08 ޖުލައި 2019 - 07:33
ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ދަރިކަލުން އާޗީ ހެރިސަން މައިންޓްބެޓަން ވިންޑްޒާގެ މޫނު އެއްކޮށް ފެންނަ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ
އޭގެ ތެރެއިން ބައެއް ފޮޓޯތައް ވަނީ ހެރީ އާއި މޭނަންގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް ސަސެކްސް ރޯޔަލް އާއި ޝާހީ އާއިލާގެ ޓްވިޓާ އެކައުންޓަކުގައި ވެސް ހިއްސާކޮށްފަ އެވެ. އޭގެ އެއް ފޮޓޯގައި އާޗީ ފެންނަނީ އާއިލާގެ ބައެއް މެމްބަރުންނާ އެކީގަ އެވެ. އޭގެ ތެރޭގައި ބައްޕަފުޅާއި މަންމާފުޅާއި ކާފާފުޅާއި މަންމަ ފަރާތު މާމަ އާއި ހެރީގެ ބޭބޭފުޅު ޕްރިންސް ވިލިއަމާއި އޭނާގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވަ އެވެ.
އާންމުކޮށްފައިވާ ދެވަނަ ފޮޓޯގައި ފެންނަނީ ޕްރިންސް ހެރީ އާއި މޭގަން ދަރިކަލުންނާ އެކު ތިއްބަވަނިކޮށެވެ. އެ ފޮޓޯ އިނީ ކަޅާއި ހުދުންނެވެ.
އާޗީގެ މޫނު އެއްކޮށް ފެންނަ ފޮޓޯތަކެއް ޝާހީ އާއިލާ އިން ފުރަތަމަ ފަހަރަށް ހިއްސާކޮށްފައި ވަނީ ޝާހީ އާއިލާގެ ކަންކަން ގާތުން ބަލާ މީހުން އެކަމަށް އިންތިޒާރުކުރާތާ ދުވަސްތަކެއް ފަހުންނެވެ.
މީގެ ކުރިން ހިއްސާކޮށްފައި ވަނީ ދަރިކަލުންގެ މޫނު އެއްކޮށް ނާރާ ގޮތަށް ނަގާފައިވާ ފޮޓޯތަކެވެ. އަދި ދަރިކަލުންނާ އެކު މޭގަން އާއި ހެރީ މީޑިއާތަކާ ފުރަތަމަ ބައްދަލު ކުރެއްވި ދުވަހު ވެސް މޫނު އޮތީ ރަނގަޅަށް ނުފެންނަ ގޮތަށް ނިވާކޮށްފަ އެވެ. މީޑިއާތަކުން އޭރު އެކި އެންގަލްތަކުން ފޮޓޯ ނަގައިގެން ވެސް މޫނު އެއްކޮށް ދައްކައިލެވޭތޯ ލައްކަ މަސައްކަތް ވެސް ކުރި އެވެ.
މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު އުފަންވި އާޗީ އަކީ ޕްރިންސް ހެރީ އާއި މޭގަންގެ އަލަތު ދަރިކަލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy