ލައިފްސްޓައިލް / ކިޑްނީ ބަދަލުކުރުން

ފުރާނަ ސަލާމަތްވީ ކުރީގެ އަނބިމީހާ ހަދިޔާކުރި ކިޑްނީން

ބިލް އާއި މޭރީ: ދެ މީހުން ވަކިވީ އެކީގައި 24 އަހަރު އުޅެފައި.

ބިލް ހެންރިކްސް އާއި މޭރީ ޒެއިގްލާއަކީ ވަރަށް ޒުވާން އުމުރުގައި ކައިވެނިކުރި ދެ މީހުންނެވެ. އެމެރިކާގެ މިނެޒޯޓާ އިން ދެ މީހުން އެންމެ ފުރަތަމަ ބައްދަލުވެ، ގުޅުން ބަދަހިވީ ދެ މީހުންގެ އުމުރުން ވެސް 14 އަހަރުގަ އެވެ.

އޭގެ ހަތަރު އަހަރުން ފަހުން ދެ މީހުން ބަދަލުވީ ދެމަފިރިންނަށެވެ. އެކަމަކު ދެ ކުދިން ލިބުނު ފަހުން ބިލް އާއި މޭރީގެ 24 އަހަރުވީ ކައިވެނި ވަނީ ރޫޅާލައިފަ އެވެ. އޭގެ ފަހުން މިހާރު 20 އަހަރުވެއްޖެ އެވެ.

އެކަމަކު ތަފާތަކީ ހަމައެކަނި އެ ދެ މީހުން މިހާރު ދެމަފިރިންނަށް ނުވުމެވެ. ގުޅުން ވަރަށް ރަނގަޅެވެ. ބިލް ފަހުން ކައިވެނި ކުރި ލިންޑާއާ ވެސް މޭރީގެ ގުޅުން ވަރަށް ރަނގަޅެވެ. މި ގުޅުން ރަނގަޅުވުމުގެ ހުރިހާ ނަސީބެއް ލިބުނު މީހަކީ ބިލް އެވެ.

އޭނާ ހަގީގަތުގައި މިހާރު ދިރިހުރީ ކުރީގެ އަނބިމީހާގެ ސަބަބުންނެވެ. ކިޑްނީ ފެއިލްވެ، ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު އެންމެ މުހިއްމު ދަނޑިވަޅުގައި ކިޑްނީ ހަދިޔާކުރީ މޭރީ އެވެ. ބިލްގެ ކިޑްނީ ފެއިލްވެފައިވާކަން އެނގުމާ އެކު އާއިލާގެ މީހުންނާއި ގާތް ވަރަށް ގިނަ މީހުން ކިޑްނީ ދޭން އުޅުނެވެ. އެކަމަކު އެއިން އެއްވެސް މީހެއްގެ ކިޑްނީ ބިލްއަކާ މެޗެއް ނުވި އެވެ.

ބިލް އާއި މޭރީ ފޮކްސް 9އާ ވާހަކަ ދައްކަނީ.

އެ ހާލަތުގައި އޮއްވައި މޭރީ ނިންމީ ބިލް އަށް އޭނާގެ ކިޑްނީ ހަދިޔާ ކުރާށެވެ. އެހެންވެ ޓެސްޓްތައް ހެދި އިރު، އޭނާގެ ކިޑްނީއާ ބިލް ދިމާވެ އެވެ. އެހެންވެ ދެވަނަ ވިސްނުމަކަށް ވެސް ނުގޮސް ކުރީގެ ފިރިމީހާ އަށް ކިޑްނީ ހަދިޔާކުރީ އެވެ.

މި ވާހަކަތައް ފޮކްސް 9 އާ ހިއްސާ ކުރަމުން ބިލް ބުނީ އޭނާގެ ކިޑްނީ ފެއިލްވެފައިކާން އެނގުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ.

"ކިޑްނީ ދޭން ތައްޔާރަށް ތިބި އެއްވެސް މީހެއްގެ ކިޑްނީ މެޗް ނުވުމުން ދެން ހަދާނެ ގޮތް ހުސްވެފައި ހުއްޓައި އަހަރެންގެ ފުރާނަ ސަމާމަތްކޮށްދިން މީހަކީ މޭރީ،" އޭނާ ބުންޏެވެ. "އަހަންނަކަށް ނޭނގޭ އޭނާ އަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް. އެއީ ހަމަ ބޮޑު ނަސީބެއް."

މޭރީ ބުނި ގޮތުގައި ކުރީގެ ފިރިމީހާ އަށް ކިޑްނީ ހަދިޔާ ކުރުމަކީ މާ ބޮޑު ކަމެއް ނޫނެވެ.

ބިލް އާއި މޭރީ: ކައިވެނި ކުރީ އުމުރުން 18 އަހަރުގައި.

"އެއީ ހަމަ އަހަރެން ޒިންމާއެއްގެ ގޮތުގައި ދެކުނީ. އެހެންވީމާ އޭގައި ނެތް މާ ބޮޑު ވިސްނުމެއް ވިސްނަން ޖެހޭ ވަރުގެ ކަމެއް،" އޭނާ ބުންޏެވެ.

ބިލް ބުނި ގޮތުގައި އެކީގައި 24 އަހަރު އުޅެފައި ކައިވެނި ރޫޅައިލަން ނިންމި ސަބަބަކީ ދެ މީހުންގެ މިޒާޖު ތަފާތުވުމެވެ. އެކަމަކު ގުޅުމެއް ދަމަހައްޓަން ވަކި ކަހަލަ މީހަކަށްވުން މުހިއްމު ނޫންކަން ދަސްވެއްޖެ ކަމަށް އޭނާ ބުންޏެވެ.

"މޭރީ ކަހަލަ މީހަކު ހަޔާތުގެ ހިއްސާއަކަށްވުމަކީ ނަސީބުވެރިއަކަށް ނޫނީ ނުލިބޭނެ ކަހަލަ ފުރުސަތެއް،" ބިލް ބުންޏެވެ. "އަހަރެން އަބަދު ވެސް އޭނާގެ އިހުސާންތެރިކަން ހަނދާނުގައި ބަހައްޓާނަން."

0 ކޮމެންޓް, 75 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 7%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454