ގްރީން އިން ފަހު ވަގުތު ޓީސީއާ ވެސް އެއްވަރުކޮށްފި

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ގްރީން ސްޓްރީޓްސްގެ އަހުމަދު ރިލްވާން (ރިލޭ) ޖެހި ގޯލުން އެ ޓީމުން 2-2 އިން ޓީސީ ސްޕޯޓްސް ކްލަބާ އެއްވަރުކޮށްފި އެވެ.


ލީގުގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް އިން މާޒިޔާއާ އެއްވަރުކުރީ ވެސް ފަހު ވަގުތު ޖެހި ގޯލަކުންނެވެ.

ޓީސީން މި މެޗަށް ނުކުތީ ލީގުގެ ފުރަތަމަ މެޗުގައި ކުޅުނު ފުރަތަމަ އެގާރަ އަށް ތިން ބަދަލެއް ގެނެސްގެންނެވެ. މާޅޮހުގެ އަހުމަދު އާރިފް (އާރީ) އާއި މުހައްމަދު ސާދު ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިން ޖާގަ ހޯދިއިރު، ޔާމީން އިބްރާހިމް (ޔާމްބެ) ވެސް ވަނީ ފުރަތަމަ އެގާރައިގައި ކުޅުނެވެ.

ޓީސީ އަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝިޗޭވް ހުރީ އަނިޔާގަ އެވެ.

މާޒިޔާއާ ދެކޮޅަށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި މޮޅު ކުޅުމެއް ދެއްކި ގްރީން ސްޓްރީޓްސްގެ ރިލޭ އަށް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. އެ ޓީމުން މެޗުގެ ހަ ވަނަ މިނިޓްގައި ލީޑުނެގީ ރިލޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ރިލޭ ނަގައިދިން ކޯނަރު ގޯލަށް ވަނީ ޓީސީގެ އައިހަމް ބޮލުގައި ޖެހިފަ އެވެ.

ޓީސީގެ ފުރަތަމަ ނުރައްކާތެރި ހަމަލާ މެޗުގެ 16 ވަނަ މިނިޓްގައި ފޮނުވާލީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. އޭރިއާ ތެރެއިން އާރީ ހުސްކޮށްލާފައި ފޭދޫ އިއްބެ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ގްރީންގެ އުޒްބެކިސްތާންގެ ކީޕަރު ސަރްގޭ ސްމޮރޮޑިން ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން އޭރިއާ ބޭރުން ޝަފްލޭ ފޮނުވާލި ޝޮޓް ޓީސީގެ ކީޕަރު އިފްރާހް އަރީފް (އިފްރާ) ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 37 ވަނަ މިނިޓްގައި ޓީސީގެ މުހައްމަދު ސާމިރް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން ސާމިރު ފޮނުވާލި ބާރު ބޯޅަ ކީޕަރު ސަރްގޭ ވަނީ ދިފާއުކޮށްފަ އެވެ. އޭގެ ފަހުން އިބްރާހިމް ވަހީދު (އިއްބެ) ފޮނުވާލި ޝޮޓް ވެސް ކީޕަރު ސަރްގޭ ވަނީ މަތަކޮށްފަ އެވެ.

ޓީސީން މި ހާފްގެ ބޮޑު ބައިގައި ރަނގަޅު ކުޅުމެއް ނުދެއްކުމުން މެޗުގެ 40 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. އެގޮތުން އަހުމަދު އައިހަމް އާއި ސާމިރުގެ ބަދަލުގައިވަނީ މުުރުތަލާ އަދުނާން އާއި ލައިބީރިއާ ގައުމީ ޓީމަށް ކުރިން ކުޅުނު ފޯވާޑް ޑިއޯ ވިލިއަމްސް ވަނީ ކުޅެން އަރުވައިފަ އެވެ. ވިލިއަމްސް ޓީސީއާ ގުޅުނީ މީގެ އެއް ދުވަސް ކުރިންނެވެ.

ލަނޑު ޖެހުމަށް ފަހު އިއްބެ (ކ) އާއި ފޭދޫ އިއްބެ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން އިން ދެ ވަނަ ހާފަށް ނުކުތީ ޝަފްލޭގެ ބަދަލުގައި ޔޫކްރޭނުގެ މިޑްފީލްޑަރު ސޮބޮލް އިލިއާ ކުޅެން އަރުވައިގެންނެވެ.

މި ހާފް ފަށައިގެން ފަސް މިނިޓް ތެރޭ ޓީސީން އެއްވަރުކުރީ ލިބުނު ޕެނަލްޓީ އަކުން ފޭދޫ އިއްބެ ކާމިޔާބުކުރި ލަނޑުންނެވެ. މި ޕެނަލްޓީ އަކީ ޓީސީގެ ވިލިއަމްސް އަށް އޭރިއާ ތެރެއިން ގްރީންގެ ކީޕަރު ސަރްގޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ޓިސީ އަށް ލީޑުނަގައިދޭން މެޗުގެ 68 ވަނަ މިނިޓްގައި އިއްބެ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން އިއްބެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އެހެން ނަމަވެސް އޭގެ އަށް މިނިޓް ފަހުން ލިބުނު ބޯޅައިގެ ބޭނުން ހިފައި އިއްބެ ވަނީ ޓީސީ އަށް ލީޑުނަަގައިދީފަ އެވެ. މެޗުގެ 76 ވަނަ މިނިޓްގައި އޭރިއާ ބޭރުން އިއްބެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ލީޑުފުޅާކުރަން ޓީސީގެ ފޭދޫ އިއްބެ އާއި ޔާމްބެ އަދި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އިޝާން އިބްރާހިމް (ސައްޓު) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ޓީސީ މޮޅުވާނެ ކަމަށް ބެލެވިފައި އޮއްވައި ގްރީން ސްޓްރީޓްސް އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓް ހަމަވާން ކުޑަވަގުތު ކޮޅަކަށް ވެފައި ހުއްޓަ އެވެ. ޓީސީގެ ތިން ކުޅުންތެރިން ކައިރިން ގްރީންގެ މުހައްމަދު ރިސްވާން (ފުކޭ) ބޯޅަ ހިފައިގެން ގޮސް ހުރަސް ކޮށްލީ ގޯލު ކުރިމަތީގައި ހުސްކޮށްހުރި ރިލޭ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ ދެ މެޗުން ހަތަރު ޕޮއިންޓް ގެއްލުމުން އެއްކޮށް ހިތްހަމަ ޖެހެއޭ ނުބުނެވޭނެ ކަމަށެވެ.

"އެއްކޮށް ހިތްހަމަ ޖެހެޔެކޭ ނުބުނެވޭނެ. އެއީ ދެ މެޗުން ހަތަރު ޕޮއިންޓް ގެއްލިއްޖެ. އެކަމަކު މި މެޗުގެ ވެސް އޮއިވަރު ދިޔަ ގޮތުން މުހިއްމު ކުޅުންތެރިންތަކަކަށް އަނިޔާވެގެން ފޫނުބެއްދޭ ހާލަތަށް ގޮސްފައި އޮއްވާ ޕޮއިންޓެއް ލިބުމަކީ ވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް. ކުރިއަށްދާން ވެސް ހިތްވަރެއް،" ސުޒޭން ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އޭނާގެ ޓީމަށް މެޗު ގެއްލުނީ ފަސޭހަކޮށްލުމުން ކަމަށެވެ.

"ހަގީގަތުގައި ވަރުބަލި ވުމަށް ވުރެން ބޮޑަށް މިއަދު ފެނުނީ ޓީސީ ކުޅުންތެރިން ވަރަށް ފަސޭހަކޮށް ކުޅެން އުޅުނުތަން. ފުރަތަމަ ގޯލު ވެސް ހަމަ ކިޔައިދީފައި އޮތް ގޮތަށް ވަނީ. އެ މިސްޓޭކެއް. ދެން ބަދަލު ގެނެސްގެން މެޗުގެ ލީޑު ލިބިފައި އޮއްވައި ފުރަތަމަ ކޮޅުގައި ފަސޭހަކޮށްލި އެތި ބެކްފަޔާ ވެފައި މިއޮތީ،" ނިޒާމްބެ ބުންޏެވެ.

ޓީސީއާ ދާދި ފަހުން ގުޅުނު ބިދޭސީ ފޯވާޑް ވިލިއަމްސްގެ ފަރާތުން އުއްމީދީ ކުޅުމެއް ފެނިގެންދިޔަކަން ނިޒާމްބެ ވަނީ ފާހަގަކޮށްފަ އެވެ.