މޮނާލީޒާގެ ހިނިތުންވުމަކީ ފޭކެއް؟

ދުނިޔޭގައި މިހާތަނަށް އެންމެ ބޮޑަށް ދިރާސާކޮށްފައިވާ މޮނާލިޒާގެ ހިނިތުންވުމަކީ "ފޭކެއް" ކަމަށް ވެދާނެ ކަމުގައި ސައިންސްވެރިން ބުނެފި އެވެ.


މަޝްހޫރު އާޓިސްޓް ލިއެނާޑޯ ޑާވިންޗީގެ ކުރެހުމުން ފެންނަ މޮނާލީޒާ އިންނަނީ އުފާވެރިކޮށް ހިނިތުންވެފައި ނޫން ކަމަށް ބައިނަލްއަގުވާމީ ޓީމަކުން މޮނާލީޒާގެ ތުންފަތާއި އޭގެ މަތިން މޫނުގެ މަސްތައް ބަލައިގެން ކުރި ދިރާސާ އަށް ފަހު ބުންޏެވެ. އާޓް އޮބްޒާވަރުންނާއި ސްކޯލަރުންގެ ލޯބި ލިބިފައިވާ މި ކުރެހުމުގައިވާ ހިނިތުންވުމަކީ ފަހަރެއްގައި ސިއްހީ ހާލަތެއް ކަމަށްވާ ބެލްސް ޕަލްސީގެ ސަބަބުން މޫނުން ފެންނަން ހުންނަ އަސަރަކަށް ވެދާނެ ކަމަށް އެ މީހުން ބުރަވެ އެވެ.

އެންމެފަހުން މި ކުރެހުމަށް އަށް ބަލާފައިވަނީ ނިއުރޯސައިކޮލޮޖީގެ ނަޒަރިއްޔާ އިންނެވެ. މި ނަޒަރިއްޔާއިން ދައްކާ ގޮތުގައި އެ ހިނިތުންވުމަކީ އޭގެ އެންމެ އުފާވެރިކޮށް އިން ހިނިތުންވުމެއް ނޫނެވެ. އަދި އެހެންމެ މިއީ ފޭކު ހިނިތުންވުމަކަށް ވެސް ވެދާނެ ކަމަށް ބުންޏެވެ.

ސައިންޓިސްޓުން ފާހަގަކުރި ގޮތުގައި އެ ޕޯޓްރެެއިޓް ކުރަހަން އެތައް ގަޑިއިރެއް ވަންދެން އެއްގޮތަކަށް އިށީނދެ އުފާވެރި ހިނިތުންވުމެއް ވެރިކޮށްގެން އިނުމަކީ ވަރަށް އެކަށީގެން ނުވާ ކަމެކެވެ.

މި ދިރާސާގައި ވަނީ 42 މީހަކު ކައިރީ ފޮޓޯ ލޯގަނޑުގެ ދެފަރާތުން ބަލައި އެއާ ގުޅޭ އިހްސާސްތައް ބުނެދޭން ހަވާލުކޮށްފަ އެވެ. އެގޮތުން 92.8 ޕަސެންޓް މީހުން ބުނެފައިވަނީ ވާތް ފަރާތުން އެ ކުރެހުމުގައި މޮނާ ލީޒާގެ ތުންފަތުން އުފުލިފައިވާ ބައިން އުފާވެރިކަން ފެންނަ ކަމަށެވެ. އެކަމަކު ކަނާތްފަރާތުން ބަލައިފައި އެކަކުވެސް މިގޮތަކަށް ނުބުނެ އެވެ. އަދި 35 ޕަސެންޓް މީހުން ބުނީ ކަނާތްފަރާތުން އެއްވެސް އަސަރެއް ނުފެންނަ ކަމަށެވެ. އަދި ފަސް ޕަސެންޓް މީހުން ބުނީ ހިތްހަމަނުޖެހުން ފެންނަ ކަމަށެވެ. އަދި ދެ ޕަސެންޓުން މީހުން ބުނީ ހިތާމަވެރިކަން ހާމަވާ ކަމަށެވެ.

ސައިންސްވެރިން ބުނި ގޮތުގައި ހިނިތުންވުމުގައި މޮނާލީޒާ މޫނުގެ މަތީގައިވާ މަސްތައް ހަރާކާތްތެރިވާތަނެއް ކުރެހުމަކުން ނުފެނެ އެވެ. ހަގީގީ ހިނިތުންވުމެއްގައި ނަމަ ކޮލުގެ މަސްތައް މައްޗަށް އަރައި ލޮލުގެ ތިރިއަށް ރޫ ޖެހޭނެ އެވެ.

ޕެރިސްގައި މި ކުރެހުން ފްރޭމްކޮށްފައިވާ ތަނުން ހިނގާ މީހުންނާ ދިމާލަށް މޯނާ ލީޒާގެ ކަޅި ހަރަކާތްކުރާހެން ހީވާ (މޯނާ ލީޒާ އިފެކްޓް) އަކީ ދޮގެއްކަން ވެސް ދާދި ފަހަކުން ޖަރުމަނުގެ ސައިންޓިސްޓަކު ވަނީ ހާމަކޮށްފަ އެވެ.

އިޓަލީގެ އާޓިސްޓް ލިއަނާޑޯ ޑާ ވިންޗީ ކުރެހި މޮނާލިޒާގެ ފޮޓޯ 1797 އިން ފެށިގެން ލޫވާ މިއުޒިއަމްގައި ހުރެ އެވެ. މިކުރެހުމަކީ މުޅި ދުނިޔެ ދަންނަ އަދި އެންމެ ގިނައިން އެ ކުރެހުމަކާއި ބެހޭ ގޮތުން ލިޔެ ބަހުސްކުރާ އެއް ކުރެހުމެވެ. މީގެ އިތުރުން މިއީ ދުނިޔޭގައިވާ އެންމެ އަގުހުރި އެއް ކުރެހުން ވެސް މެ އެވެ.