ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ).-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 އެޕްރީލް 2018 - 09:37
ޔުނައިޓެޑް ވިކްޓަރީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް އެ ޓީމު ވަނީ ތަފާތު ބޮޑު ނަތީޖާތަކުން ބަލިވެފަ އެވެ. އެކަމަކު އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ޓީސީ ސްޕޯޓްސް ކްލަބުން ނުކުންނައިރު ކުރިން ވެފައި ހުރި އެއްވެސް ކަމަކަށް ނުބަލާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ރޭ ނިއު އަތުން ވިކްޓަރީ މޮޅުވުމުން ޓީސީ ވަނީ ލީގުގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. ޓީސީ އަށް ހަ މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ލީގުގައި ކުރިއަށް ޖެހިލުމުގެ ފުރުސަތު ޓީސީ އަށް އެބައޮތެވެ.
ޔުނައިޓެޑް ވިކްޓަރީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އެ ޓީމު ކޮޅަށް 17 ގޯލު ވަދެފައިވާއިރު، އެ ޓީމަށް ޖެހުނީ ތިން ގޯލެވެ. ނިޒާމްބެ ބުނީ ޔުނައިޓެޑް ވިކްޓަރީއާ މެދު ސަމާލުވާން ޖެހެނީ ނަތީޖާ އަށް ނުބަލައި އެ މީހުން އެ ދައްކާ ކުޅުން ރަނގަޅުވުމުން ކަމަށެވެ.
"މީގެ ނަތީޖާތަކަށް ވުރެ ބޮޑަށް އަސްލު ކުޅުމަށް ބަލާއިރު ޔުނައިޓެޑް ވިކްޓަރީ މި އަންނަނީ ކުޅުން ރަނގަޅުކުރަމުން ކޮންމެ ދުވަހަކު ވެސް މި ފެންނަނީ މެޗު ނިމެން ދިހަ ވަރަކަށް މިނިޓަށް ވާ ހިސާބުން އެ މީހުން ކޮޅަށް ގިނަ ގޯލުތަކެއް ވަންނަތަން. އަނެއްކޮޅުން ފަހުންދިޔަ ދެ މެޗުގައި ވެސް އެ މީހުން ސްކޯ (ލަނޑުޖަހާފައި) ކޮށްފައި މި އޮތީ. ފަސޭހަކޮށް ނުނަގާނަން މި މެޗެއް. ވަރަށް ސީރިއަސްކޮށް ނަގާ މެޗެއް މިއީ،" ނިޒާމްބެ ބުންޏެވެ.
ޓީސީ ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި މާޒިޔާ އާއި އީގަލްސް ބަލިކޮށްފަ އެވެ. މި ދެ މެޗުން ނިޒާމްބެ އަށް ފެނުނީ އުއްމީދީ ކުޅުމެކެވެ.
"ހަމަ ގައިމު ވެސް މިދިޔަ ދެ މެޗުގެ ޕާފޯމަންސަށް ބަލާއިރު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އެއީ ޓީމު މަޑުމަޑުން ރަނގަޅުވެ، ރަނގަޅަށް ބައްޓަން ވަމުން އައުން. ދެން އަދި މީ ސީޒަންގެ ވަރަށް މަދު މެޗުތަކެއް މި ކުޅުނީ ވަރަށް ފަހަތުގައި މި އުޅެނީ. އަދި ކުރިއަށް އެބަހުރި ބައިވަރު މެޗުތައް. ރަނގަޅުކުރަން ބައިވަރު ކަންތައްތައް ވެސް އެބަހުރި،" އޭނާ ބުންޏެވެ.
ޓީސީން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށިއްސުރެ އެ ޓީމުން ފެންނަ ތަފާތަކީ ކުރާ މަސައްކަތެވެ. ޓީސީ ޓީމުގައި ހިމެނިގެން ކުޅެން އަރާ ކޮންމެ ކުޅުންތެރިއަކު ވެސް ފެންނަނީ އެ ރޫހުގައި ކުޅޭތަނެވެ.
"ޓީސީގައި މި ތިބި ކުޅުންތެރިން އެވްރެޖްކޮށް މި ކުރާ މަސައްކަތް ހަމަ ގައިމުވެސް ވަރަށް ހިތްހަމަ ޖެހޭ. މިދިޔަ ފަސް އަހަރު ތެރޭގައި ވެސް އެވްރެޖްކޮށް ސްކޮޑުގެ 98 ޕަސެންޓް ހާޒިރީ ވަރަށް ރަނގަޅު. އަނެއްކޮޅުން މަސައްކަތުގެ ރޭޓް ވެސް ވަރަށް ރަނގަޅު. އުއްމީދީ ސްކޮޑެއްތޯ ނޫނީ ނާއުއްމީދީތޯ އެ އަށް ވުރެ ބޮޑަށް އަޅުގަނޑެއް ނޫން އެހެން ފަރާތްތަކުން ނިންމާނީ،" ނިޒާމްބެ ބުންޏެވެ.
ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކްލަބްތަކުގައި ތިބި ބިދޭސީ ކުޅުންތެރިން އަންނަނީ ތަފާތު ދައްކަމުންނެވެ. ކިރިގިސްތާނުގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭވާއި މިސްރުގެ އަލާ ނާސިރުގެ އިތުރުން ޓީސީގައި ބޮޑަށް ފެންނަނީ ދިވެހި ކުޅުންތެރިން ކުރާ މަސައްކަތެވެ. ދެން އެ ޓީމަށް ގެނައި ލައިބީރިއާގެ ފޯވާޑް ޑިއޯ ވިލިއަމްސް އަށް އަދި އެންމެ އެކަށޭނެ ކުޅުމެއް ނުދެއްކެ އެވެ.
"ހަގީގަތުގައި ވަރަށް ބޮޑު ޗެލެންޖެއް އެއީ. ފޮރިން ޕްލޭޔަރުންނަކީ ސީޒަނަށް ޓީމުގައި ހިމަނައިގެން ނުކުތް ކުޅުންތެރިން އެކަމަކު އިންޖަރީސް އާއި ސަސްޕެންޝަނާ ހެދި ބޭނުންނުކުރެވެނީ އެންމެ ރަނގަޅަށް. ސްކޮޑުގައި ތިބި ކޮންމެ ކުޅުންތެރިއަކީ ވެސް މުހިއްމު ކުޅުންތެރިން. ހަމަގައިމުވެސް އެ ކުޅުންތެރިން (ބިދޭސީ) ލައިގެން ޓީމު އިތުރަށް ވަރުގަދަވެގެންދާނެ. ހުނަރާއި ތަޖުރިބާ ލިބި ޓީމު އިތުރަށް ފުރިހަމަވާނެ،" ނިޒާމްބެ ބުންޏެވެ.
އިއްޔެ ގްރީން ސްޓްރީޓްސް މޮޅުވުމުން ޔުނައިޓެޑް ވިކްޓަރީ ވަނީ ލީގުގެ ހަތް ވަނަ އަށް ވެއްޓިފަ އެވެ. މުހައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޒޭނާ
21 April 2018
މިމެޗުން މޮޅުވެގެން ނޫނީ ގެއަށް ނާންނާތި ނަޒީހޫ