ސޯނަމް ކަޕޫރާއި ލޯބިވެރިޔާ އާނަންދު އަހޫޖާ
10 މާޗް 2017 - 06:37
ސޯނަމް ކަޕޫރުގެ ހަޔާތުގެ ބައިވެރިޔަކަށް ހޮވާފައިވާ އާނަންދު އަހޫޖާ އަކީ ސޯނަމްގެ މަންމަ ސުނީތާ ކަޕޫރު ވަރަށް ހިތްހަމަޖެހޭ މީހެކެވެ. އަދި ސުނީތާ ބޭނުންވަނީ އޭނާގެ ދަރިފުޅު މިއަހަރު ނިމުމުގެ ކުރިން އާނަންދާ އެންގޭޖްވުމަށެވެ.
ބޮލީވުޑް ގިނަ ތަރިން އެމީހުންގެ ލޯބިވެރިން ނޫސްވެރިންނަށާއި އާއްމުންނަށް ފޮރުވައިގެން އުޅުނު ނަމަވެސް ސޯނަމް އެހެންނެއް ނޫޅެ އެވެ. ވިޔަފާރިވެރިއެއް ކަމަށްވާ އާނަންދު އާއި ސޯނަމް ރައްޓެހިވި ފަހުން އޭނާ ސޯޝަލް މީޑިއާގަ އާއި އާއްމު ތަންތަނުގައި ވެސް އެމީހުންގެ ގުޅުން ފޮރުވާކަށް ނޫޅެ އެވެ.
މުމްބައި މިރާގައި ބުނާ ގޮތުން ސޯނަމްގެ މަންމައަށް އާނަންދު ވަރަށް ކަމުދެ އެވެ. އަދި އޭނާގެ ދަރިފުޅާއި އާނަންދްގެ ގުޅުމާ ސުނީތާ ވަރަށް ރުހެ އެވެ.
ސޯނަމް އާއި އޭނާގެ މަންމަ ސުނީތާ
ސޯނަމް އާއި އާނަންދުގެ ގިނަ ފޮޓޯތަކެއް ސޯނަމް ދަނީ އިންސްޓަގްރާމްގައި ޕޯސްޓްކުރަމުންނެވެ. އަދި އާނަންދުއާ ބެހޭ ގޮތުން ސޯނަމް ނޫސްވެރިންނާ ވާހަކަ ނުދެއްކި ނަމަވެސް މި ފޮޓޯތަކުން އެކަނިވެސް އެމީހުންގެ ގުޅުން ހާމަވެގެން ދެ އެވެ. ސޯނަމް ތަންކޮޅެއް ކުރިން ބުނެފައިވާ ގޮތުގައި ޒާތީ ވާހަކަތައް ނޫސްވެރިންނާ ދެއްކުމަކީ އޭނާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އޭނާ ނޫސްތަކާ ވާހަކަ ދައްކާނީ ހަމައެކަނި ފިލްމުތަކާ ބެހޭ ގޮތުންނެވެ.
މިދިޔަ އަހަރަކީ ސޯނަމް އަށް ވަރަށް ކާމިޔާބު އަހަރެކެވެ. އޭނާގެ ގިނަ ފިލްމުތަކެއް ކާމިޔާބުވީއިރު "ނީރްޖާ"އިން ގިނަ އެވޯޑުތަކެއް ވެސް ވަނީ ލިބިފަ އެވެ.
މިއަހަރު ވެސް އޭނާ ތިން ފިލްމެއްގައި މަސައްކަތް ކުރާނެ އެވެ. އެއީ ކަރީނާ ކަޕޫރާއެކު ކުޅޭ "ވީރް ދީ ވެޑިން" އާއި ސަންޖޭ ދަތު ބައޮޕިކް އަދި އަކްޝޭ ކުމާރާ އެކު ކުލޭ "ޕެޑްމޭން" އެވެ. މީގެ ތެރެއިން "ވީރް ދީ ވެޑިން" އަކީ ސޯނަމްގެ ކޮއްކޮ ރެއާ ކަޕޫރު ޕްރޮޑިއުސްކުރާ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy