04 އެޕްރީލް 2019 - 07:35
އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް އިންސްޓަގްރާމް ބޭނުން ކުރައްވަން ފައްޓަވައިފި އެވެ.
ދެކަނބަލުންގެ ނަމުގައި އާންމުކުރެއްވި އިންސްޓަގްރާމް އެކައުންޓްގެ ނަމަކީ ސަސެކްސްރޯޔަލް އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ކައިވެނި ބައްލަވައިގަތް ޕްރިންސް ހެރީ އާއި މާކަލް އަށް މިހާރު ރަސްމީކޮށް މުހާތަބުކޮށް އުޅެނީ ދަ ޑޫކް އެންޑް ޑަޗެސް އޮފް ސަސެކްސްގެ ނަމުންނެވެ.
ދެ ބޭފުޅުންގެ އިންސްޓަގްރާމް އެކައުންޓަށް ނަން ދީފައި ވަނީ އެ ނަންތަކާ ގުޅުވައިގެންވެ. އަންގާރަ ދުވަހުން ފެށިގެން ރަސްމީކޮށް އިންސްޓަގްރާމަށް ދެކަނބަލުން ވަޑައިގެންނެވި ނަމަވެސް އޭގައި އަދި މާ ގިނަ ޕޯސްޓްތަކެއް ނެތެވެ.
އެކަމަކު ދެ ބޭފުޅުންގެ މަދު ފޮޓޯތަކެއް ޕޯސްޓްކޮށްފައިވާ އިރު، ކުރިއަށް އޮތް ތަނުގައި މި އެކައުންޓް ވާނީ ޕްރިންސް ހެރީ އާއި މޭގަންއާ ބެހޭ ގިނަ ކަންކަން ހިއްސާކުރާނެ އެކައުންޓަކަށެވެ. އޭގެ ފޮލޯވަރުންގެ އަދަދު މިހާރު ވެސް ދެ މިލިއަނަށް އަރަ އެވެ.
ޕްރިންސް ހެރީ އާއި މޭގަން މިހާރު ގެންދަވަނީ އަލަތު ދަރިފުޅަށް އިންތިޒާރު ކުރައްވަމުންނެވެ. ދެބޭފުޅުންނަށް އަލަތު ދަރިފުޅު ލިބިވަޑައިގަންނަވާނީ މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy