08 އޯގަސްޓް 2019 - 08:15
އިނގިރޭސިލިވިލާތުގެ މީހެއްގެ ނަމަށް ގެނައި ބަދަލަކާ ގުޅިގެން އެ ނަމަކީ ބަލައި ގަނެވޭނެ ނަމެއް ނޫން ކަމަށް ބުނެ އޭނާގެ ޕާސްޕޯޓް އާކޮށްދޭން އެ ގައުމުގެ ހޯމް އޮފީހުން ދެކޮޅު ހަދައިފި އެވެ.
ކުރިން އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ ކޯންވޯލް އަށް ނިސްބަތްވާ 33 އަހަރުގެ ކެނީ ވަނީ އޭނާގެ ނަމުގެ ފަހަތަށް މީގެ ތިން އަހަރު ކުރިން ފު-ކެނާޑް އިތުރުކޮށްފަ އެވެ. އަދި ރަސްމީ އެހެން ލިޔުންތަކުގައި ވެސް ބޭނުން ކުރަނީ އެ ނަމެވެ. ނަމަވެސް އެ ނަމާ އެކު ޕާސްޕޯޓް އާކޮށްދޭން އެކި ފަހަރުމަތިން ހުށަހަޅައިގެން ވެސް ހޯމް އޮފީހުން ވަނީ އިންކާރުކޮށްފަ އެވެ.
ހޯމް އޮފީހުން ބުނި ގޮތުގައި ފޫ-ކެނާޑަކީ މީހަކަށް ކިޔާ ނަމަކަށް ވުރެ "ރޫޑް" އަދި މަސްލަހަތު ގެއްލިދާނެ ކަހަލަ ނަމެކެވެ. އެއީ އިނގިރޭސި ބަހުން އެ ނަން ލިޔާ އަދި ކިޔާ ގޮތުންނެވެ.
އުމުރުން 16 އަހަރުގައި ވެސް ކެނީ ވަނީ އޭނާގެ ނަމަށް ބަދަލު ގެނެސްފަ އެވެ. އެ ފަހަރު ނަމުގެ ކުރިއަށް ކޮކޯ އިތުރުކޮށްފައިވެ އެވެ. އެކަމަކު ފަހުން އެ ނަން ބަދަލުކުރީ އަސްކަރިއްޔާ އަށް ވަންނަން ޖެހިގެންނެވެ.
ޕާސްޕޯޓް އާ ނުކުރެވި ގައުމުން ބޭރަށް ޗުއްޓީ އަށް ވެސް ނުދެވި ހުރި ކެނީ ބުނީ އޭނާގެ ނަމުގައި އެއްވެސް މައްސަލައެއް އޮތް ކަމަކަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އޭނާ ބޭނުން ނަމެއް ކިޔުމުގެ ހައްގު އޮންނާނެ ކަމަށާއި ހޯމް އޮފީހުން ހައްގަކަށް އަރައިގެންފައިވާ ކަމަށް ބުންޏެވެ.
"އެ މީހުންނަށް އަހަރެންގެ ނަން ބަދަލުކުރާކަށް މަޖުބޫރެއް ނުކުރެވޭނެ. އެއްވެސް މިންގަނޑަކާ ހިލާފު ނަމެއް ނޫން އަހަރެންގެ ނަމަކީ. އެކަމަކު ތާކުންތާކު ނުޖެހޭ ބަހަނާތައް ދައްކައި ޕާސްޕޯޓް އާކޮށް ނުދިނުމަކީ އަހަރެންގެ މިނިވަން ކަމަށް ވެސް އަރައިގަތުން،" ކެނީ ބުންޏެވެ. "މިއީ ބަލައި ގަނެވޭނެ ކަމެއް ނޫން. އަދި ހޯމް އޮފީހުން ދައްކާ ބަހަނާތަކަކީ ބޮޑު ޖޯކެއް."
ކެނީ ބުނި ގޮތުގައި އޭނާ އަކީ އަބަދުވެސް ގައުމުތަކަށް ދަތުރުކުރަން ހިތްވާ މީހެކެވެ. އެކަމަކު ނަމުގެ މައްސަލާގައި ޕާސްޕޯޓް އާކޮށް ނުދީ ހިފަހައްޓާފައިވާތީ އެއްވެސް ގައުމަކަށް ދަތުރު ނުކުރެވޭތާ ތިން އަހަރުވެއްޖެ ކަމަށް ބުންޏެވެ.
"އެންމެ ފަހުން އަހަރެން ދިޔަ ގައުމަކީ ސްރީ ލަންކާ. އަހަރެން ވަރަށް ބޭނުން ވީހާ ވެސް އަވަހަކަށް ކެމްބޯޑިއާ އަށް ވެސް ދާން،" ކެނީ ބުންޏެވެ. "އެކަމަކު އަހަރެންގެ ދަތުރުފަތުރު ކުރުމުގެ ހައްގު ހޯމް އޮފިހުން ވަނީ ނިގުޅައިގެންފައި. މި މައްސަލާގައި ހަދާނެ ގޮތެއް، ދާނެ ދިމާލެއް ނޭނގިފައި އަހަރެން މި ހުންނަނީ."
މިކަމާ ބެހޭ ގޮތުން ހޯމް އޮފީހުގެ ތަރުޖަމާން މީޑިއާތަކަށް ވިދާޅުވީ ވަކިވަކި ފަރުދުންގެ ކޭސްތަކާ ގުޅޭ ގޮތުން މީޑިއާތަކާ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ. އެކަމަކު ކެނީގެ ޕާސްޕޯޓް އާކޮށް ނުދީ އޮތީ ޕާސްޕޯޓްގެ ގައިޑްލައިންތަކުގެ ދަށުން ކަމަަށް ވިދާޅުވި އެވެ.
"އޭގައި ކަނޑައެޅިގެން އޮންނާނެ ޕަބްލިކް އޮފެންސަކަށްވާ ކަހަލަ ނަމެއް ބޭނުމެއް ނުކުރެވޭނޭ،" ތަރުޖަމާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy