04 ޖެނުއަރީ 2019 - 06:31
މިދިޔަ އަހަރު ވެސް ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދި، އެމެރިކާގެ މަޝްހޫރު ރިލިއަލިޓީ ތަރި ކިމް ކާޑޭޝިއަން އާއި މިއުޒިޝަން ކަންޔޭ ވެސްޓް އަނެއްކާ ވެސް ސަރޮގެސީ ހަދައިގެން ކުއްޖަކު ހޯދަން ނިންމައިފި އެވެ.
ސީއެންއެން އިން ބުނި ގޮތުގައި ސަރޮގެސީ ހަދައިގެން އުފަންވާ ދެވަނަ ކުއްޖާ އަށް މިހާރު ބަލިވެ އިން އިރު، އެ ކުއްޖާ އަށް މަރުހަބާ ކިޔުމުގެ ތައްޔާރީތައް އާއިލާ އިން މިހާރު ވަނީ ވާން ފަށައިފަ އެވެ. ކިމް އާއި ކަންޔޭ އަށް ސަރޮގޭޓް ހަދައިގެން ލިބުނު ޝިކާގެ ވެސްޓް އުފަންވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އޭގެ ކުރިން ކިމް ވަނީ ބަލިވެ އިނދެ ދެ ކުދިން ވިހައިފަ އެވެ. އެއީ އަންހެން ދަރިފުޅު ނޯތު ވެސްޓް، 5، އާއި ފިރިހެން ދަރިފުޅު ސެއިންޓް ވެސްޓް، 3، އެވެ. މި މަހު އެއް އަހަރު ފުރޭ ޝިކާގޯއަކީ ވެސް އަންހެން ކުއްޖެކެވެ.
ކިމް އާއި ކަންޔޭ ދަރިންނާ އެކު.
ރިޕޯޓްތައް ބުނާ ގޮތުން ކިމް، 38، ބަލިވެ އިނދެ ދަރިން ހޯދަން ހުއްޓާލައިފައި ވަނީ އޭނާގެ ރަހިމަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން، ބަލިވެ ނީންނަން ޑޮކްޓަރުން ލަފާ ދީފައިވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy