އެމަޒޮންގެ ގުދަނެއް
03 ޖޫން 2023 - 07:48
އެމަޒޮންގެ ވޮއިސް އެސިސްޓަންޓް އެލެކްސާ އިން ކުޑަކުދިންގެ ޕްރައިވަސީއަށް އަރައިގަންނަ ކަމަށް ބުނެ އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން އެކުންފުންޏާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންދާ ނަމަ 25 މިލިއަން ޑޮލަރު ދޭން އެ ކުންފުނިން އެއްބަސްވެއްޖެ އެވެ.
އެމެޒޮންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ބެލެނިވެރިންގެ އެދުމުގެ މަތިން ވެސް އެލެކްސާ ރެކޯޑިންތަކާއި ޖިއޯ ލޮކޭޝަން ފަދަ ޑޭޓާތައް އެތައް އަހަރެއް ވަންދެން ގެންގުޅެ އަމިއްލަ ކަންކަމަށް އެ ބޭނުންކުރުމެވެ.
އެމަޒޮންގެ ވާޗުއަލް އެސިސްޓަންޓް އެލެކްސާގެ ޑިވައިސްއެއް
އެފްޓީސީން ބުނާ ގޮތުގައި، ޑޭޓާ ޑިލީޓްކުރާނެ ކަމަށް ބުނެ ބެލެނިވެރިންނަށް އޮޅުވާލައިގެން އެ ޑޭޓާތައް ވަނީ އެލެކްސާގެ އަލްގޮރިދަމް ރަނގަޅުކުރުމަށް ބޭނުންކުރެ އެވެ.
އޭގެ އިތުރުން، އެމަޒޮން އިން 2018 ވަނަ އަހަރު ގަނެފައިވާ "ރިންގް" ސެކިއުރިޓީ ކުންފުނިން ކަސްޓަމަރުންގެ ގޭތެރޭގައި ބަހައްޓާ ކެމެރާތަކުގެ އެކްސެސް އެއްވެސް ހުރަހެއްނެތި ކުންފުނީގެ މުވައްޒަފުންނަށް ބެލުމުގެ ފުރުސަތު ދީފައިވާ ކަމަށް ބުނާ މައްސަލައިގާ 5.8 މިލިއަން ޑޮލަރު ދޭން ރިންގް އިން ވަނީ ނިންމައިފަ އެވެ.
އެމަޒޮންގެ ރިންގް ސެކިއުރިޓީ ސިސްޓަމްގެ ދޮރުގައި ހަރުކުރާ ކެމެރާއެއް
މީގެ ކުރިން ރިންގް ގެ މުވައްޒަފުން ކަސްޓަމަރުން ދިރިއުޅޭ ގެތަކުގައި ހުންނަ ކެމެރާތަކުގެ މަންޒަރުތައް ވަގަށް ބަލާކަމުގެ މައްސަލަތަކުގެ އަޑުފެތުރެ އެވެ. އެމެޒޮންގެ މުވައްޒަފަކު 2017 ވަނަ އަހަރު މުވައްޒަފަކު އަންހެން ކަސްޓަމަރުންގެ ގެތަކުގެ ކެމެރާތައް ތަކުރާރުކޮށް ބެލި ތުހުމަތެއް ފެންމަތިވި އެވެ.
އެ ކަންކަމަށް އެމަޒޮން އިން އިންކާރުކޮށް، ގާނޫނާ ހިލާފު ނުވާކަމަށް ބުނި ނަމަވެސް، އެ ކުންފުނިން ބުނި ގޮތުގައި، ފައިސާ ދައްކަން ނިންމީ ޕްރައިވަސީ ފީޗާތައް ޑިވެލޮޕްކުރަމުން ކުންފުންޏަށް ކުރިއަށް ދެވެން އޮތީ މި މައްސަލަ ނިންމާލައިގެން ކަމަށްވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
GanevihkaaDOTcom
03 June 2023
ތިޔަފާޑުގެ ކަންކަން ފޭސްބުކު، ގޫގްލް އަދި މައިކުރޯސޮފުޓުން ކުރާތާ ކިތަންމެ ޒަމާނެއް، އާޓިފިޝަލްއިންޓެލިޖެންސް ތަރަށްގީ ވާވަރަކަށް އިންސާނުންގެ ފުރައިވިސީދާނީ މުޅިންގެއްލެމުން، މިކަމުން ސަލާމަތްވެވޭނީ، ކޮންޕިއުޓަރ މޯބައިންފޯނު، އޭއައި، އަދި ކުރިޔަށްއޮތްތަނުގައި އުފެދޭ ޓެކުނޮލޮޖީތައް ދަސްކޮށްގެން!! ދިވެހިންގެ ހާލަކީ 24 ގަޑިއުރު މޯބައިލްފޯނުވެސް އޮންނާނީ އިންޓަރނެޓާ ކަނެކުޓުކޮށްލާފަ އަދި ލޮކޭޝަންވެސް އޮންކޮށްފަ، ލިބޭހާ ލިންކަކަށް އޮބަންޖެހޭ!