ދަންމަޅި ލާފައިވާ ހުޑީ ލަންޑަން ފެޝަން ވީކްގައި ދައްކައިލަނީ.
21 ފެބުރުއަރީ 2019 - 07:35
ފެޝަން ކުންފުނިތަކުން މި ފަހުން ނެރޭ ގިނަ ފަރުމާތަކާ އެކު ކޮންމެވެސް މައްސަލަގަނޑެއް އެބަ ފެންމަތިވެ އެވެ. އަނެއްކާ ވެސް މިއޮތީ މަޝްހޫރު ފެޝަން ކުންފުންޏެއް ހޫނު ފެނަށް ވެއްޓިފަ އެވެ. އެއީ އިނގިރޭސިވިލާގެ ބާބެރީ އެވެ.
މިދިޔަ އާދީއްތަ ދުވަހު ލަންޑަން ފެޝަން ވީކްގައި ދައްކައިލި ހުޑީއަކަށް ގިނަ ބަޔަކު މިހާރު އަންނަނީ ފާޑު ކިޔަމުންނެވެ. މައްސަލަކައަށްވީ ދަންމަޅިއެއްހެން އިނުމެވެ.
ގިނަ ބަޔަކަށް އެކަން މައްސަލައަކަށްވީ މި ހުޑީއަކީ ޒުވާނުން "އަމިއްލަ އަށް މަރުވާން" ހިތްވަރު ދޭ އުފެއްދުމެއް ކަމަށް ސިފަވާތީ ކަމަށް ބުނެ އެވެ. ބާބެރީން ބުނި ގޮތުގައި މި ހުޑީއަކީ "ޓެމްޕެސްޓް" ގެ ނަމުގައި ތައްޔާރުކުރި ކަލެކްޝަނުގައި ހިމެނޭ އުފެއްދުމެކެވެ. އެކަމަކު މިއީ އަމިއްލަ އަށް މަރުވާން ހިތްވަރު ދިނުނުގެ ނިޔަތުގައި ފަރުމާކުރި ހުޑީއެއް ނޫން ކަމަށް ބުނެ އެ ކުންފުނިން ވަނީ މައާފަށް ވެސް އެދިފަ އެވެ.
"މިއީ ވިސްނާ ނުލައި ހެދުނު ވަރަށް ބޮޑު ގޯހެއް. އެހެންވެ ވަރަށް ބޮޑަށް މައާފަށް އެދެން،" ބާބެރީގެ ބޮސްގެ މާކޯ ގޮބެޓީ ބުންޏެވެ.
ރޭމްޕްގައި ހުޑީ ދައްކައިލި މޮޑެލް ލިޒް ކެނެޑީ ވެސް ވަނީ މާފަށް އެދި އިންސްޓަގްރާމްގައި ބޮޑު ބަޔާނެއް ނެރެފަ އެވެ. އޭނާ ބުނީ "އަމިއްލަ އަށް މަރުވުމަކީ "ފެޝަނެއް ނޫން" ކަމަށާއި "އެކަމަށް ހިތްވަރު ދޭ ކަހަލަ ފަރުމާއަކާ އެކު ނުކުމެވުނީތީ ލަދުވެތިވާ" ކަމަށެވެ.
ގިނަ ބަޔަކަށް ބަލައިގަންނަން އުނދަގޫވާ ކަހަލަ ފަރުމާތަކެއް ނެރެގެން މި ފަހުން ފާކިޔުންތައް އަމާޒުވި އުފެއްދުންތަކުގެ ތެރޭގައި "ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދޭ" ކޭޓީ ޕެރީގެ ފައިވާން ކަލެކްޝަނާއި ގޯލްޑެން ނޫޒްގެ "ޓޭޕް އެޅި" ބޫޓާއި "ކިލާވެފައިވާ" ގުޗީގެ ބޫޓް ކަލެކްޝަން ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy