ލުފްތަންސާގެ ބޯޓެއް
13 ފެބުރުއަރީ 2019 - 06:25
ވައިގެ މަގުން ދަތުރުކުރާ މީހުން އަގު ހެޔޮކޮށް ބައެއް ތަންތަނަށް ދާން ގެންގުޅޭ "ހިޑްން ސިޓީ" އުކުޅު ބޭނުންކުރި ފަސިންޖަރަކާ ދެކޮޅަށް ޖަރުމަނުގެ ލުފްތަންސާ އެއާލައިނުން ދައުވާކޮށްފި އެވެ.
ލުފްތަންސާ އިން ދައުވާކުރަނީ، ޓިކެޓްގައި އޮތް ގޮތަށް ދަތުރު ފުރިހަމަ ނުކޮށް، ދަތުރުގެ ފަހު މަންޒިލަށް އޮތް ފްލައިޓް ގަސްތުގައި މިސްކޮށްލައި އެހެން ބޯޓެއްގައި ދަތުރުކުރި މީހެއްގެ މައްޗަށެވެ. މިހެން ހަދަނީ އެ މީހަކު ދާން ބޭނުންވާ ތަނަކަށް އަގު ހެޔޮކޮށް ދެވޭނެ މަގު ތަނަވަސްކުރުމަށެވެ. އަގު ހެޔޮ ފެއާއަކުން ޓިކެޓް ނަގައި، އެ ދަތުރުގައި މަޑުކޮށްލާ ތަނަކީ އެ މީހަކު އަސްލު ދާން ބޭނުންވާ ތަން ނުވަތަ ދާން ބޭނުންވާ ތަނަށް އަގު ހެޔޮކޮށް ދެވޭ ތަނެއް ނަމަ، ކުރަމުން ދިޔަ ދަތުރު އެ ހިސާބުން ނިންމާލަނީ އެވެ. އަދި އެ ދާން ބޭނުންވާ ތަނަކަށް ވަކިން ޓިކެޓް ނަގައިގެން ދަނީ އެވެ.
މިސާލަކަށް، ނިއު ޔޯކުން ސެން ފްރެންސިސްކޯ އަށް ދާން ބޭނުންވާ މީހަކު، ނިއު ޔޯކުން ލޭކް ޓަހޯ އަށް ދަމުން ސެން ފްރެންސިސްކޯގައި މަޑުކޮށްލާ ފްލައިޓެއް ބުކް ކުރެވިދާނެ އެވެ. އޭރުން ޓަހޯ އަށް އޮތް ދަތުރު ނުކޮށް ސެން ފްރެންސިސްކޯގައި ހުންނާނީ އެވެ. ބައެއް ފަހަރު މިއީ ދަތުރު އަގު ހެޔޮވާ ގޮތެކެވެ.
ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި ބުނެފައިވަނީ ދައުވާ ލިބޭ ފަސިންޖަރު، އޮސްލޯ އިން ސިއޭޓްލް އަށް ފްރެންކްފަޓްގައި މަޑުކޮށްފައިވާ ދާ ގޮތަށް ރިޓާން ޓިކެޓެއް ނެގި ކަމަށެވެ. އޭނާ މި ދަތުރުގައި ފްރެންކްފަޓްގައި މަޑުކުރުމަށް ފަހު ދަތުރު ފުރިހަމަ ނުކޮށް ލުފްތަންސާގެ އެހެން ފްލައިޓަކުން ޓިކެޓް ނަގައިގެން ދިޔައީ ބާލިން އަށެވެ.
މި މައްސަލާގައި ލުފްތަންސާ އިން ދައުވާކުރަނީ 2،385 ޑޮލަރުގެ ބަދަލު ހޯދުމަށެވެ. ސީއެންއެން އިން ބުނީ މިއީ މިދިޔަ އަހަރު ހުށަހެޅުމުން ބާލިންގެ ޑިސްޓްރިކްޓް ކޯޓަކުން ބޭރުކޮށްލި މައްސަލައެއް ކަމަށާއި އެކަމަކު މިހާރު ވަނީ އެ މައްސަލަ އިސްތިއުފާނަށް ހުށަހަޅާފައި ކަމަށެވެ.
ލުފްތަންސާ އިން ބުނީ މި ދައުވާކުރަން ޖެހެނީ ޓިކެޓް ގަތް މީހާ އިގުރާރުވެފައިވާ ގޮތާ ހިލާފުވެފައިވާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy