ދެމަފިރިން ނަޖިސް ހޮޅި ތެރޭގައި
09 ފެބުރުއަރީ 2017 - 06:23
ކޮލަމްބިއާގެ މި ދެމަފިރިންނަކީ ލިބޭ މިންވަރަށް ޝުކުރު ކުރުމުގެ މިސާލެކެވެ. މި ދެމަފިރިން ދިރިއުޅެނީ މިހާރު ބޭނުން ނުކުރާ ނަޖިސް ހޮޅިއެއްގެ ތެރޭގަ އެވެ. ދިރިއުޅުމާ މެދު އެމީހުންގެ ޝަކުވާއެއް ނެތެވެ. އެކުގައި ދިރިއުޅެވޭތީ އެމީހުން ތިބީ އުފަލުންނެވެ.
މާރިއާ ގާސިއާ އާއި ފިރިމީހާ މިގުއަލް ރެސްޓްރެޕޯ ފާޚާނާ ހޮޅިއެއްގެ ތެރޭގައި ދިރިއުޅޭތާ 22 އަހަރު ވީ އެވެ.
މާރިއާ އާއި މިގުއަލް ފުރަތަމަ ބައްދަލުވީ ކޮލަމްބިއާގެ މެޑެލިން އިންނެވެ. އޭރު ދެ މީހުން ވެސް ތިބީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފަ އެވެ. އެ ސަރަހައްދަކީ ވެސް މަސްތުވާތަކެތީގެ ވިޔަފާރި އާއި މާރާމާރީ ހިންގުމަށް މަޝްހޫރު ހިސާބެކެވެ. އޭރުވެސް އެމީހުން ދިރިއުޅެނީ މަގުމަތީގަ އެވެ. ނަމަވެސް އެމީހުންގެ ދިރިއުޅުން ހަލާކުވީ މަސްތުވާތަކެތީގެ ވަބައިގައި ޖެހިގެންނެވެ.
މާރިއާ ނަޖިސް ހޮޅީގެ ތެރޭގައި ހުރިއިރު މިގުއަލް ބޭރު މަގުމަތީގައި
ދެ މީހުން ބައްދަލުވެ ގުޅުމަށް ފަހު މަސްތުވާތަކެއްޗާ ދުރަށް ދާން ނިންމި އެވެ. ނަމަވެސް އޭރު އެމީހުންނަށް ބޯހިޔާވަހިކަމެއް ދޭނެ އަދި ފައިސާގެ ގޮތުން އެހީވެދޭނެ އާއިލާގެ މީހަކު ވެސް އަދި ރައްޓެއްސެއް ވެސް ނެތެވެ. އެހެންވެ ފާޚާނާ ހޮޅިއަކީ ދިރިއުޅޭ ތަން ކަމަށް ހަދަން ނިންމީ އެވެ. އެތަނުގައި ދިރިއުޅެމުން އެމީހުން ވަނީ މަސްތުވާތަކެއްޗާ ދުރުވެފަ އެވެ. އަދި މުޅިން އާ މިސްރާބަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
މާރިއާ އާއި މިގުއަލް ނަޖިސް ހޮޅިތެރޭގައި
ބޭނުންނުކޮށް ދޫކޮށްލާފައި އޮތް ހޮޅިޔަކަށް ވިޔަސް އެމީހުން އެ ފާޚާނާ ހޮޅިތެރޭގައި ދިރިއުޅެން ފެށިއިރު އޭގެ ތެރެ އޮތީ ވަރަށް ހަޑިކޮށެވެ. މުޅި ހޮޅިތެރޭގައި އޮތީ ކުންޏާއި ހިރަފުހެވެ. ނަމަވެސް އެމީހުން އޭގެ ތެރޭގައި ފިލާ ޖަހައި ދަވާދުލައި ފޮޓޯ ތަތްކޮށް ރީތިކޮށްލި އެވެ. އަދި ކަރަންޓާއި ޓީވީ ކޭބަލެއް ވެސް ލިޔެވެ. އެހެން މީހުން ޚާއްސަ މުނާސަބަތުތަކަށް ގޭގެ ޒީނަތްތެރިކުރާ ގޮތަށް މި މީހުން ވެސް އެފަދަ ޚާއްސަ ދުވަސްތަކަށް އެތަން ޒީނަތްތެރި ކުރެ އެވެ.
މި ދެމަފިރިންނާ އެކު އެތަނުގައި ދެން ދިރިއުޅެނީ ބްލެކީ ކިޔާ ކުއްތާއެކެވެ. އެމީހުން ބޭރަށް ދިއުމުން އެ ކުއްތާ އެތަނުގައި ފޯރިއަށް އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އ.ޒ.ޢ.ބ
10 February 2017
ހަތް ހާސް ރުފިޔާ ދީގެން ފުރަމާލޭގައި އަހަރެން ދިރިއުޅޭ ކޮޓަރިގަނޑަށް ވުރެ ތިތަން ތަނަވަސްވެފަ ރީތި. އަހަރެން މަސްތުވާ އެއްޗެއް ނުބޮން. އަތުގަ ޑިގްރީއެއް އޮވޭ. އެތައް ސަތޭކަ ބަޔަކަށް ޚިދުމަތް ދޭން ޖެހޭ ވަޒީފާއެއް އަދާކުރަން.
ސަމީ
09 February 2017
އެއީ ނަޖިސް ހޮލިއެއް ނޫން އެއީ ޖަންކްސަން އެެއް އަދި އެއީ ބޭނުނއ ނުކުރާ ތަނެއް .ވީއިރު ނަޖިސް ހޮޅިއެއް ނޫން