޯޑްސްގެ "ނޮކްޓާނަލް އެނިމަލްސް" އިންނެވެ.
"ހޯސް ސޮލްޖާސް" ގެ މަސައްކަތް ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy