މަތިންދާބޯޓުގައި އަހަރެމެންނަށް ޚިދުމަތް ކުރަން ތިބެނީ ފްލައިޓް އެޓެންޑެންޓުންނަކީ ވަރަށް ބުރަކޮށް އުޅޭ ބައެކެވެ. އެކަމަކު އިރުއިރުކޮޅަކާ އެމީހުންނަށް ގޮވައި އެކި ކަންކަމު ކިޔާ މީހުން ފެނެ އެެވެ. އެހެން ވިޔަސް ހިނިތުންވެފައި ޖަވާބު ދޭނެ އެވެ.
އެއްވެސް މައްސަލައެއް ދިމާނުވެ ދަތުރު ނިންމާލާފައި ފްލައިޓުން ފައިބަން ބޭނުން ނަމަ ފްލައިޓް އެޓެންޑެންޓުންނަށް އެއްބާރުލުން ދޭން ޖެހެ އެވެ.
ޖެޓްބްލޫ ފްލައިޓް އެޓެންޑެންޓް އަދި ކޮލަމިސްޓް އަމަންޑާ ޕްލެވާ އޭނާގެ ބްލޮގްގައި، ފްލައިޓްގައި ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރަން ބޭނުން ނަމަ ކަންތައް ކުރަންވީ ގޮތްތަކެއްގެ އިރުޝާދު ދީފައިވެ އެވެ. ޕެލްވާ ވަނީ ފްލައިޓް ތެރޭގައި އޭނާއަށް ދިމާވެފައިވާ ބައެއް އާދަޔާޚިލާފު ހާދިސާތައް ވެސް މި ލިޔުމުގައި ކިޔައިދީފަ އެވެ. އަދި ބުނާގޮތް ނުހަދާ، މޫޑު ގޯސް މީހުންގެ ސަބަބުން ދިމާވާ ބައެއް މައްސަލަތައް ވެސް ލިޔެފައިވެ އެވެ.
"އަހަރެންގެ ވަޒީފާގައި އެންމެ ބޮޑު މައްސަލައަކަށް ދިމާވަނީ ކޮން ކަމެއްކަން އެނގޭތަ؟ އެއީ މީހަކު ހޮޑުލުމުން އެތަނެއް ސާފުކުރުމެއް ނޫން. ނުވަތަ ރުޅިއައިސްގެން ޒުވާބުކޮށް ހަޅޭއްލަވާ މީހަކާ ކުރިމަތިލާން ޖެހުމެއް ވެސް ނޫން. ގިނަ ބަޔަކަށް ހީވާނީ މިކަހަލަ ކަންކަމޭ ވާނީ،"
"އަހަރެން އެންމެ ހިތްހަމަނުޖެހެނީ މީހުން ބޯޓަށް އަރަމުންދާއިރު އަހަރެމެން ބޭރު ދޮރުކައިރީގައި ތިބެ ސަލާން ކޮށްލުމުން ނޭނގޭ ކަމަށް ހަދާފައި ބަލައިވެސް ނުލާ ދާ މީހުންގެ ސަބަބުން. އެއީ އެއްވެސް އިންސާނަކާ ދޭތެރޭ އަނެއް އިންސާނަކު ކަން ކުރަންވާނެ ގޮތެއް ކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވޭ." ޕެލްވާ ބުނެފައިވެ އެވެ.
ޕެލްވާ މި އާޓިކަލް ލިޔަން ބޭނުންވީ ނޫހެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ފެނިގެންނެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ މަތިންދާބޯޓުގައި ދަތުރުކުރާ ފަސްޓް ކްލާސް އަދި ބިޒްނަސް ކްލާސް ފަސިންޖަރުންނަށް، އިކޮނޮމީ ކްލާސް ފަސިންޖަރުންނަށް ވުރެ މާ ބޮޑަށް އިހްތިރާމްކުރާ ކަމަށް ގިނަ ބަޔަކަށް ހީވާ ކަމަށެވެ.
މި ވާހަކަ ޕެލްވާ އަށް ގަބޫލެއް ނުކުރެވެ އެވެ. އޭނާ ބުނާ ގޮތުގައި ގިނަ ފަހަރަށް ދޮރުމަތިން އެމީހުން ހަލޯ ބުނުމުން ޖަވާބު ދެނީ ފަސްޓް ކްލާސް ނުވަތަ ބިޒްނަސް ކްލާސް ފަސިންޖަރުން ކަމަށެވެ. އެހެންވެ އެމީހުންނަކީ މާ އަދަބުވެރި ބައެއްގެ ގޮތުގައި ފްލައިޓް އެޓެންޑެންޓުންނަށް ވެސް ގަބޫލު ކުރެވެނީ އެވެ. އަނެއްކޮޅުން އިކޮނޮމީ ކްލާހުގައި ގިނަ އަދަދެއްގެ ފަސިންޖަރުން ތިބޭތީ އެ އެންމެންނާ ވާހަކަ ދައްކާނެ ފުރުސަތެއް ފްލައިޓް އެޓެންޑެންޓުންނަކަށް ނުލިބެ އެވެ.
ނަމަވެސް ފަސިންޖަރުން އިހްތިރާމާއެކު ވާހަކަ ދައްކާ ނަމަ އެމީހަކީ ރަނގަޅު މީހެއްގެ ގޮތުގައި ފްލައިޓް އެޓެންޑެންޓުންނަށް ވަގުތުން ގަބޫލު ކުރެވޭނެ އެވެ.
"ހީވެދާނެ ރީތިކޮށް ވާހަކަ ދައްކާ އަދަބު އިހްތިރާމް އަދާކުރާ މީހުން އަހަރެމެންނަކަށް ފާހަގައެއް ނުކުރެވެޔޭ. އަސްލު ފާހަގަ ކުރެވޭ. އަދި ފުރުސަތެއް ލިބިއްޖެނަމަ އޭގެ ބަދަލުވެސް ދެވޭ. ފަހަރެއްގައި ވެދާނެ އެއީ ފްރީ ޑްރިންކަކަށް ވެސް. އެހެން ނޫނަސް ބައެއް ކަހަލަ ކަންތައްތައް ކޮށްދޭއިރު އިހްތިރާމް އަދާކުރާ މީހުންނަށް ޚާއްސަ ގޮތަކަށް ބެލޭ،" ޕެލްވާ ބުންޏެވެ.
ޕެލްވާ ބުނާ ގޮތުގައި ހިތްހެޔޮ މޫނަކާ އެކު ފްލައިޓް އެޓެންޑެންޓުންނާ ބައްދަލުކުރާ މީހުން އެމީހުންނަށް ވަރަށް ފަސޭހައިން ފާހަގަ ކުރެވެ އެވެ. އަދި އެމީހުން އެކަކު އަނެކަކަށް ވެސް އެއީ ވަރަށް ރަނގަޅު މީހެއް ކަމަށް ބުނެ ވާހަކަ ދެކެވެ އެވެ.
އެހެންކަމުން ދެން ފަހަރަކުން ތަނަކަށް ދާން ފްލައިޓަށް އަރާއިރު ދޮރުމަތިން ސަލާންކުރާ ފްލައިޓް އެޓެންޑެންޓުންގެ ސަލާމް ބަލައިގަނެ އެމީހުންނަށް ހިނިތުން ވެލާށެވެ.