ލައިފްސްޓައިލް

ޝޭން އާއި ހަނާ؛ މިއީ ލޯބީގެ ނަމޫނާއެއް

އުމުރުން 26 އަހަރުގެ ޝޭން ބާކޯ އަކީ އުމުރުން ދެ އަހަރުން ފެށިގެން، ފުރޮޅުލީ ގޮނޑިއެއްގައި އިންނަ މީހެކެވެ. އޭނާއކަށް ނުހިނގެ އެވެ. ހަށިގަނޑު ހުންނަނީ ފާޑަކަށް ކުރުގެޅިފަ އެވެ. އެހެންވެ އޭނާގެ ދިރިއުޅުން އާދައިގެ ޒުވާނަކާ ވަރަށް ތަފާތެވެ. އެކަމަކު ސްޕައިނަލް މަސްކިއުލާ އެޓްރޯފީ (އެސްއެމްއޭ) ގެ ޝިކާރައަކަށް ވިޔަސް ޝޭންއަކީ ދިރިއުޅުމާ ދޭތެރޭ ޕޮޒިޓިވްކޮށް ދެކޭ މީހެކެވެ. އޭނާ އަންނަނީ ކިޔަވަމުންނެވެ. މާ ލަސްތަކެއް ނުވެ ކޮލެޖުން ގްރެޖްއޭޓް ވެސް ވާނެ އެވެ.

ހަނާ އެއިލްވާޑް، 23، އަކީ ސިއްހަތު ސަލާމަތުން ހުރި، ހަށިގަނޑުގެ ހުރިހާ ގުނަވަނަކާއި ހިއްސެއް ސަލާމަތުން ހުރި މީހެކެވެ. ހައިރާންވާން ޖެހޭ ކަމަކީ މި ޒުވާން އަންހެން ކުއްޖާ އަށް ލޯބި ތަޖުރިބާ ކުރެވުނީ ގޮނޑިއެއްގައި އިންނަ ޝޭންގެ ކިބައިންކަމެވެ. ދެ މީހުންގެ ގުޅުމަށް މިހާރު ތިން އަހަރެއްހާ ދުވަސްވެއްޖެ އެވެ.

ދެ މީހުންގެ ލޯބީގެ ގުޅުން ފެށިގެން އައީ އިންނަޓްގެ ތެރެއިންނެވެ. އެހެންވެ ބައްދަލު ވެސް ނުވެވި އެ ގުޅުން ދެމިއޮތީ "ޑިސްޓެންޓް ރިލޭޝަންޝިޕެއް" ގެ ގޮތުގަ އެވެ. އެކަމަކު އެ ދުވަސް ވެސް މިހާރު މާޒީވެއްޖެ އެވެ. މި ޒުވާން ޖޯޑު މިހާރު އުޅެނީ އެމެރިކާގެ މިނެސޯޓާގައި އެކީގަ އެވެ.

މާ ލަސްތަކެއް ނުވެ ކައިވެނި ވެސް ކޮށްފާނެ އެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ދެ މީހުން އާދައިގެ އެހެން ބައިވެރިންނެކޭ އެއްގޮތަށް ކުރެ އެވެ. އެގޮތުން ކުޅިވަރު ކުޅުމާއި ރޯޑްޓްރިޕް ދިއުން ކަހަލަ ކަންކަމަކީ ހަމަ އާންމުކޮށް ކުރާ ކަންތައްތަކެވެ.

ޝޭން އާއި ހަނާ ފާހަގަކުރެވެނީ އެކަކު އަނެކަކަށް އިންތިހާ އަށް ލޯބިވާ، އިހުތިރާމްކުރާ ދެ ބައިވެރިންގެ ގޮތުގަ އެވެ. ދެ މީހުންގެ ތެދުވެރި ލޯބިން ސާބިތުކޮށް ދެނީ ޖިސްމާނީ ނުކުޅެދުންތެރި ކަމެއް ހުރުމަކީ އިޝްގީ ލޯބިން މަހުރޫމު ވާން ޖެހޭ ވަރުގެ ކަމެއް ނޫންކަމެވެ.

ޖިސްމާނީގެ ގޮތުން ނުކުޅެދޭ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ އުފާތަކުން މަހުރޫމުވާ ކަމެއް ނޫންކަން ހަނާ އަންނަނީ ދައްކުވައި ދެމުންނެވެ. މީހުން ފާޑުފާޑުގެ ވާހަކަ ދައްކަ އެވެ.

އެ ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން ހިތަށް ވަރަށް އަސަރުކުރާ ކަހަލަ ބަސްތައް ވެސް ރައްދު ކުރެ އެވެ. އެކަމަކު ފަރުވާލެއް ނެތެވެ. ހަނާ ހުރީ ހަޔާތުގެ ކުރިއަށް އޮތް ދުވަސްތައް ޝޭންއާ އެކު ހޭދަކުރަން ވައުދުވެގެންނެވެ. މިއަށް ތެދުވެރި ލޯތްބޭ ނުކިޔައި، ބަޔަކު ފާޑު ކިޔުމަކީ އެ ބައެއްގެ ވިސްނުން ކޮށިކަމެވެ. ހަނާ ދެކޭ ގޮތަކީ އެއީ އެވެ. އޭނާގެ މޫނުމަތިން އަބަދު ފެންނަނީ އުފާވެރިކަމާއި ހިނިތުވުންވުމެވެ.

މި ކަހަލަ ގުޅުމަކީ ގޯހެއް ނޫންކަމާއި މިއީ ލޯބިކަން އަންގައި ދިނުމުގެ ގޮތުން ހަނާ އާއި ޝޭން މިހާރު އަންނަނީ "ސްކްއާމީ އެންޑް ގްރަބްސް" ގެ ނަމުގައި ޔޫޓިއުބް ޗެނެލެއް ވެސް ހިންގަމުންނެވެ. އެ ފޮލޯކުރާ މީހުންގެ އަދަދު 130،000 އަށް ވުރެ ގިނަ އެވެ. އިންސްޓަގްރާމްގައި ވެސް އެ ދެ މީހުންގެ ދިރިއުޅުން އޮތީ ވަރަށް ސާފުކޮށް ހުޅުވާލައިފަ އެވެ. މި ޕްލެޓްފޯމްތަކުން އެނގެން ވަޒަންކޮށްލެވޭނެ އެވެ.

"އަހަރެމެންގެ މަގުސަދަކީ ނުކުޅެދުންތެރިކަމެއް ހުރުމަކީ ބައިވެރިޔަކު ނުލިބެން ޖެހޭ ނޫނީ ލޯބިން މަހުރޫމްވާން ޖެހޭ ސަބަބެއް ނޫންކަން ހާމަކޮށް ދިނުން،" ޝޭން ބުންޏެވެ.

އޭނާ ކިޔައި ދިން ދިމާވާ ބައެއް މީހުންނަށް ފުރަތަމަ އެއީ ލޯބިވެރިން ކަމަށް ގަބޫލުކުރަން ދަތިވެ އެވެ. އެގޮތުން ބައެއް މީހުން ހަނާއަކީ އޭނާ ބަލަހައްޓާ އެހީތެރިޔާތޯ ސުވާލު ވެސް ކޮށްފައި އެބަހުރި ކަމަށް ބުންޏެވެ.

"އެކަމަކު އެއީ އަހަރެން ލޯބިވެރިޔާއޭ ބުނީމަ ހަނާ އަށް ނިސްބަތްކޮށް ވަރަށް ދެރަވާ ކަހަލަ އެއްޗެހި ވެސް އެބަހުރި ބައެއް މީހުން ބުނެފައި،" ޝޭން ބުންޏެވެ. "އެކަމަކު މަދުން ނަމަވެސް ބައެއް މީހުން އަހަރެމެން ދެ މީހުންގެ ގުޅުމަށް ތައުރީފުކޮށް، ހިތްވަރު ވެސް ދީފައި އެބަހުރި."

ހަނާ ބުނީ އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި ބަޔަކު މީހުން ދައްކާހާ ވާހަކަތައް އެހާ ސީރިއަސްކޮށް ނުނަގާ ކަމަށެވެ.

"ޝޭންއާ އެކު އަހަރެން މި އުޅެނީ ވަރަށް އުފަލުން. އޭނާއަކީ ވަރަށް މަޖާ އަދި ހެއްވައި އުފާވާ ކަހަލަ ކަންކަން ކުރަން އެނގޭ މީހެއް. އެވަރުން ފުދޭނެ،" އޭނާ ބުންޏެވެ.

0 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 3%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454