15 އޯގަސްޓް 2017 - 06:09
ހަކުރު ބަލި ހުންނަ މީހުން އާޓިފިޝަލް ހަކުރު ބޭނުންކުރުން އާންމުވެފައި ވިޔަސް ފަހުގެ ދިރާސާތަކުން ބެލެވެނީ އެއީ ހައްލެއް ނޫން ކަމަށެވެ. މިކަން ދިމާވާ ސަބަބަކާ ބެހޭ ގޮތުން ފަހުގެ ދިރާސާއަކުން ވަނީ ސައިންސްވެރިންނަށް އިތުރު ކަންތައްތަކެއް އެނގިފަ އެވެ.
ޔޭލް ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިން އިން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އާޓިފިޝަލް ހަކުރުގެ ސަބަބުން ސިކުނޑިއަށް އޮޅުންތަކެއް އަރައި މެޓަބޮލިކް ރެސްޕޮންސް އިތުރުވެ އެވެ.
ގުދުރަތީ އެއްޗެހީގައި، ފޮނިރަހަ ހުންނަނީ އެ އެއްޗަކާ އެކަށީގެންވާ ވަރަށް ހުންނަ އެނާޖީއާ އެއްވަރަށެވެ. އެކަމަކު އާޓިފިޝަލް ހަކުރުގައި ފޮނިރަހަ ހުންނަވަރާ އެކަށީގެންވާ ވަރަކަށް އެނާޖީ ނުވަތަ ކެލަރީއެއް ނުހުރެ އެވެ. މިހެން ވުމުން، ފޮނިރަހަ ހުންނަ އެކަމަކު ކެލަރީ މަދު އެއްޗެއް ކެއުމުން ނުވަތަ ބުއިމުން މެޓަބޮލިކް ރެސްޕޯންސް އިތުރުވަނީ ގިނައިން ކެލަރީ ހުންނަ އެއްޗެއް ކެއުމުން އިތުރުވާ ވަރަށް ވުރެ ބޮޑަށެވެ.
މި ދިރާސާ ކުރުމުގައި އިސްކޮށް ހުންނެވި ޕްރޮފެސަ އޮފް ސައިކޭޓްރީ ޑާނާ ސްމޯލް މިކަން ސިފަކުރެއްވީ "ކެލަރީ އަކީ ކެލަރީއެއް ނޫން" ކަމަށް ވިދާޅުވެ އެވެ.
"މި ބެލެވެނީ ގިނަ ކެލަރީން މެޓަބޮލިކް ރެސްޕޮންސް އިތުރުވާ ކަމަށް. އަދި މި ރެސްޕޮންސަކީ ނުބައި ރެސްޕޮންސެއް،" ޔުނިވަސިޓީގެ ނިއުސް ރިލީޒެއްގައި ސްމޯލް ވިދާޅުވެފައިވެ އެވެ.
މި އަރާ އޮޅުމުގެ ސަބަބުން، ގަދަ ފޮނިރަހަ ހުންނަ އެކަމަކު ކެލަރީ ދަށް އެއްޗެއް ކެޔަސް ސިކުނޑިއަށް ހީވަނީ އެ ފޮނި ރަހަޔާ އެއްވަރުގެ ކެލަރީސް ހަށިގަނޑަށް އެތެރެވި ކަމަށެވެ. މިހެން ދިމާވުމުން ކެއުމުގެ ގުދުރަތީ ހަމަޔަށް ބަދަލު އައިސް ސިއްހީ މައްސަލަތައް ދިމާވުމަށް މަގު ފަހިވަނީ އެވެ.
މި ދިރާސާ މި މަހުގެ 10 ވަނަ ދުވަހުގެ "ކަރަންޓް ބަޔޮލޮޖީ" ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންމަ
15 August 2017
އާޓިފިޝަލް ހަކުރޭ ނުކިޔާ އެސްޕާޓޭމް އޭކިޔާބަލަ! އެސްޕާޓޭމް އެއީ އަމިއްލަޔަށް ހަދާ ކެމިކަލް ހަކުރެއް... އަހަރުމެން ބަލަންވީ ފުރުކްޓޯސް ނުވަތަ ސްޓީވިއާ، އަސްލު ހަކުރުގެ ބަދަލުގަ. ފުރުކްޓޯސް އަކީ މޭވާއިން ނަގާ ހަކުރެއް އަދި ސްޓީވިއާޔަކީ ސްޓީވިއާ ފަތުން ހަދާ ހަކުރު.. މިދެބާވަތުން ޒީރޯ ކެލަރީސް ލިބޭ.. އަދި މީގެ އިތުރުން ސްޓީވިއާގެ ތިއްކެއް އާދައިގެ ހަކުރަށް ވުރެން 10 ގުނަ ފޮންޔެވެ. އަދި ފުރުކްޓޯސް ހަކުރު 4 ގުނަ ފޮންޔެވެ. މިޒަމާނުގައި ގިނަ ޑައިބެޓީކް ޝުގާ ސަބްސްޓިއުޓް ހަދާފައި ހުންނަނީ މިދެބާވަތް ބޭނުން ކޮށްގެނެވެ.. ޑައިބެޓިކް ނުވަތަ ލޯކެލަރީ ހަކުރު ގަންނައިރު އެސްޕަޓޭޭމް ފްރީ ޖަހާފައި ހުރޭތޯބަލާށެވެ.