31 އޮކްޓޯބަރ 2017 - 06:11
ސްމާޓް އިލްކްޓްރޯނިކްސް އަށް ނިސްބަތްކުރެވޭ އާލާތްތަކަށް ހެކަރުން ވަދެގަނެ އެވެ. އަދި އެއީ ސޮފްޓްވެއާއިން ކޮންޓްރޯލްކުރެވޭ އާލާތެއް ނަމަ ވަކިން ފަސޭހަ ވެ އެވެ. އެލްޖީ ސްމާޓް ވެކިއުމް ކްލީނާގައި ވެސް އެ ކަހަލަ ދޯހަޅިކަމެއް ހުރި ކަމަށް "ޗެކް ޕޮއިންޓް ސޮފްޓްވެއާ ޓެކްނޮލޮޖީޒް" ވަނީ ބުނެފަ އެވެ.
ސެކިޔުރިޓީ ފާމް، ޗެކް ޕޮއިންޓް ސޮފްޓްވެއާ ޓެކްނޮލޮޖީޒް ބުނާ ގޮތުގައި، އެލްޖީ ވެކިޔުމް ކްލީނާގައި ހުރި ބަލިކަށިކަން ހެކަރުން ދެނެގެންފި ނަމަ، އެ އަށް ވަދެގަނެ، އޭގެ ކެމެރާ އޮންކޮށް، އެ އާލާތް ބޭނުންކުރެވޭ މާހައުލު ބަލައި ފާސްކުރާނެ އެވެ.
ހޯމް-ބޮޓް ބޭނުންކުރެވެނީ ގޭގައި ނުވަތަ އޮފީހުގައި ނަމަ، ވެށީގައި އުޅޭ އެއްވެސް މީހަކަށް އެނގުމަކާ ނުލައި، ކެމެރާ ފަރާތް ފަރާތަށް އަނބުރުވައި، ފޮޓޯ ނުވަތަ ވީޑިއޯ ވެސް ކޮށްފާނެ އެވެ. އަދި ވަޔަލެސް ނެޓްވޯކަކާ ގުޅާފައިވާ ނަމަ، އެ ނެޓްވޯކެއްގައި ބޭނުންކުރެވޭ އެހެން ޑިވައިސްތަކަށް ވެސް ހެކަރުން ވަދެެގެންފާނެ އެވެ.
އެލްޖީގެ ނަސީބު ކިތަންމެހާ ވެސް ރަނގަޅެވެ. ޗެކް ޕޮއިންޓް ސޮފްޓްވެއާ ޓެކްނޮލޮޖީޒްއިން އެކަން މިހާރު ވަނީ އެލްޖީ އަށް އަންގާފަ އެވެ. އަދި ދެ ކުންފުނި ގުޅިގެން ވެކިއުމް ކްލީނާ ބާރުގަދަކުރުވަން ކުރަން ހުރި މަސައްކަތްތައް ވަނީ ކުރަން ފަށައިފަ އެވެ.
އާދައިގެ ގޭބިސީއެއްގައި ބޭނުންކުރެވޭ ވެކިއުމް ކްލީނާއަކަށް ހެކަރުން ވަދެގެންފާނެ ކަމަށް އެކަކު ވެސް ހިއެއް ނުކުރާނެ އެވެ. އެކަމަކު އެހެނެކޭ ހިތައި ފަރުވާ ކުޑަކޮށްގެން ތިބެވޭކަށް ވެސް ނެތެވެ. ކޮންމެހެން ރައްކާތެރިކޮށް އަދި ފޮރުވަން ޖެހޭ އެއްޗެއް، ކަމެއް އަދި މަންޒަރެއް ވެސް ހެކަރުންނަށް އަގުބޮޑު މުދަލަކަށް ވެދާނެ އެވެ. އެ އެއްޗެއް ހިފަހައްޓައި ފައިސާ އަށް އެދިފާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy