ޓްރިންކެޓްސްގެ ހައްވާ ސަދާ ޖުވެލަރީ ޑިޝެއް ފަރުމާކުރަނީ
06 ސެޕްޓެމްބަރ 2016 - 06:41
ގަހަނާ އަކީ އަންހެނުންނަށް ވަރަށް ހާއްސަ އެއްޗެކެވެ. ތަނަކަށް ދާން ނަލަވާއިރު އެމީހަކު ލައިގެން ހުންނަ ހެދުމެއް ފުރިހަމަ ވަނީ ގަހަނާއެއް އަޅާލުމުންނެވެ. ރަން ކެވެލިކޮޅެއް، ބުރުގާގައި ޖަހާ ދައްޗެއް، ނަލަ ފަށެއް ނުވަތަ ގަޑިއެއް ނަމަވެސް ރީތިކޮށް ރައްކާކޮށްލަން ކޮންމެ މީހަކު ވެސް ބޭނުންވާނެ އެވެ. މިކަމަށް ހާއްސަކޮށް "ޓްރިންކެޓްސް"ގެ ނަމުގައި ވަނީ ދިވެހި އުފެއްދުމެއް ނެރަފަ އެވެ. މި ޖުވެލަރީ ޑިޝަސް ނުވަތަ ގަހަނާ އަޅާ ތައްޓަކީ ޑްރެސިން ޓޭބަލް މަތީ ބަހައްޓާލަން ހިތްގައިމު އެއްޗެކެވެ.
މި އުފެއްދުމުގެ ފަހަތުގައި ވަނީ ޖަމާލުއްދިން ސްކޫލުގެ ޓީޗަރެއް ކަމަށްވާ ހައްވާ ސަދާ އެވެ. މިދިޔަ ފެބްރުއަރީ މަހު ޓްރިންކެޓްސްގެ ނަމުން އިންސްޓަގްރާމްގައި ޕޭޖެއް ހިންގަން ފެށި ސަދާގެ ޖުވެލަރީ ޑިޝަސް އަންނަނީ މަގުބޫލުކަން ހޯދަމުންނެވެ.
ސަދާ އޭނާގެ މަސައްކަތާ ބެހޭ ގޮތުން "މިހާރު" އަށް ބައެއް މައުލޫމާތު ހިއްސާކުރި އެވެ.
އަޅުގަނޑު އެއްފަހަރު ޗުއްޓީއަކަށް ގޮސް އުޅުނުއިރު ގަތް ކްލޭ ގަނޑެއް ގޭތެރޭ ކަބަޑު ތެރޭގަ އޮންނަތާ މާ ގިނަ ދުވަސް ވާތީ ގަސްތުކުރީ އޭގެން އެއްޗެއް ހަދަން. ކޮންމެވެސް ވަރަކަށް ރިސާޗު ކޮށްލުމަށް ފަހު ޖުވެލަރީ ޑިޝެއް ފަރުމާކުރަން ނިންމީ. އަޅުގަނޑު ޖުވެލަރީ ޑިޝަސް ހަދަން ފެއްޓީ އެއިން މާލީ ފައިދާއެއް ހޯދާކަށް ނޫން. ގާތް ރަހުމަތްތެރިންގެ އުފަން ދުވަހަށް ހަދިޔާއެއް ގޮތަށް އެ އެއްޗެހި ތައްޔާރުކުރީ. ގާތް މީހުންނަށް ޖުވެލަރީ ޑިޝަސް ތައްޔާރުކުރާއިރު އަބަދުވެސް އަޅުގަނޑުގެ ޕާސަނަލް ޓަޗެއް ދެވޭތޯ މަސައްކަތްކުރަން. އެހެންވެ ވިސްނީ މިގޮތަށް އިތުރު ތަށި ތައްޔާރުކުރަން. ދެން އިންސްޓަގްރާމަށް އަޅުގަނޑުގެ ޖުވެލަރީ ޑިޝަސްގެ ފޮޓޯއެއް ލުމަށްފަހު ރައްޓެހިންގެ ތެރޭގައި މަގުބޫލުވެ ގިނަ ބައެއް އޯޑަރު ދޭން ފެށި. އެއަށްފަހު ހަމަ ކުރިއަށް މިދަނީ.
ގިނަ މެޓީރިއަލް ހޯދަނީ ރާއްޖޭން ބޭރުން. މާލޭގެ ބައެއް ފިހާރަތަކުން ވެސް ލިބޭ. އެކަމަކު އެއްފަހަރު ލިބުނިއްޔާ އަނެއްފަހަރަކު ނުލިބޭނެ. ރާއްޖޭން މިކަހަލަ ހުރިހާ މެޓީރިއަލެއް އަތްފޯރާ އަގެއްގައި ލިބޭ ނަމަ ވަރަށް ފަސޭހަވާނެ.
އަޅުގަނޑަކީ ކުރެހުންތެރިއެއް ކަމަކަށް ގަބޫލެއް ނުކުރަން. އެކަމަކު އެކި ވައްތަރުގެ ކްރާފްޓް މަސައްކަތައް ކުރަން ވަރަށް ޝައުގު ހުރޭ. އެހެންވީމަ، ވަކި ވައްތަރެއްގެ ސްޓައިލެއް އަދި ނުގެންގުޅެން. އެކަމަކު ދަނބު، ނޫ އަދި ފެހި ޕޭސްޓަލް ކުލަތައް އާއްމުކޮށް ބޭނުންކުރަން.
ވަކިން ހާއްސަ ނުވަތަ ފޭވަރިޓް ޑިޒައިނެއް ނެތް. އެކަމަކު އަޅުގަނޑަށް ވަރަށް ކަމުދިއަ ކޮމްބޯއެއް ވޭ. އެއީ ރަން މަލެއް އިންނަ ވައްތަރަކާއި، ޓާކުއޮއިޝް ކުލައިން ޑިޒައިން ބޭނުންކޮށްފައިވާ ވައްތަރެއް އަދި ރަން ކުލައިގެ ކަން ހުންނަ ވައްތަރު. މި ކޮމްބޯ ކަމުދަނީ ތަށިތައް ހަދަން ފެށި އިރު ބޭނުންކުރި ޑިޒައިންތަކަކަށް ވީމަ ކަމަށް ވެސް ވެދާނެ.
މިިހާރު އަޅުގަނޑުގެ ޑިޝަސް ގަންނަނީ ރަހުމަތްތެރިންނާއި އެމީހުންގެ ރަހުމަތްތެރިން އަދި ޓްރިންކެޓްސްގެ އިންސްޓަގްރާމް ޕޭޖު ފޮލޯ ކުރާ މީހުން. ގިނަ މީހުންނަށް ޓްރިންކެޓްސް އެނގެން ފެށީމަ ކުރިއަށް އޮތް ތަނުގައި ޑިމާންޑު ބޮޑުވާނެކަމަށް އުއްމީދުކުރަން.
އަތުން ފަރުމާކޮށްފައި ހުންނަ އަމިއްލަ ވަންތަ އުފެއްދުންތައް މިހާރު ގިނަ ބަޔަކަށް ކަމުދޭ. މިކަހަލަ ކްރާފްޓް މަސައްކަތް ނުވަތަ ކޮންމެ ރޮނގަކުން ކުރިއަށްދާން ބޭނުން ނަމަ ޝައުގުވެރިކަމާ އެކު އެ މަސައްކަތެއް ކުރެވޭތޯ ބަލަންވާނެ.
އަޅުގަނޑުގެ ގަހަނާ އަޅާ ތަށިތައް ކޮމާޝަލީ އުފައްދާ، ބޮޑެތި މާކެޓުތަކަށް ނުވަތަ ޓޫރިސްޓު ފިހާރަތަކަށް ފޯރާނެ ގޮތަކަށް އުފައްދަން ބޭނުން. މިހާރު ޕޮޓަރީއަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދިއްޖެ. އެހެންވީމަ މި ދާއިރާއިން އިތުރަށް ޓްރެއިނިން ހަދާ އެކި ވައްތަރުގެ ކްލޭ ބޭނުންކޮށްގެން ތަފާތު އުފެއްދުންތައް ތައްޔާރުކުރަން ވެސް ބޭނުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަހަމަ ބުނެލީ
06 September 2016
ސަދާ ޖަމާލުދީން ސްކޫލުން ކެންދުންތާ 5 އަހަރު ވެއްޖެ. ގުޑް ވޯރކް ސަދާ
ާި
06 September 2016
ޥަރަށް ރީތި އަދި މޮޅު
ހމމ
06 September 2016
ދެން އޯކޭ...
ނީމާ
06 September 2016
ވަރަށް ސަޅި ޑިޒައިންތަކެއް! ރާއްޖޭގައި މިކަހަލަ މަސައްކަތް ކުރާ މީހުން ތިބީމަ ސަޅި!