އުދުހޭ ސައިކަލެއް ފުރަތަމަ ފަހަރަށް ހަދައި، ޖަޕާނުގެ މާކެޓަށް ނެރެފި އެވެ.
"އެކްސްޓުރީޒްމޯ" ގެ ނަންދީފައިވާ އެ ސައިކަލު ޖަޕާނުގައި މާކެޓުކުރަނީ 566,028 ޑޮލަރު (8.7 މިލިއަން ރުފިޔާ) އަށެވެ.
އެ ސައިކަލު އުފެއްދި މީހުން އެ ސިފަކުރަނީ "ވައިގެ ލަގްޒަރީ ކްރޫސާ" އެއްގެ ގޮތުގަ އެވެ. އޭގެ ދިގުމިނުގައި 12 ފޫޓު ހުންނައިރު، އެއަށް 300 ކިލޯގެ ބަރުދަން ލޯޑުކުރެވެ އެވެ.
ޖަޕާނުގެ "އެއަވިން" ކިޔާ ކުންފުންޏަކުން އުފައްދާފައިވާ އެ ސައިކަލު އިންސްޕަޔާވެފައި ވަނީ މަގްބޫލު ފިލްމު ސީކުއެލް "ސްޓާ ވާސް" އިންނެވެ. އެ ސައިކަލު ގައި 228 ހޯސްޕަވާގެ ޕެޓްރޯލް ދެ އިންޖީނު އިނދެ އެވެ. އަދި ގަޑިއަކު ގަޑިއަކު 62 ކިލޯމީޓަރު ބާރު މިނުގައި ދުއްވެ އެވެ.
ރަތް، ނޫ އަދި ކަޅު ކުލައިން ލިބެން ހުރި އުދުހޭ ސައިކަލު، ހުއްޓުމެއް ނެތި 40 މިނެޓު ވައިގެ ތެރޭ އުޅެވެ އެވެ.
"އެއަވިން" އިން އެކްސްޓްރީޒްމޯ މާކެޓު ކުރަނީ ރެސްކިއު މަސައްކަތްތެރިންނާއި، އިމާރާތްތަކުގެ އިންސްޕެކްޝަން ބެލެހެއްޓުމުގެ އިތުރުން އާންމު މުނިފޫހިފިލުވުމަށް ބޭނުންކުރެވޭނެ އެއްޗެއް ގޮތުގަ އެވެ.
ރިޕޯޓުތައް ބުނާގޮތުން، ޖަޕާނުގެ ވިޔަފާރިވެރިޔެއް ކަމަށްވާ ޔޮޝިޔުކީ އައިކާވާ ވަނީ އުދުހޭ ސައިކަލެއް ގަނެފަ އެވެ.
މިވަގުތު އެ ސައިކަލު އަދި ދުއްވޭނީ ބަންދުކޮށްފައިވާ ރޭސްޓްރެކްތަކުގައި ނަމަވެސް، އެއަވިން ކުންފުނީގެ އުންމީދަކީ ކުރިމަގުގައި ފްރީ-ފްލައިން ގެ ފުރުސަތު ލިބޭނެ ފަދަގޮތަކަށް ގާނޫނުތައް ހެދުން ކަމަށް އެ ކުންފުނިން ބުނެ އެވެ.