ސެރީބްރަލް ޕަލްސީ (ސީޕީ) ގެ ސަބަބުން ނުހިނގި ހުންނަން ޖެހުނު ހަނޫން ހޮސްޕިޓަލުގައި ފުޓްބޯޅަ ކުޅެނީ.
19 ފެބުރުއަރީ 2022 - 11:38
މިއަދަށް މި އޮތީ ރައްޓެހި، ރަހުމަތްތެރިކަމުގެ ނަމޫނާ ވާހަކައެކެވެ؛
އުމުރުން އެންމެ 14 އަހަރުގެ ހަނޫން ހާޝިމް ބޭނުންވަނީ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވާށެވެ. އެ ހުވަފެން ހަގީގަތަކަށް ހަދަން ކުރާ މަސައްކަތުގައި އޭނާ އަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ، ނާރުގެ ދާއިމީ ބައްޔެއް ކަމަށްވާ ސެރީބްރަލް ޕަލްސީ (ސީޕީ) ތަހައްމަލުކުރަން ޖެހުމެވެ. އެކަމަކު، އެއީ އުޒުރެއް ކަމަށް ހަދައި، އޭނާ ހިތްވަރު އެލުވައެއް ނުލަ އެވެ.
އެ ހިތްވަރު ހޯދުމުގައި އޭނާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ، ގާތް އެކުވެރިޔާ މުއާވިޔަތު މުހައްމަދު ދީދީގެ ފަރާތުންނެވެ.
މުއާވިޔަތަކީ ވެސް ސީޕީ ތަހައްމަލުކުރާ 26 އަހަރުގެ ޒުވާނެކެވެ. އެކަމަކު، ކުޑައިރުއްސުރެ އެ ބައްޔަށް ފަރުވާކުރަމުން އަންނާތީ، މިހާރު އޭނާ އަށް ވަރަށް ގިނަ ކަންކަން ފަސޭހަ އެވެ. ފުޓްބޯޅަ ކުޅުމަކީ އެއް އިރެއްގައި އޭނާގެ ވެސް ދެކުނު ހުވަފެނެކެވެ. އެކަމަކު ހެލިފެލިވެ އުޅެން އުނދަގޫވުމުން، މާ ކުރިން އެ ހިޔާލު ދޫކޮށްލީ އެވެ.
ސީޕީ އަކީ ނާރުތަކުގެ ބާރު ކަނޑުވާލައި، މީހާ ހިނގާބިނގާވެ އުޅުމަށް ދަތިކޮށްލާ ދާއިމީ ބައްޔެކެވެ. މި ހާލަތުގައި އަމިއްލަ އަށް ކަންކަން ކުރަން އުނދަގޫވެ، ބައެއް ފަހަރު އެހެން މީހެއްގެ އެހީއާ ނުލާއި ހަރަކާތްކޮށް ވެސް ނޫޅެވެ އެވެ. އެކަމަކު ފަރުވާކޮށްގެން މި އުނދަގޫތައް ކުޑަކުރެވެ އެވެ.
އެ އުނދަގޫތަކާ އެކު ވެސް، ކޮންމެ ދުވަހަކު މުއާވިޔަތު އަމިއްލަ އަށް ސައިކަލު ދުއްވާފައި އޭނާ ވަޒީފާ އަދާކުރާ ވެލާނާ އެއާޕޯޓަށް ދާ ދިއުމާ އަދި އާންމު މީހެއްގެ ލައިފްސްޓައިލްގައި އޭނާ އުޅޭތަން ފެނި ހަނޫނަށް އުއްމީދު އާވި އެވެ. މުއާވިޔަތުގެ ހިތްވަރުން އޭނާ އަށް ހިތްވަރު ހޯދި އެވެ.
ރަނގަޅަށް ކޮޅަށް ނުދެތުވެވި، ގޮނޑިއެއްގައި އިނުމަކީ އޮތް ހަމައެކަނި ޗޮއިސް ނޫން ކަން ޔަގީންވި އެވެ.
Meet Hanoon from Kudahuvadhoo. He is 14 & has Cerebral Palsy. He wants me to help him with his rehabilitation process. He dreams of playing football. I need 40,000MVR to buy orthotic devices for him. You can donate to the account details below or contact 9195197 to help. pic.twitter.com/bRh8gbGH7O
— Muawiyath M. Didi 🇲🇻 ♿ (@Muavviyath) September 20, 2021
"އަޅުގަނޑުމެންނަކީ ކުރިން އެއްވެސް ވަރަކަށް ދަންނަ ވެސް ބައެއް ނޫން، ދިމާ ވެސް ނުވޭ. އަޅުގަނޑު މި ބައްޔަށް ކުރިމަތިލި ގޮތް، ހަނުއްކޮ އަށް ކިޔައިދިނީ އޭނާގެ ބޭބެއެއް. އެ ބޭބެ އެ ވާހަކަތައް ކިޔައިދީމަ ހަނުއްކޮ ފޭސްބުކުން އަޅުގަނޑު ހޯދައިގެން މެސެޖެއް ކުރީ ރަނގަޅުވާނެ ގޮތްތައް އޮޅުންފިލުވަން،" އެ އެކުވެރިން ފެށުނު ގޮތް މުއާވިޔަތު ކިޔައިދިނެވެ.
ދ. ކުޑަހުވަދު އަށް އުފަން، ހަނޫން ދިރިއުޅެނީ އޭނާގެ މާމަ ކައިރީގައި ރަށުގަ އެވެ. ހަނޫނަށް ބޭނުންވާ ފަރުވާ އެންމެ ފުރިހަމަ އަށް ހޯދައިދިނުމުގެ ތަނަވަސްކަމެއް އެ އާއިލާގެ ނެތެވެ. މުއާވިޔަތު ގާތުގައި ހަނޫން އެދުނީ، އޭނާ އަށް ރަނގަޅަށް ހިނގޭނެ ގޮތް ކިޔައިދީ، ދަސްކޮށްދިނުމަށެވެ. އަދި އޭނާ ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށެވެ.
އެ ވާހަކަތައް އިވި، މުއާވިޔަތު ނިންމީ އޭނާ އެއް އިރެއްގައި ދުށް އެ ހުވަފެން ހަގީގަތަކަށް ނުހެދުނަސް، ހަނޫން ހުވަފެން ހާސިލްކުރަން ވެދެންވެން އޮތް އެހީއެއް ވާށެވެ.
ސީޕީ ހުންނަ މީހުން ފަރުވާ އަށް ބޭނުންކުރާ، ފަޔާއި އަތުގައި އަޅާނެ އޮތޮޓިކްސް ޑިވައިސްއެއް ގަތުމަށް މުއާވިޔަތު ފައިސާ އެއްކުރަން ފެށީ އޭގެ ފަހުންނެވެ. ރާއްޖެ އިން ބޭރުން އެ އެއްޗެހި ގެންނަން 40,000 އަށް ވުރެ ގިނަ ރުފިޔާ ހޭދަވާތީ، ސޯޝަލް މީޑިއާގައި އޭނާ އެދުނީ އާންމުންގެ އެހީ އަށެވެ.
ހަނޫން ހިނގަން ބޭނުންކުރާ އޮތޮޓިކްސް ޑިވައިސް އޭނާގެ ފަޔަށް ލައްވައިފައި.
ގިނަ ބައެއްގެ އެހީތެރިކަމާ އެކު، ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އެއްކޮށްގެން މިހާރު އެ އެއްޗެހި ގަނެގެން ގެނެސްފި އެވެ.
އެކަމަކު ހަނޫނަށް އަދިވެސް އޮތީ ވަރަށް ދިގު ދަތުރެކެވެ. މި އޮތޮޓިކްސް ޑިވައިސްގެ ބޭނުންކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގެ ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރުގައި ހަނޫން މިހާރު އަންނަނީ ފިޒިއޯތެރަޕީ ސެޝަންތައް ނަގަމުންނެވެ. ބަދަލުތައް ފެންނަން ފަށާނީ މި ސެޝަންތައް ކުރިއަށް ދިޔަވަރަކަށެވެ.
UPDATE: Hanoon has received his device sets & I was able to buy him 2 pairs of shoes. He is currently enrolled for physiotherapy & is very thankful of everyone who has supported him. He is trying hard to improve his mobility & he hopes that 1 day he will be able to help others. pic.twitter.com/72dy5hHesa
— Muawiyath M. Didi 🇲🇻 ♿ (@Muavviyath) February 13, 2022
"އަޅުގަނޑަށް އެނގޭ ކިހާ އުނދަގޫ ކަމެއްކަން މި ކަހަލަ ޑިވައިސަކަށް އެޖަސްޓުވުމަކީ. އެހެންވެ، އޭނާގެ ޕްރޮގްރެސް ބަލަން ވަރަށް ބޭނުންވެފައި މި ހުރީ. އެއީ މި ޑިވައިސް އަކީ އަޅުގަނޑު ކުޑައިރު ބޭނުންކުރި ހަމަ މި ކަހަލަ ޑިވައިސަކަށް ވުރެ މާ ބޮޑަށް ވެސް ކޮލިޓީ ރަނގަޅު އެއްޗެއް،" އޭނާ ބުންޏެވެ.
"މި އޮތޮޓިކްސް ހަދާފައި ވަނީ ކާރު އެއްޗެހި ހަދަން މި ބޭނުންކުރާ ކާބަން ފައިބާއިން. އެހެންވެ ހަލާކުނުވެ، ވަރަށް ގިނަ ދުވަހު ބޭނުން ކުރެވޭނެ."
ހަނޫން ހިނގަން ބޭނުންކުރާ އޮތޮޓިކްސް ޑިވައިސް އޭނާގެ ފަޔަށް ލައްވައިފައި.
މުއާވިޔަތު ބުނީ ރާއްޖޭގައި ސީޕީ ހުންނަ ކުދިންނާއި މީހުންނަށް އެންމެ އުނދަގޫވަނީ މި ކަހަލަ ޑިވައިސްތައް މިތަނުން ލިބެން ނެތުމާއި އަދި ބޭރުން ގެންނަން އަގުބޮޑުވުން ކަމަށެވެ. މިކަމަށް ފަސޭހަ ގޮތްތަކެއް ކަމާބެހޭ އިދާރާތަކުން ހޯދައިދޭން ޖެހެ އެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރުން މިހާރު މިފަދަ ކުދިންނަށް ފަރުވާ ލިބުމަކީ ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ކުޑައިރު ރާއްޖެއިން ނުލިބޭ މިއަށް މާ ބޮޑު ފަރުވާއެއް،" އޭނާ ބުންޏެވެ.
Few more videos of Hanoon playing football. pic.twitter.com/DRyYWZuMpH
— Muawiyath M. Didi 🇲🇻 ♿ (@Muavviyath) February 14, 2022
ހަނޫނަށް އެހީވި މީހުންނާއި އޭނާގެ ވާހަކަ އެނގޭ މީހުންގެ މޫނަށް ބޮޑު އުފަލެއް ގެނެސްދިނީ، ހަނޫންއާ އެކު މުއާވިޔަތު ހޮސްޕިޓަލު ތެރޭގައި ފުޓްބޯޅަ ކުޅޭތަން ފެންނަ ވީޑިއޯއެއް ޓުވީޓް ކުރުމުންނެވެ. ހަނޫން އުފާވެފައި ހުރި ވަރު، އޭނާގެ މޫނުމަތިން ފެނުނެވެ.
އެކުވެރިޔާގެ މޫނުމަތިން ފެނުނު އުފާވެރިކަމާ އެކު، މުއާވިޔަތަށް ކުރެވުނު އިހުސާސްތައް ކިޔައިދޭން އޭނާ އަށް ވެސް އުނދަގޫވި އެވެ.
"ހަނުއްކޮ ހުރީ ވަރަށް އުފާވެ، ވަރަށް ބޮޑަށް އުއްމީދު އާވެފައި ހުރީ އޭނާ އަށް ފުޓްބޯޅަ ކުޅެވޭނެ ކަމުގެ،" މުއާވިޔަތު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙިނި
20 February 2022
ޝުކުރިޔާ މުއާވިޔަތް ތީ ނަމޫނާ ދިވެހި ދަރިރެއް. ﷲ ތިބާ އައް ހެޔޮރަހުމަތް ލައްވާންދެއެވެ.
ފާނަކޮށި
20 February 2022
الحمد لله
ޖަމީލުބެ
19 February 2022
الحمد لله
ސަލާ
19 February 2022
މާޝާ ﷲ، ތިޔަ އެކުވެރިޔާގެ ދުޢާ މާﷲ އިޖާބަކުރައްވާށިއެވެ. އަހަރެމެންނަށްވެސް ތިޔަ ދިނީ ވަރަށް ބޮޑު ހިތްވަރެކެވެ. ތިބާއަށް ހެޔޮ ޖަޒާ ދެއްވާތޯ ދުއާކުރަމެވެ.
ކަކުނިބޯ
19 February 2022
جزاك اللهُ خيرً