ޕްރިންސަސް ޑަޔާނާ ބޭނުންކުރެއްވި ތާޖް ތުރުކުރައްވައިގެން ކޭޓް
11 ޑިސެމްބަރ 2016 - 06:55
އަވަހާރަވެފައިވާ ޕްރިންސަސް ޑަޔާނާ ތުރުކުރެއްވި ވަރަށް ރީތި ތާޖެއް އަޅުއްވައިގެން، ލަންޑަންގައި އޮތް ޑިޕްލޮމެޓިކް ހަފުލާއަކަށް ކޭޓް ވަޑައިގެންފި އެވެ.
އިނގިރޭސި ވިލާތުގެ ޕްރެސް އެސޯސިއޭޝަނުން އާއްމުކުރި ފޮޓޯއެއްގައި ޑަޔާނާގެ ތާޖުތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ މަގްބޫލު އެއް ތާޖް ކޭޓް ތުރުކުރެއްވުމުން ވަރަށް ގިނަ މީހުންގެ ލޮލުގައި އެކަން އަޅައިގަތެވެ.
އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްގައި މިދިޔަ ބުރާސްފަތި ދުވަހު އޮތް އެ ހަފުލާގައި ކޭޓްގެ ފިރިކަލުން އަދި ޑަޔާނާގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް އާއި އިނގިރޭސި ރާނީ ކުއީން އެލިޒަބަތު އަދި ޕްރިންސް ފިލިޕް އާއި ޕްރިންސް ޗާލްސް އަދި އޭނާގެ އަނބިކަނބަލުން ކެމީލާ ބައިވެރިވެވަޑައިގެންނެވި އެވެ.
ކޭޓް ދިރިއުޅުއްވާ ގޮތާއި އިންސާނިއްޔަތުކަމާއި އެހެން މީހުންނަށް ބަހައްޓަވާ އޯގާތެރިކަމާއި ހިތްހެޔޮކަމުން، ޕްރިންސަސް ޑަޔާނާ އާއި އެކަމަނާ އެއްގޮތް ކަމުގެ ވާހަކަ ވަރަށް ގިނަ ބަޔަކު ދައްކަ އެވެ. އެހެންކަމުން ޑަޔާނާގެ އެއްވެސް އެއްޗެއް ކޭޓް ތުރުކުރައްވައިފި ނަމަ އެންމެންގެ ސަމާލުކަން ލިބެ އެވެ.
ކޭޓު ތުރުކުރެއްވީ 1913 ގައި ކުއީން މޭރީ އަށް ޚާއްސަކޮށްގެން އުފެއްދި ތާޖެކެވެ. ފަހުން މި ތާޖު ލިބިވަޑައިގަތީ މިހާރުގެ ރާނީ އެލިޒަބަތަށެވެ. ޕްރިންސަސް ޑައާނާ އަށް އެ ތާޖު ދެއްވީ 1981 ގައި ޗާލްސް އާއި ޑަޔާނާ ކައިވެނި ބައްލަވައިގަތުމުން އެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގަ އެވެ.
ޗާލްސް އާއި ޑަޔާނާ ވަރިވެވަޑައިގަތުމުން އެ ތާޖު ވަނީ އަނބުރާ ރާނީއާ ހަވާލުކޮށްފަ އެވެ. ކޭޓް އަށް ތާޖް ލިބިވަޑައިގަތީ ޕްރިންސް ވިލިއަމްއާ ކައިވެނި ބައްލަވައިގަތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy