ބަޔަކު މިއުޒިކް ޝޯއެއް ބަލަނީ.
03 އެޕްރީލް 2018 - 06:41
ލޯ ތަރަތަރަޖަހައިގެންދާ ވަރުގެ އަލިތަކުގެ ތެރެއަށާއި އެތައް ބައެއްގެ އަޑުފަށްގަނޑުން ގުގުމާލާފައި އޮންނަ ތަނަކަށް ދިއުމަކީ ބައެއް މީހުން އެހާ ގަޔާވާ ކަމަކަށް ނުދެވާނެ އެވެ. އެކަމަކު ދިރާސާއެެއްގައި ބުނަނީ ވިދުން ގަދަ އަލިތަކުގެ ތެރެއަށް ނިކުމެ، ހަޅޭކުގެ ތެރޭގައި ކޮންސަޓެއް ނުވަތަ މިއުޒިކް ޝޯއެއް ބައިލުމަކީ ސިއްހަތަށް ފައިދާކުރާ ކަމެއް ކަމަށެވެ.
އެގޮތުން ޔޯގާ އާއި ހިނގުން ފަދަ ކަސްރަތުތަކުން ހަށިގަނޑަށް ލިބޭ ފައިދާތަކަށް ވުރެ، މިއުޒިކް ޝޯއެއް ބަލަލާލައިގެން ލިބޭ ފައިދާތައް ބޮޑު ކަމަށް ދިރާސާގައި ބުންޏެވެ.
އިނގިރޭސިވިލާތުގެ ގޯލްޑްސްމިތު ޔުނިވަސިޓީގެ ތަކުރިބާކާރަކާއި އެ ގައުމުގެ އޯ2 އެރީނާ އިން ހެދި ދިރާސާގައި ބުނާ ގޮތުން ވިއްސަކަށް މިނިޓަށް ކޮންސަޓެއް ބަލާލައިގެން ސިއްތަށް ލިބޭ ފައިދާ ޔޯގާ އާއި ހިނގައިގެން ލިބޭ ފައިދާ އަށް ވުރެ 21 ޕަސެންޓް އިތުރެވެ.
ދިރާސާގައި ބުނާ ގޮތުން ކޮންމެ ދެ މަހަކުން އެއް ފަހަރު ކޮންސަޓެއް ބަލައިލަން ވަގުތުކޮޅެއް ހޭދަކުރުމަކީ މީހާގެ އުމުރު ދިގު ވެސް ވާ ކަމެކެވެ. އަދި އެއީ އެހެން މީހުންނާ ގުޅުން ބަދަހިކޮށް، އެހެން މީހުންނާ ގާތްކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ފުރުސަތެއް ކަމަށާއި އެކަމުގެ ސަބަބުން ނަފުސާނީ ގޮތުން ވެސް މީހާ ދުޅަހެޔޮވާ ކަމަށް ދިރާސާގައި ބުންޏެވެ.
ބަޔަކު މިއުޒިކް ޝޯއެއްގައި ފޯރި ނަގަނީ.
"އަހަރެމެން މި ހެދި ދިރާސާގެ މައިގަނޑު ޕޮއިންޓަކީ ކޮންސަޓެއް ބަލާލައިގެން މީހާގެ އުމުރު ވެސް ގާތްގަނޑަކަށް ނުވަ އަހަރަށް ދިގު ކުރެވޭކަން،" ގޯލްޑްސްމިތުގެ ލެކްޗަރާ ޕެޓްރިކް ފެގަން ވިދާޅުވި އެވެ. "އެގޮތަށް އެ ދިމާވާ މައިގަނޑު ނަފުސަށް ލިބޭ ހިތްހަމަޖެހުމާ ހެދި."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy