ކާއްޓޭގެ ވީޑިއޯގެ ސްކްރީންޝޮޓެއް --
13 ޖުލައި 2022 - 06:14
"ކުރިން ބުނި އެތި ކެންސަލް،"
މި ދުވަސްކޮޅު ސޯޝަލްމީޑިއާގައި އެންމެންހެން ލިޔަނީ މިހެންނެވެ. ކޮންމެ ކަމަކާ ގުޅުވާފައި ވެސް ބުނަނީ "ކެންސަލް" ކަމަށެވެ. މި ވަނީ ކީއްކަން ނޭނގިގެން އުޅޭ މީހުން ވެސް އެހާ ގިނަ އެވެ.
ކާން ދޭނަމޭ ބުނެވިފައި އޮތިއްޔާ ކެންސަލް، މީހަކަށް ލަނޑެއް ދެވިފައި އޮތިއްޔާ ކެންސަލް، އިންނަން އެއްބަސް ވެވިފައި އޮތިއްޔާ ކެންސަލް ފަދަ އެތައް ބައިވަރު ކަމެއް "ކެންސަލް" އެވެ.
މިއީ ރާއްޖޭގެ ކޮމީޑިއަން ނާޒިރު ޝިހާމް (ކާއްޓޭ) މިދިޔަ މަހު އަޕްލޯޑް ކުރި ވީޑިއޯއެއްގައި ކިޔާ އެއްޗެކެވެ. އއ. މަތިވެރީގައި ހަދާފައިވާ އެ ވީޑިއޯ މިހާރު ވަނީ ވަރަށް ބޮޑަށް ސޯޝަލް މީޑީއާގައި ވައިރަލްވެފަ އެވެ.
"މަތީނޫ. މިނިސްޓްރީން އެބަ އެދޭ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރުމުގެ ގޮތުން މި ރަށުގެ ކުދިބޮޑު އެންމެން އަތާއަތުގުޅާލައި މިއަދުގެ ހަތަރެއް ޖަހާއިރަށް ބަނދަރު މައްޗަށް ނުކުތުމަށް،" ވީޑިއޯ ފެށޭ ތަނުން ކާއްޓޭ (މަތީނު) ގާތުގައި ރަށު އޮފީސް ކައިރީ ހުރެ މީހަކު ބުނާތަން ފެނެ އެވެ.
އެ ހިސާބުން ކަރުގައި ސްޕީކަރެއް އަޅުވައިގެން ކާއްޓޭ ނުކުންނަނީ އެ ވާހަކަ ރައްޔިތުންނަށް އަންގާށެވެ.
"އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީން ބާއްވާ އަތާ އަތް ގުޅާލުމުގެ އިވެންޓަށް ހަތަރެއް ޖަހާއިރަށް ބަނދަރު ސަރަހައްދުގައި އޮންނާނެ. ހުރިހާ ބޭފުޅުން ވެސް އައުމަށް ދަންނަވަން،" މުޅި ރަށުގައި އަޑުހަރުކޮށް އެހެން ގޮވަމުން ކާއްޓޭ ހިނގަ އެވެ.
އެކަމަކު މުޅި ރަށުގައި އެހެން ގޮވުމަށް ފަހު އެނބުރި ރަށު އޮފީހަށް ދިއުމުން ކާއްޓޭއަށް އަނެއްކާ ޖެހުނީ އެހެން މަސައްކަތެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިނިސްޓްރީގެ މީހުންނަށް ނާދެވޭތީ، އިވެންޓު ކެންސަލްވީ އެވެ.
"އެހެންވީމަ ކުރިން ގޮވި އެތި މިހާރު ކެންސަލް ކަމަށް ގޮވާލަދޭންވީ،" ރަށު އޮފީހުން ކާއްޓޭއަށް އެންގީ މިހެންނެވެ.
އަނެއްކާ ވެސް ކާއްޓޭ ސްޕީކަރު ކަރުގައި އަޅުވައިގެން ނުކުމެ އެވެ. އަދި ރަށުގައި ހަރު އަޑުން އެ އިވެންޓު ކެންސަލްވީ ވާހަކަ ގޮވަން ފަށަ އެވެ.
"އާދެ ވަރަށް ބޮޑަށް އަނެއްކާ ވެސް ދަންނަވާލަން. ކުރިން ބުނި އެތި ކެންސަލް. ކުރިން ބުނި އެތި ކެންސަލް،" ކާއްޓޭ ގޮވަ އެވެ.
ވައިރަލްވެފައިވާ ކާއްޓޭގެ ވީޑިއޯ.
އެކަމަކު ކެންސަލްވީ ކޯއްޗެއް ކަމެއް ކާއްޓޭ ނުބުނެ އެވެ. ވީޑިއޯ ނިމެނީ ހަރު އުމުރުގެ ފިރިހެނަކު ރުޅި އައިސްފައި ހުރެ، ކެންސަލްވީ ކޯއްޗެއްތޯ އަހާ ހިސާބުންނެވެ. ކުރިން ބުނީ ކޯއްޗެއްތޯ އޭނާ އަހަ އެވެ.
"ކޯއްޗެއް ކެންސަލްވީ؟ ކޯއްޗެއް ކުރިން ބުނީ؟" އޭނާ އަހަ އެވެ.
ކާއްޓޭގެ މި ވީޑިއޯ ބޮޑަށް ވައިގައި ހިފީ އީދަށް ރަށަށް ދާން ރޭވި ބައެއް މީހުންނަށް ދަތުރު ކެންސަލް ކޮށްލަން ޖެހުމުންނެވެ. އަދި އީދުގެ ބައެއް ހަރަކާތްތައް މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކުރަން ޖެހުމުން ވެސް މިހެން ގިނަ ބަޔަކު ކި އެވެ. އެ ނޫނަސް، ހުރިހާ ކަމަކާ ގުޅުވައި ވެސް މުޅި ސޯޝަލް މީޑިއާގައި މީހުން މިދިޔަ ދެތިން ދުވަހެއްގައި ކީ މިހެންނެވެ.
ކާއްޓޭގެ ވީޑިއޯތަކަކީ މަގުބޫލު ވީޑީއޯ ތަކެކެވެ. އޭނާގެ މި ވީޑީއޯ ބެލި މީހުންގެ އަދަދު އުޅެނީ ލައްކައިން މަތީގަ އެވެ. އަދި ގިނަ ބަޔަކު ވަނީ މި ވީޑީއޯއަށް ކޮމެންޓުކޮށް ޝެއާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ ސޯލިހް
15 July 2022
އަހަރެން ކުރިން ބުނި އެތި ކެންސަލް.
އާލިމް 1
14 July 2022
ކުރިން ލިޔުނު ޚަބަރު ކެންސަލް
އައިދާ
14 July 2022
އަދިވެސް ވީއެއް ނުވީއެއް ނޭންގުނު އެހެންވީމާއި ވަރަށް ފެންވަރުދަށް ލިއުމެއް! ކެންސަލް ކެންސަލް
ކަމާލު
14 July 2022
ތިދެން ކޮމެޑީދޯ
ޔާގޫތު
13 July 2022
ބުނަން އުޅުނު އެތި ކެންސަލް
ހެހެހެހެެެެެ
13 July 2022
ކޮންވާހަކައެއްކަން ނުބުނެވި އުޅެނިކޮށް ކެންސަލްވީ
ތުނިޔަ
13 July 2022
މަ މިތާ ލިޔަން އުޅުނު އެތިވެސް ކެންސަލް.
އާރުޓީ
13 July 2022
އަމިއްލައަށް މަޖާވާ ބައިގަނޑުދޯ!
އާރުޓީ ކޮމެންޓް
13 July 2022
އާރުޓީ ގެ ކަޑަ ކޮމެންޓް ކެންސަލް
ވަރިހަމައެއްނު
14 July 2022
ވަރިހަމައެއްނު. ބައިވެރި ވެއްޖައީމެއްނު
ކެޔޮޅުު
13 July 2022
1.3 މިކިޔަން ހަރަދު ކޮއްފަ ހަވަރު ތިނަދޫގައި ބާއްވަން އުޅުނު އީދު ކުޅިވަރުތަށް ކެންސަލް. އެކަމަކު 1.3 މިލިޔަން ކެންސަލެއްނުވޭ ކެންސަލްވީ އީދު ކުޅީވަރު 1.3 މިލިޔަނަށް ވީނުވީގޮތެއް ނޭގުނު
ފަލީހު
13 July 2022
ކުރިން ބުނީ އީދުކުޅިވަރު ވާޙަކަ، އެ ކެންސަލް
ކާއްޓޭ ވަލް ނާއްޓޭ
13 July 2022
ދެން މީ ކޯއްޗެއް؟ "ދެން މީ ކޯއްޗެއް؟" ─ މިއާބެހޭގޮތުންވެސް އެއްޗެއް ލިޔެލަބަލަ.
ކާއްޓޭ
13 July 2022
މި ކޮމެންޓުވެސް ކެންސަލް
ކުރު އާނޯޑު
13 July 2022
ތިއަކީ ކަމެއް ހަޖަމު ނުވީމަ ބައެއް މީހުން ބުނެއުޅޭ ބަހެއް!