ރަޝިއާ އިން ޔުކްރެއިނަށް ދިން ހަމަލާގައި މަރުވި ޔުކްރެއިންގެ އެކްޓަރު ޕަޝާ ލީ.
10 މާޗް 2022 - 06:56
ރަޝިއާ އިން ޔުކްރެއިނަށް ދިން ހަމަލާއެއްގައި ޔުކްރެއިންގެ މަޝްހޫރު އެކްޓަރަކު އިއްޔެ މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ އެކްޓްކުރުމުގެ އިތުރުން ޓީވީ ޝޯތައް ވެސް ޕްރެޒެންޓްކުރާ 33 އަހަރުގެ ޕަޝާ ލީ އެވެ. އޭނާ މަރުވީ ޔުކްރެއިން ވެރިރަށް ކީވް ކައިރީގައި އޮންނަ ރިޕިން ކިޔާ ސިޓީއަކަށް ރަޝިއާގެ ސިފައިން ދިން ބޮމުގެ ހަމަލާތަކުގަ އެވެ.
ޔުކްރެއިންގައި ހަނގުރާމަ ފެށުމާ އެކު، ލީ އައީ އެ ގައުމުގެ އަސްކަރިއްޔާގައި ވޮލަންޓިއާ ވެސް ކުރަމުންނެވެ.
ލީ ވަނީ ޔުކްރެއިންގެ ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އަދި ޔުކްރެއިންގެ ބަހުން އަޑުއަޅައިގެން ގެނެސްދިން ހޮލީވުޑްގެ ފިލްމުތައް ކަމަށްވާ "ދަ ލަޔަން ކިންގަން" އާއި "ދަ ހޮބިޓް" ގައި ވެސް އޭނާ މަސައްކަތް ކުރި އެވެ.
ކްރިމިއާ އަށް އުފަން، ލީ ވަނީ މަޝްހޫރު ޓެލެންޓް ޝޯތައް ކަމަށްވާ "ސްޓާ ފެކްޓަރީ" އާއި "އެކްސް ފެކްޓާ" ގައި ވެސް ބައިވެރިވެފަ އެވެ. އޭނާ އެކްޓުކުރަން ފެށީ 2006 ގައި ގެނެސްދިން ޓީން ހޮރޯ ފިލްމެއް ކަމަށްވާ "ދަ ޕިޓް" އިންނެވެ.
ހަނގުރާމަ ފަށަން ކައިރިވި އިރު ވެސް، އޭނާ އައީ ޓީވީ ޝޯއެއް ހޮސްޓުކުރަމުންނެވެ.
ޔުކްރެއިންގެ ހަނގުރާމާގައި އެ ގައުމުގެ މަޝްހޫރު އިންވެސްޓިގޭޓިވް ޖާނަލިސްޓެއް ކަމަށްވާ ވިކްޓާ ޑޫދަރް ވެސް މިދިޔަ ހަފުތާގައި ވަނީ މަރުވެފަ އެވެ.
އެ ހަނގުރާމާގައި މިހާތަނަށް އާންމުންގެ 406 މީހަކު މަރުވެފައިވާ އިރު، 801 މީހަކު ވަނީ ޒަހަމްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy