ހޮލީވުޑްގެ އެކްޓަރު ބްރޫސް ވިލިސް
18 ފެބުރުއަރީ 2023 - 06:27
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރޫސް ވިލިސްގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް އޭނާގެ އާއިލާއިން އިއްޔެ ބުނެފި އެވެ.
ވާހަކަ ދައްކަން އުނދަގޫވާ ފަދަ ސިކުނޑީގެ ބައްޔަކާ ގުޅިގެން ބްރޫސް ވަނީ އެކްޓުކުރުމުން މިދިޔަ އަހަރު ހުއްޓާލައިފަ އެވެ.
ބްރޫސްގެ މިހާރުގެ އަންހެނުން އެމާ ހެމިންގް-ވިލިސް އަދި ކުރީގެ އަންހެނުން ޑެމި މޫރް ސޯޝަލް މީޑިއާގައި އިއްޔެ ޝެއާކުރި ޕޯސްޓެއްގައި ބުނީ، ބްރޫސްގެ ހާލަތު އިތުރަށް ގޯސްވެ، މިހާރު ވަނީ "ފްރޮންޓޯޓެމްޕޮރަލް ޑިމެންޝިއާ (އެފްޓީޑީ)" ކިޔާ ބައްޔަކަށް ޑައިގްނޯޒްކޮށްފައި ކަމަށެވެ.
އެފްޓީޑީ އަކީ ބަލީގެ ކުރީކޮޅު، ވާހަކަ ދެއްކުމުގެ އުނދަގޫތައް ދިމާވެ، ފަހުން އިތުރަށް ގޯސްވާ ބައްޔެކެވެ. އެއީ އަދި މިހާތަނަކަށް އެއްވެސް ފަރުވާއެއް ނެތް ބައްޔެކެވެ.
ޑެމީ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ ބައްޔަކީ ފަރުވާއެއް ނެތް ބައްޔެއް ނަމަވެސް، ކުރިމަގުގައި އެފްޓީޑީއަށް ސަމާލުކަން ދީގެން، ރަނގަޅު ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"ބްރޫސް އަކީ އަބަދުވެސް އެހެން މީހުންނަށް އެހީތެރިވާން އަޑުއުފުލާ، ކަންކަމަށް ހޭލުންތެރިކަން އިތުރުކޮށްދޭން މަސައްކަތްކުރާ މީހެއް. މިއަދު އޭނާއަށް ވާ ނަމަ، މިފަދަ ބަލިތަކުގެ އަސަރުކޮށްފައިވާ ގިނަ އާއިލާތަކަށް އެހީތެރިވާން މަސައްކަތް ކޮށްދޭނެ،" ޑެމީ އަދި ބްރޫސްގެ އާއިލާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ބްރޫސް ވިލިސް އެންމެ ބޮޑު މަގްބޫލުކަމެއް ހޯދާފައި ވަނީ އޭނާގެ "ޑައި ހާޑް" ފްރަންޗައިސްގެ ފިލްމުތަކުންނެވެ. އޭގެ އިތުރުން، "ޕަލްޕް ފިކްޝަން" އާއި "ދަ ސިކްސްތު ސެންސް" އަދި "އާމެގެޑޮން" ފަދަ މަގްބޫލު ފިލްމުތަކުން ވެސް އޭނާ ވަނީ ފެނިފަ އެވެ.
ބްރޫސްގެ ފަސް ދަރިން ތިބި އިރު، އެއީ ޑެމީގެ ތިން ދަރިންނާއި އެމާގެ ދެ ދަރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy