ލައިފްސްޓައިލް / މިއުޒިކް

އިންޝާގެ ހިޔާލާއި ލަވައިގެ ދުނިޔެއަށް މަރުހަބާ

އިންޝާ

ސްކައިރޮކް ބޭންޑަކީ ރާއްޖޭގެ މިއުޒިކް ސީނުން ނެގޭނެ އެންމެ ކޫލު އަދި އެންމެ ހުނަރުވެރި އެއް ލައިންއަޕްކަން ޔަގީނެވެ. އެމީހުންގެ ލީޑް ފީމޭލް ވޯކަލިސްޓެއްގެ ގޮތުގައި އިހަށް ދުވަހު ބޭންޑާ ގުޅުނު 24 އަހަރުގެ އިންޝާ އަހުމަދަކީ މިވަގުތަށް އަހަރެމެންނަށް ގެނެސްދެވޭނެ އެންމެ ފުރިހަމަ އެއް މޫނެވެ. އޭނާގެ ހުނަރާއި ކޫލުކަމާ އެކު ބޭންޑަށް އިތުރު ފުރިހަމަކަމެއް އައިސްފައިވާއިރު އިންޝާ ބުނަނީ މި ފުރުސަތާ އެކު އޭނާގެ މިއުޒިކް ކެރިއަރު ވެސް މުޅިން އާ ހަރުފަތަކަށް ޖެހިލާފައިވާ ކަމަށެވެ. އަދި އަމިއްލަ ލަވަތަކެއް ގެނެސްދޭން މަސައްކަތްކުރަމުން އަންނައިރު ބޭންޑާއެކު ވެސް ކުރިއަށް ހުރީ ހުސް ސަޅި މަސައްކަތްތަކެވެ.

އެކަމަކު އޭގެ ކުރިން އެހެން ވާހަކައެކެވެ. މި އިންޓަވިއު ހާއްސަވާ ދެ ތިން ސަބަބެއް އެބައޮތެވެ. ފުރަތަމަ ސަބަބަކީ އިންޝާގެ އަލަތު އިންޓަވިއު އަށް މި ސުވާލާއި ޖަވާބުތައް ވުމެވެ. އަނެއް ހާއްސަ ސަބަބަކީ އެންމެފަހުން އިންޝާ އާއި އޭނާގެ ހުނަރަށް ހައްގު ސްޓޭޖުން އޭނާ އަށް ފުރުސަތު ލިބުމެވެ.

ލަވަކިޔުމުގެ ދާއިރާ އަށް މަންމަ އާއި ބައްޕަގެ އަތުގައި ހިފައިގެން ވަން ނަމަވެސް ފާޑުކިޔުންތަކާ އެކު އިންޝާ ވަނީ މީގެ ކުރިން އެތައް ފަހަރަކު "ސްޓޭޖުން ވައްޓާލައިފަ" އެވެ. އޭނާ އަށް ހައްގު ސްޕޮޓްލައިޓުން ކައްސާލައިފައެވެ.

އެކަމަކު ކުރު ގޮތަކަށް ބުނަނީ ނަމަ އިންޝާ އަކީ ދިވެހި މިއުޒިކުގެ އާ ޖީލަށް ނިސްބަތްވާ އާޓިސްޓުންގެ ތެރެއިން ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ. އަދި ބަޔަކު މީހުން އޭނާއާ ޖައްސާލައިގެން ފާޑުކިޔަސް ދޫދިނުމެއް ނެތި މި ދަތުރުގައި ކުރިއަށް ދިއުމުގެ އަޒުމު ވަރަށް ވަރުގަދައެވެ.

މި ހާސަރުކުރުކޮށްލާފައި ސުވާލާއި ޖަވާބެވެ.

އިންޝާ

1- ލަވަޔާއި މިއުޒިކަށް ޝައުގު އުފެދުނު ހަނދާންތަކުން ބޮލަށް އަންނަ އެންމެ ކުރީގެ ދިމާލަކުން ހިނގާ ފަށަމާ. ލަވަޔާއި މިއުޒިކްގެ ދަތުރު ފެށުނު ގޮތަކީ ކޮބާ؟

އިންޝާ: ހަނދާނެއް ނުވޭ ސީދާ ފެށުނު ގޮތެއް އަދި އެންމެ ފުރަތަމަ ލަވަކީ ދުވަހެއް. އެކަމަކު މަންމަ އާއި ބައްޕަ އަބަދުވެސް ވަރަށް ހިތްވަރުދީ ތަރުހީބުދިން ކަމެއް ލަވަކިޔުމަކީ. ހަނދާންވާގޮތުން ނަމަ މަންމަ އާއި ބައްޕަ އަޅުގަނޑު ލައްވައި ލަވަކިޔުއްވަން، ދަސްކޮށްދޭންވެގެން އަޅުގަނޑު ފޮނުވީ ޝަފީގުސާ ކައިރިއަށް. ލަވަކިޔުމުގެ ފުރަތަމަ ރަސްމީ ތަމްރީނެއް ލިބުނު ގޮތަކީ އެއީ. އޭގެ އިތުރުން ސްކޫލްގައި އުޅުނުއިރު ވެސް ލަވަކިޔަން. ވެދާނެ އަހަރެން ސްޓޭޖުގައި ލަވަކީ ފުރަތަމަ ތަޖުރިބާއަކަށް ވާނީ އެލްކޭޖީގައި ކަމަށް. ކުރުކޮށް ބުނަނީ ނަމަ ހަނދާން ހުންނަން ފެށީއްސުރެން އަޅުގަނޑު އަބަދުވެސް ލަވަކިޔަމޭ ބުނެވިދާނެ. ލަވަނުކިޔާ ހަނދާނެއް ނެތް.

2- ބުނެވިދާނެތަ އެންމެ ބޮޑު ޕެޝަންއަކީ މިއުޒިކް އޭ ނުވަތަ ލަވަކިޔުމަށްވުރެ އިތުރު އެހެން ދެ ތިން ކަމެއް ވެސް ވަރަށް ހާއްސައޭ؟

އިންޝާ: މިއުޒިކާއި ލަވަކިޔުމަކީ އަޅުގަނޑު އެންމެ ކުރާހިތްވާ އަޅުގަނޑުގެ އެންމެ ބޮޑު އެންމެ ފުރަތަމަ ޝައުގުވެރިކަމޭ ބުނެވިދާނެ. ވަކިން ހާއްސަކޮށް މިއުޒިކާއި ލަވައިގެ ތެރެއިން ކުރިއަށް ދާން ހިތްވަރު ދިން ޕޭރެންޓުން އަޅުގަނޑުގެ ތިބުމަކީ މިގޮތަށް ހިތްޖެހުނު މުހިންމު ސަބަބަކަށް ވެސް ވާނެ. ބޮޑުވަމުން އައިއިރު މިއުޒިކް ނޫން އެހެން ދާއިރާއަކުން ކުރިއަށް ދިއުމުގެ ވިސްނުމެއް ހުރި ހަނދާނެއް ނެތް. އެކަމަކު އޭރު ހިތަށް އަރާ މިއުޒިޝަނަކަށް ވެގެން ރަނގަޅު ފިއުޗާއެއް ނުވަތަ ކެރިއާއެއް ވެސް ނުލިބިދާނެއޭ. ރާއްޖޭގައި މިއުޒިޝަނަކަށް މުސްތަގުބަލެއް ނެތް ކަމަށް އޭރު ގަބޫލުކުރެވުނު ސްޓޭޖެއް ވެސް ދިޔަ. އެހިސާބުން ފެށިގެން ކޮންމެވެސް ވަރަކަށް އިވެންޓް މެނޭޖިންގެ ތެރޭގައި އުޅުނިން. ސަބަބަކީ އޮފީހަކަށް ގޮސް، ޑެސްކް ޖޮބެއް އަދާކުރުމަށް ވުރެ ބޮޑަށް އަޅުގަނޑަކީ އަބަދުވެސް (މިގޮތަށް ހެލިފެލިވެ) އުޅޭހިތްވާ މީހެއް. ޑެސްކްޖޮބެއްގައި ޖެހިއްޖެ ނަމަ އައި ވިލް ގެޓް ސިކް. ފިޒިކަލީ މީހާ ބަލިވާ ކަމެއް އެއީ.

އަޅުގަނޑު ޑިގްރީ ހެދީ އިވެންޓް މެނޭޖުމަންޓުން. މި ބުނާހެން މިއުޒިކް ނުވަތަ ޕާފޯމިން އާޓްސް އޭރު ނުކިޔެވީ މިއުޒިކް ކުޅެގެން ރާއްޖޭގައި ކަމެއް ނުވެދާނެ ކަމަށް ހީކުރެވިފައި އޮތީމަ. ނަމަވެސް ކިޔަވަން އުޅުނުއިރު އެހިޔާލު އެއްކޮށް ބަދަލުވީ. އަދި ޕާފޯމިން އާޓްސްގެ ދާއިރާއިން ވެސް ފަހުން ކިޔެވިން. އެހެންވީމަ ބުނެވޭނީ ހަމަ މިއުޒިކޭ އެންމެ ބޮޑު ޕޭޝަންއަކީ. އެކަމަކު މިއުޒިކް ނުކުޅުނު ނަމަ ހީވަނީ އަޅުގަނޑު ވާނީ ގްރެފިކް ޑިޒައިނަރަކަށްހެން.

ސްކައިރޮކް ބޭންޑްގެ އެހެން މެމްބަރުންނާ އެކު އިންޝާ.

3- ކޮންއިރަކުތަ އިހުސާސްވީ ނުވަތަ އަމިއްލަ އަށް ނިންމުނީ ލަވަކިޔުމާއިގެންނޭ ކުރިއަށް ދާނީ އަދި ލަވަކިޔުމުގެ ޓެލެންޓްގައި ހާއްސަކަމެއް ހުރިކަން؟

އިންޝާ: ދުވަހަކުވެސް ހިތަކަށް ނާރާ އަޅުގަނޑު ސްޕެޝަލްއެކޭ. އަބަދުވެސް އަޅުގަނޑު ހީކުރީ އަޅުގަނޑަކީ ހަމަ އާދައިގެ ޕްރިޓީ އޯޑިނަރީ (ވޮއިސްއެއް، ޓެލެންޓެއް) ކަމަށް. އެކަމަކު މިދިޔަ ބޮޑު ލޮކްޑައުންގައި އެކަނި ގޭގައި އުޅުނު ދުވަސްކޮޅު ވަރަށް ގިނަ ވަގުތު ލަވަކިޔުމުގައި، (އެކްސްޕެރިމަންޓް ކުރުމުގައި) ހޭދަކުރެވި ތަޖުރިބާކުރެވުނު ހިސާބުން ފަހުން ހިތަށް އެރީ އަހަރެންނަށް ވެސް ހަމަ ރަނގަޅު ލަވަކިޔުންތެރިޔަކަށް ވެވިދާނެއޭ އުޅެފިއްޔާމު. ވޯކަލް އެބިލިޓީގައި ވަކި ހާއްސަ ކަމެއް އިހުސާސެއް ނުވޭ އެއްވެސް އިރަކު.

4- އެއީ ކީއްވެ؟

އިންޝާ: ސަބަބަކީ ކުރިއަކުން އަސްލު އަޅުގަނޑަކަށް މިގޮތަކަށް ފުރުސަތުތަކެއް ނުލިބޭ. އޭރު އަޅުގަނޑު ލަވަކީމަ ވަރަށް ގިނަ ފާޑުކިޔުން އަމާޒުވި. އެންމެ ފުރަތަމަ ކުޅުނީ ކެފޭތަކާއި ކުދިކުދި އިވެންޓްތަކުގައި ރައްޓެހިންނާއެކު. އޭރު އެގޮތަށް ކުޅުނުއިރު ވެސް ވަރަށް އަޑުއިވޭ މީހުން ބުނާއަޑު، "އޯހހ ޝީ އިޒް ނޮޓް ދެޓް ގުޑް" އޭ. ދެން އޭރު ހިތަށް އަރަނީ އަހަރެންނަކަށް ލަވައެއް ނުކިޔޭނެއޭ. އެކަމަކު އެއީ އޭރު. ހަމަ އަސްލުވެސް އަޅުގަނޑުގެ ކޮންފިޑެންސަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރި އެ ފާޑުކިޔުންތަކާ ގުޅިގެން. ހިތަށް އެރި ލަވައެއް ނުކިޔޭނެއޭ. ލަވަކިޔުން ހުއްޓާލާފައި އަހަރެން ދާންވީއޭ އެހެން ދާއިރާއަކަށް. އިވެންޓް މެނޭޖިންގެ ތެރެއަށް ފަހުން ވަދެވުނު ސަބަބަކީ ވެސް ފާޑުކިޔުންތައް ކަމަށް ވެދާނެ.

5- ފާޑުކިޔުން އަމާޒުވިއިރު އެ ހުރިހާ ކަމަކާ ކުރިމަތިލި ގޮތާއި އޭގެ އަސަރު ކުރި ގޮތް ކިޔައިދީބަލަ؟

އިންޝާ: އޭރު މީހުން ފާޑުކީއިރު ވަރަށް ފަސޭހައިން ޑީމޯޓިވޭޓްކޮށްލާ. އެކަމަކު އަޅުގަނޑަށް ހީވަނީ އޭރާ އަޅާބަލާއިރު އަޅުގަނޑުގެ ކޮންފިޑެންސް ލެވެލް ހުރިހާ ގޮތަކުން ވެސް ރަނގަޅުހެން ކޮންމެ ކަމެއް ކުރިޔަސް. އެހެންވީމަ މިހާރު މީހަކު އަދި ކޮންމެ އެއްޗެއް ކިޔަސް އެ ފާޑުކިޔުމެއް ބޮލަށް ލައިގެން އަބަދު ވިސްނާކަށް ނުހުންނަން. މިސާލަކަށް މިދޭތެރެއިން އަޅުގަނޑު ޓިކްޓޮކްގައި ކަވާތައް ޕޯސްޓްކުރަން ފެށީމަ ވެސް އުޅުނު ފާޑުކީ ބަޔަކު. އެކަމަކު އަޅުގަނޑު އެކަހަލަ ނެގެޓިވް ކޮމެންޓްތަކަކަށް މިހާރު ނުވިސްނަން. އެކަމަކު ޕްރޮފެޝަނަލް އާޓިސްޓުންގެ ފަރާތުން ލިބޭ އެޑްވައިޒް ބަލައިގަނެ އަބަދުވެސް އިތުރަށް ރަނގަޅުކުރަން މަސައްކަތްކުރަން. ހޭޓް އަދި ނެގެޓިވް ހިޔާލުތަކަކަށް ސަމާލުކަމެއް ނުދެން. އެކަމަކު ކުރިއެރުން ލިބޭ ފަދަ ފީޑްބެކަށް ސަމާލުކަން ދެނީ. އަޅުގަނޑަކަށް ހީއެއް ނުވޭ ނެގެޓިވް ފީޑްބެކަކީ އެއްވެސް މީހަކު ސަމާލުކަން ދޭން ޖެހޭ އެއްޗެއްހެން ވެސް.

6- ސްކައި ރޮކް ބޭންޑްގެ ލީޑް ވޯކަލިސްޓެއްގެ ގޮތުގައި ލަވަކިޔުންތެރިޔާ މީރާ ރިޕްލޭސްކުރުމުން ކޮން ކަހަލަ ރިއެކްޝަނެއްތޯ ލިބުނީ؟

އިންޝާ: މިހާތަނަށް ލިބުނު ރިއެކްޝަން ވަރަށް ޕޮޒިޓިވް. މީރާ ރިޕްލޭސްކުރަން ޖެހުނު ސަބަބެއް އަޅުގަނޑަކަށް ނޭނގޭ. މިހާތަނަށް ލިބުނު ރިއެކްޝަން ވަރަށް ރަނގަޅޭ ބުނެވޭނީ. އެހެންވީމަ ދެޓްސްއަ ގުޑް ސައިން.

7- ޝޯއެއްގެ ކުރިން ނުވަތަ ޕާފޯމްކުރުމުގެ ކުރިން އާންމުކޮށް ނޯމަލްކަމެއްގެ ގޮތުގައި ކުރާ ދެ ތިން ކަމެއް ކިޔާލަދީބަލަ؟

އިންޝާ: ފޯ މީ އަ ވެރީ ނޯމަލް ތިންގް ވުޑް ބީ، ޑްރިންކިން ޕެޕާ މިންޓް ޓީ. އެންޑް ޔޭސް، އިޓް ޑަޒް ހެލްޕް. ޕެޕާ މިންޓް ނޫނަސް ކޮންމެވެސް ކަހަލަ މިންޓް (ޑްރިންކެއް) ބޯލުމަކީ ޕާފޯމްކުރަން ވަރަށް ފަސޭހަކޮށްލަދޭ ކަމެއް. އަރިދަފުސްވީމަ އާވި އަރުވައެއްނުން. އެގޮތަށް އާވި އެރުވީމަ ވޯކަލް ކޯޑްތައް ފަސޭހައިން ހުޅުވިގެންދާނެ. ދެން އެގޮތަށް އާންމުކޮށް ކުރާ އަނެއް ކަމަކީ ޔޯންކުރުން. ކޮންމެ ޕާފޯމަންސަކަށް ތައްޔާރުވާއިރު ވެސް ޔޯންކުރަން. އެކަމަކު ވަކި ގޮތަކަށް ޔޯންކުރީމަ، ވަކި ޓެކްނިކަކަށް އެކަން ކުރީމަ. މިހާރު އެކަމަކު ގަވާއިދުން ވަރަށް އާންމުކޮށް އަބަދުވެސް ޕާފޯމްކުރާތީ ކޮންމެހެން މިހުރިހާ ވޯކަލް އެކްސަސައިޒެއް ކޮންމެހެން މުހިންމެއް ނޫން.

8- އިންޝާ ކާމިޔާބީ ސިފަކުރާ ގޮތަކީ ކޮބާ؟

އިންޝާ: ވެން އިޓް ކަމްސް ޓު ސަކްސެސް އަ ލޮޓް އޮފް އިޓް އިޒް ރިލޭޓެޑް ޓު، އައި ތިންކް އެމީހަކު އެކުރާ ކަމަކަށް ހެން. އެމީހެއްގެ ޕްރޮފެޝަންއަކަށްހެން ބަރޯސާވާނީ. މިސާލަކަށް އަޅުގަނޑަކީ ކުރަހާ މީހެއް ނަމަ އަޅުގަނޑުގެ ކާމިޔާބީ ބިނާވާނީ އަޅުގަނޑުގެ ކުރެހުންތައް ވިކޭ މިންވަރަކަށްހެން އަޅުގަނޑަށް ހީވަނީ. ލަވަކިޔުންތެރިއެއް ނަމަ ލަވަތައް ކާމިޔާބުވާ މިންވަރަކަށް. އެކަމަކު ކުރިން އުޅުނު ހިސާބުން އަރައިގެން އައިސް މިއަދު އެހެން ހިސާބެއްގައި ހުރެ ފަސްއެނބުރި ބަލައިލީމަ ފެންނަން އޮންނަ އެ ތަރައްގީ އަކީ ވެސް އަޅުގަނޑަށް ހީވަނީ ކާމިޔާބީ ސިފަކުރެވިދާނެ ގޮތެއް ހެން.

9- ދިވެހި ލަވައެއްގެ އާ ރެންޑިޝަންއެއް ނުވަތަ ކަވާއެއް ރިކޯޑްކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އިންޝާގެ ހޮވުމަކަށްވާނީ ކޮން ލަވައެއް؟

އިންޝާ: ބޮޑުވަމުން އައިއިރު ކިޑީދައްތަ (މަރިޔަމް އުނޫޝާ) އަކީ ވަރަށް އިންސްޕަޔަރިން ލަވަކިޔުންތެރިއެއް. ވަރަށް ގިނައިން ކިޑީދައްތަގެ ލަވަތައް ހުންނާނެ އަޑުއެހިފަ އެގޮތުން. ވަކިން ހާއްސަކޮށް ބީހިލާ ލަވަ އަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ރީތި ވޯކަލް އެރޭންޖުމަންޓެއް މުޅި ލަވައަށް ބެއްޔަސް. ވަރަށް ލޯކޮށް އަދި ވަރަށް ހައިކޮށް ވެސް ގެންދާ ލަވައެއް އެއީ. ކަވާއެއް ރިކޯޑްކުރަން ލިބިއްޖެ ނަމަ އަޅުގަނޑަށް ހީވަނީ ދިވެހި ލަވައަކަށް އަޅުގަނޑު ހޮވާނީ އެ ލަވަހެން.

10- އިންޝާ މިހާރު ވެސް ރޮއްވާލާ އަދި ހެއްވާލާ ލަވައެއް؟

އިންޝާ: އަ ސޯންގް ދެޓް ކޭން މޭކް މީ ކްރައި އިޒް، ނީޑީ ކިޔާ ލަވައެއް، އަރިއާނާ ގްރާންޑޭގެ. އެއީ ވަރަށް ސޭޑް ލަވައެއް. ވަރަށް ސޭޑް ކީސްތަކެއް އިންނަ ތަންކޮޅެއް ވެސް އެ ލަވައިގައި އަންނާނެ. އަދި އޭގެ މުޅި މިއުޒިކަލް އެރޭންޖުމަންޓް ވެސް. އެ ލަވައަކީ އަޅުގަނޑު ވަރަށް ޑިޕްރެސްގެވެގެން އުޅުނު ދުވަސްކޮޅެއްގައި ވަރަށް ގިނައިން ޖެހި ލަވައެއް. މިހާރު ވެސް އެ ލަވަ އަޑުއިވިއްޖެ ނަމަ ހީވަނީ އެހިސާބަށް އަލުން ގެންދާހެން.

11- އެހެންވީމަ ތިއީ ވަރަށް ގޯސްލަވައެއްތާ؟

އިންޝާ: (ހީގެންފައި) ނޯ، އިޓްސް އަ ރިއަލީ ގުޑް ސޯންގް. ހިތާމަވެރި މާޒީ އަށް އަނބުރާ ގެންދިޔަޔަސް އެ ލަވަ އަކީ އަދިވެސް ވަރަށް ރީތި ލަވައެއް. ދެން އެންމެ އުފާވެރި ލަވައަކަށް ވާނީ ސަން ރައިޒް ބައި ނޯރާ ޖޯންސް. އިޓް ރިމައިންޑް މީ އޮފް މައި ވެޑިން. އެހެންވީމަ ވަރަށް ސްޕެޝަލް ލަވައެއް އެއީ.

12- ޑުއެޓް ރިކޯޑިންއަކަށް ޗޫޒްކުރަން ބޭނުންވާ ލޯކަލް ޓެލެންޓެއް؟

އިންޝާ: ވަރަށް އާ އަދި އެހާމެ ޓެލެންޓެޑް ލަވަކިޔުންތެރިން މި ދުވަސްކޮޅު ފެނޭ. މިސާލަކަށް ޖޫނީ. އަޅުގަނޑަށް ހީވަނީ ޖޫނީ އަކީ ވަރަށް ޓެލެންޓެޑް ސިންގާއެއްހެން. އޭގެ އިތުރުން ޒާޔާއެއް ވެސް މިހާރު އުޅޭނެ ވަރަށް ޓެލެންޓެޑް ލަވަކިޔުންތެރިއެއް އަނެއްކާވެސް. އެހެންވީމަ ޑުއެޓެއް ރިކޯޑްކުރަން ބޭނުން ނަމަ އަޅުގަނޑު ވަރަށް ބޭނުން އޭގެ ކޮންމެވެސް އެކަކާ އެކު ރިކޯޑްކުރަން. ޑުއެޓެއް ރިކޯޑްކުރާ ނަމަ ފީމޭލް އާޓިސްޓަކާ އެކު ވަރަށް ބޭނުންވޭ ލަވައެއް ރިކޯޑްކޮށްލަން. ކަވާއެއްވިޔަސް އޮރިޖިނަލްއަކަށް ވިޔަސް.

13- ލަވައެއްގައި މަސައްކަތްކުރާއިރު ކޮން ކަހަލަ ސްޓޭޓެއްގައި ހުރުންތަ އެންމެ މުހިންމުވަނީ. ހިތާމަވެރި ނުވަތަ އުފާވެރި ސްޓޭޓެއްގައި ހުރުމުން ލިބޭ ވަކި މޮޅެއް އޭގައި އޮންނަ ކަމަށް ގަބޫލުކުރަންތަ؟

އިންޝާ: އަޅުގަނޑަށް ހީވަނީ ދެއާ އިޒް ސަމްތިން ޕޮއެޓިކް ހެން އެބައުޓް ބީން ސޭޑް. އެހެންވީމަ ސޭޑްކޮށް ހުންނައިރުގަ އަންނާނެ މޯ މެޓީރިއަލްސް ހެޕީކޮށް ހުންނައިރަށްވުރެން. ހިތާމަވެރި ދުވަސްތަކެއްގައި އުޅޭއިރު އެ އަންނަ ހިޔާލުތަކަކީ ފަހުން މިހާރު އުފާވެރިކޮށް އުޅުނަސް ބޭނުންހިފޭ ކަހަލަ (އައިޑިއާސްތައް).

14- ލައިފުން މިހާރު އެންމެ މިސްވާ އެއްޗަކީ ކޮބައިތަ؟

އިންޝާ: 17 މިސްވާ އެއްޗަކީ އަޅުގަނޑަށް ހީވަނީ މިހާރު އަޅުގަނޑުގެ އަމިއްލަ ލަވައެއްހެން. އަޅުގަނޑުގެ އޮރިޖިނަލް ލަވައެއް ނެރުމަކީ ކެރިއާ ގޯލްތަކުގެ ތެރެއިން އެއް ގޯލް. އެކަމަކު މިވަގުތަށް އަޅުގަނޑު މިހިރީ ވަރަށް ރަނގަޅު ހިސާބެއްގައި. ވަރަށް ރަނގަޅު ބޭންޑަކާއެކު ވަރަށް ރަނގަޅު އަދި ރިއަލީ ރިއަލީ ޓެލެންޓެޑް ލައިންއަޕަކާއެކު. އެހެންވީމަ ހީވަނީ އަޅުގަނޑުގެ އަމިއްލަ ލަވައެއް ވެސް ވަރަށް އަވަހަށް އަޑުއިވިގެންދާނެހެން. މިއުޒިކްގެ އިތުރުން އިވެންޓް މެނޭޖިން އަމިއްލަ ފާމެއް ހިންގުމަކީ ވެސް އަޅުގަނޑުގެ ހުވަފެނެއް.

15- މަންމަ އާއި ބައްޕަގެ ފަރާތުން ދަސްވި އެންމެ މުހިންމު ފިލާވަޅަކީ ކޮބައިތަ؟

އިންޝާ: ގްރޭޑް ވަންގައި އަޅުގަނޑު ހަނދާންވަނީ އެއީ، އަޅުގަނޑު ބައިވެރިވީ މަދަހަ މުބާރާތެއްގައި. ދެން މުބާރާތުގައި ޕާފޯމްކޮށްފައި އަޅުގަނޑު ދިޔައީ ގެއަށް. އޭގެ ފަހަކުން މުބާރާތުގެ ވަނަ ދިންއިރަކުއެއް ނުދަން އަޅުގަނޑެއް ވެސް އަދި މަންމަ އާއި ބައްޕައެއް ވެސް. ދެން އިނާމުދިންއިރު އަޅުގަނޑަށް ލިބުނީ މުބާރާތުގެ ވަނަ. ދެން ހިތަށް އެރި ދެވުނު ނަމައޭ. އެކަމަކު ފަހުން ހިތަށް އެރީ އަދި ދަސްވި އެއްޗަކީ އެވޯޑެއް ނޫންކަން އެންމެ މުހިންމީ. އެންމެ މުހިންމީ އެންމެން އެކުގައި ގޮސް ޕާފޯމްކޮށް ހެދި އުފާވެރި ވަގުތުކޮޅުކަން. ކޮންމެހެން ވަނަ ހޯދުން ނުވަތަ ބަޔަކާ ވާދަކުރުން މުހިންމެއް ނޫނޭ. އެއީ އަޅުގަނޑުގެ ޕޭރެންޓުން އަބަދުވެސް ދަސްކޮށްދިން އެއްޗަކީ. ކޮންމެ ކަމެއް ކުރިޔަސް ގަޔާވެގެން އެކަމެއްކޮށްލާށޭ. އެކަމުގައިވީ އުފަލަކަށްޓަކައޭ އެކަމެއް އެ ކުރަނީ. ކުރުން ލިބޭ އުފަލާއި ހިތްހަމަޖެހުމަށޭ. ހޭވް ފަން އޭ. އޭރުން ނިމުނީއޭ. ވިން ވީއޭ.

1 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 5%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުހާނާ

02 April 2022

ރޯދަމަހާ ދިމާކޮށް ލަވައިގެ ދުނިޔެއަށް މަރުހަބާ ކިޔުމަކީ ވަރަށްބޮޑު ސަވާބު ލިބޭނެކަމެއްދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454