ޓީސީގެ ފަރިތަކުރުންތަކުގެ ތެރެއިން ނިޒާމްބެ (ކ) އެ ޓީމުގެ އޮފިޝަލުންނާ ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 ފެބުރުއަރީ 2018 - 12:57
އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މާދަމާރޭ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުންނައިރު އެއީ ވަރުގަދަ ޓީމެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށާއި އެހެން ނަމަވެސް ޓީސީ ސްޕޯޓްސް ކްލަބުން މަސައްކަތްކުރާނީ އަމިއްލަ ހިތްވަރުން ނަތީޖާ ނެރުމަށް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ބެންގަލޫރު ޕްލޭއޮފްގެ ޖާގައެއް ހޯދީ ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑް އަތުން ޕްރިލިމިނަރީ ބުރުގައި ކުރިހޯދުމަށް ފަހު އެވެ. ޓީސީ ވަނީ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް ބަލިކޮށްފަ އެވެ. އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ބެންގަލޫރާއި ޓީސީ ކުޅޭ ދެ ލެގުން ކުރިހޯދާ ޓީމަކަށެވެ.
މާދަމާގެ މެޗުގެ ކުރިން "މިހާރަ"ށް ނިޒާމްބެ ބުނީ ސަރަހައްދީ ފެންވަރާ އެހެން ގޮތްގޮތަށް ބެލިޔަސް އިންޑިއާ އޮތީ ފުޓްބޯޅައިގައި ވަރަށް ކުރިއަށް ޖެހިފައި ކަމަށެވެ.
"ޓެކްނިކަލީ ދެން އެހެން ގޮތްގޮތަށް ބަލާއިރު ވެސް އިންޑިއާ ފުޓްބޯޅަ އޮތީ ވަރަށް ކުރިއަށް ޖެހިފައި. އެގޮތަށް ބަލާއިރު ބެންގަލޫރު ވަރަށް ވަރުގަދަ. ކުރިން ވެސް ބުނިހެން ޓީސީން ވިސްނާނީ އަމިއްލަ ސްޓްރެންތައް. އެ ހިތްވަރު ނެރެގެން ހޯމް އެޑްވާންޓޭޖް ނަގައި ނަތީޖާ ނެރެން ޓީސީ މަސައްކަތް ކުރާނީ،" ނިޒާމްބެ ބުންޏެވެ.
ބެންގަލޫރު މާލޭގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ވަނީ މޮޅުވެފަ އެވެ. އެ ޓީމު މި ވަގުތު އިންޑިއަން ސުޕަ ލީގުގެ އެއް ވަނައިގައި އޮތްއިރު، އޮތީ ރަނގަޅު ފޯމެއްގަ އެވެ. އޭއެފްސީ ކަޕްގެ ރަށުންބޭރުގައި ކުޅޭ މެޗަށް މި ފަހަރު ވެސް ބެންގަލޫރުން އައީ މުހިއްމު ބައެއް ކުޅުންތެރިން ނުލަ އެވެ. އޭގެ ތެރޭގައި ކެޕްޓަން ސުނިލް ޗެތުރީ ހިމެނެ އެވެ.
ޓީސީން މިހާތަނަށް ކުޅުނީ ދެ މެޗެވެ. އެއީ ޕްރިލިމިނަރީ ބުރުގައި ސައިފާ ދެކޮޅަށް ކުޅުނު ދެ މެޗެވެ. ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅެން ހަމަޖެހިފައި އޮތް ނިއު ރޭޑިއަންޓާއި ޓީސީ ކުޅޭ މެޗު ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ފަހުގެ ތާރީހަކަށް ފަސް ކުރެވިފަ އެވެ.
ނިޒާމްބެ ބުނީ ދެ ޓީމު މި ވަގުތު އޮތް ހާލަތު ތަފާތު ނަމަވެސް މެޗަށް އޭގެ އިން މާ ބޮޑު އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"ބެންގަލޫރު ސީޒަން މެދުތެރެއިން މި މެޗަށް އައި ނަމަވެސް ހަގީގަތުގައި މާ ބޮޑު ތަފާތެއް އައިސްފާނެ ހެނެއް ހިއެއް ނުވޭ. އެއީ މިދިޔަ ސީޒަން ނިމުނީ ވަރަށް ފަހުން. ދެން މާ ބޮޑު ބްރޭކެއް ނައިސް މި ފަހަރު ޕްރެކްޓިސް ފަށައިފިން. ދެން ޗެރިޓީ ޝީލްޑް މެޗު ލަސްވުމަކީ ޓީސީ އަށް ގެއްލުމެއް ކަމަށް ނުދެކެން. އޭގެ ބަދަލުގައި ކުޅުންތެރިން ފްރެޝް ވެލަން ލިބުނު ފުރުސަތެއް މިއީ،" ނިޒާމްބެ ބުންޏެވެ.
މާދަމާގެ މެޗުގައި ވެސް ޓީސީގެ ގޯލު ބަލަހައްޓާނީ ސައިފާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުނު އިބްރާހިމް ނަދީމް އެވެ.
ޓީސީ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުޓްބޯލް ފޭން
12 February 2018
ބޫޓާން ޓީމުވެސް ހޯމްގަ އެއްވަރުކުރި. އެހެންވީމަ ޓީސީ އަދި ހިތްވަރުކޮށްލައިފިއްޔާ ބެންގަލޫރު ބަލިވެސް ކުރެވިދާނެ. ޓީސީ އަށް ކާމިޔާބައް އެދެން
ޓޮޓީ
12 February 2018
ޓީސީއަށް އޮތީ ހިތްވަރާއެކު މަސައްކަތް ކުރުން. ބެންގަލޫރު ކިތައްމެ ވަރުގަދަޔަސް ޓީސީއަށް ބަލިނުކުރެވޭނެ ޓީމެއް ނޫން ބެންގަލޫރު އެފްސީއަކީ..
ނާޑް
12 February 2018
ގުޑްލަކް ޓީސީ
ކާޑުބޭ
12 February 2018
ބެންގަލޫރު މޮޅުވާނެ ކަމަށް އުއްމީދުކުރަން..... ޓީސީ ޑޭވް ދޭބަލަ މަހަށް ޓީމް ގޮވައިގެން...