07 ޖޫން 2019 - 08:38
މިހާރު އެންމެ މުއްސަނދި އަންހެން ލަވަކިޔުންތެރިޔަކީ ރިއާނާ ކަމަށް ފޯބްސް އިން ބުނެފި އެވެ.
ފޯބްސް އިން ބުނި ގޮތުގައި 31 އަހަރުގެ ލަވަކިޔުންތެރިޔާގެ މިލްކިއްޔާތު 600 މިލިއަން ޑޮލަރަށް އަރަ އެވެ. މި އަދަދާ އެކު އޭނާ ވަނީ މިއުޒިކްގެ ދުނިޔޭގެ ގަދަފަދަ ނަންތައް ކަމަށްވާ މެޑޯނާ އާއި ބިޔޯންސޭ އަދި ސެލީން ޑިއޯން ފަދަ މަޝްހޫރު ފަންނާނުން ވެސް ފަހަތަށް ޖައްސާލައިފަ އެވެ.
ފޯބްސް އިން ބުނީ ރިއާނާގެ މިލްކިއްޔާތު މިހާރު މެޑޯނާ އަށް ވުރެ 300 މިލިއަން ޑޮލަރު، ބިޔޯންސޭ އަށް ވުރެ 200 މިލިއަން ޑޮލަރު އަދި ޑިއޯން އަށް ވުރެ 150 މިލިއަން ޑޮލަރު ގިނަ ކަމަށެވެ.
Inside the list of America's richest #SelfMadeWomen 2019: https://t.co/WJ972IvDb7 pic.twitter.com/qBl96roerJ
— Forbes (@Forbes) June 5, 2019
ބާބެޑޯސް އަށް އުފަން މި ލަވަކިޔުންތެރިޔާ އަށް އާމްދަނީ ލިބެނީ ހަމައެކަނި މިއުޒިކުންނެއް ނޫނެވެ. އޭނާ އަށް އާމްދަނީ ލިބޭ މަސައްކަތުގެ ތެރޭގައި އަމިއްލަ ކޮސްމެޓިކާއި ފެޝަން ލައިން ފެންޓީ އާއި ފްރާންސްގެ ކުންފުނި އެލްއެވީއެމްއެޗާ ގުޅިގެން ހިންގާ ވިޔަފާރި ހިމެނެ އެވެ.
ފޯބްސް އަށް ރިއާނާ ބުނީ މާ މުއްސަނދި މީހަކަށް ވާން އެއް އިރެއްގައި ވެސް މަސައްކަތް ނުކުރާ ކަމަށެވެ. އެކަމަކު ކުރާ ކޮންމެ މަސައްކަތަކެއް ކުރަނީ އެކަމަކާ ވަރަށް ގަޔާވެގެން ލޯތްބާ އެކު ކަމަށް ބުންޏެވެ.
"އެ މަސައްކަތްތަކަކަށް ދުވަހަކު ވެސް ހުއްޓުމެއް ނާންނާނެ. އަހަރެންގެ ޕެޝަނަކީ މިއީ،" އަދި ކައިވެންޏެއް ނުކުރާ ލަވަކިޔުންޔެރިޔާ ބުންޏެވެ.
"އަމްބްރެއްލާ" އާއި "ޑައިމަންޑްސް" އަދި "ވަޓް އިޒް މައި ނޭމް؟" ފަދަ މަގުބޫލު އެތައް ލަވައެއް އެހުންތެރިންނަށް ދޫކޮށްލާފައިވާ ރިއާނާ ވަނީ މިހާތަނަށް 8 އަލްބަމެއް ނެރެފަ އެވެ. އޭނާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2016 ގެ "އެންޓި" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy